06 އޮކްޓޯބަރ 2021 - 12:53

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން އަނެއްކާވެސް މިއަދު ނިންމައިފި އެވެ.
ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ވަނިކޮށް އަލީ ވަހީދު މިދިޔަ ފެބްރުއަރީ މަހު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތްފަހުން އޭނާ އެނބުރި ވަޑައެއް ނުގަންނަވަ އެވެ. އެހެންވެ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުމުން އެ އަމުރު ނެރެނުދޭން ހައި ކޯޓުން މިދިޔަ މަހު ވެސް ނިންމި އެވެ. އަދި އެފަދަ އަމުރެއް ހޯދަން ދައުލަތުން ދެވަނަ ފަހަރރަށް ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން ވެސް އެ އަމުރު ނެރެނުދޭން ނިންމި އެވެ.
ކްރިމިނަލް ކޯޓުން ފަހުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވޭނީ އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމުގެ ކުރިން ކަމަށެވެ. އަދި އެ މީހަކު ރާއްޖެއިން ބޭރަށް ދިއުމަށްފަހު އެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެ ނުދެވޭނެ ކަމަށާއި އެފަދަ އަމުރެއް ނެރެދެވޭނެ ހަމައެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
"ދިވެހިިރާއްޖޭގައި ނެތް މީހެއް ރާއްޖެއިން ފުރުން މަނާކޮށް، ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓް ހިފެހެއްޓުމުގެ އަމުރެއް ޖިނާޢީ އިޖްރައާތުގެ ގާނޫނުގެ ދަށުން 75 ވަނަ މާއްދާގެ ދަށުން މި ހާލަތުގައި ނެރެދެވޭނެ ތަނެއް އޮތް ކަމަކަށް އަހުރެންނަށް ގަބޫލެއް ނުކުރެވެ އެވެ." އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު އިއްވެވި އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރެ ނުދިނީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމަކާ ޚިލާފަށް ކަމަށް ދައުލަތުން ބުންޏަސް، އެ މައްސަލަ އާއި އަލީ ވަހީދުގެ މައްސަލާގައި ކަން ހިނގާފައިވާ ގޮތް ތަފާތު ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ޝަފީއުގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ދެވަނަ ފަހަރަށް ހައި ކޯޓުން ނިންމިއިރު، އޭނާ ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ނުގެންދަން ސުޕްރީމް ކޯޓުން މިހާރު ވަނީ އަންގައިފަ އެވެ.
ސުޕްރީމް ކޯޓުގެ އަޑުއެހުމަކަށް ހާޒިރުނުވުމުން އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ވެސް އެ ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ.