06 އޮކްޓޯބަރ 2021 - 12:35

މެންޗެސްޓާ (އޮކްޓޯބަރު 6) - އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުގެ ހިއްސާގެ ތެރެއިން 9.5 މިލިއަން ހިއްސާ ވިއްކާލަން އެ ކްލަބުގެ ޑިރެކްޓަރުން ކަމަށްވާ ކެވިން ގްލޭޒާ އާއި އެޑްވާޑް ގްލޭޒާ، ނިއު ޔޯކުގެ ސްޓޮކް އެކްސްޗޭންޖް ބާޒާރަށް ނެރެފި އެވެ.
ޔުނައިޓެޑްގެ 186.86 މިލިއަން ޑޮލަރުގެ އަގުހުރި ހިއްސާ ވިއްކަން ބާޒާރަށް ނެރުނުއިރު، މި ހިއްސާ ވިއްކައިގެން ކްލަބަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށް އެ ޓީމުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ. މިއީ ޔުނައިޓެޑުގެ ހިއްސާގެ ބޮޑު ބައެއް އޮންނަ އެމެރިކާގެ ގްލޭޒާ އާއިލާގެ އޯނާޝިޕުގައިވާ ހިއްސާގެ އަށް ޕަސެންޓެވެ.
ޔުނައިޓެޑުގެ ކޯ ޗެއާމަންކަން ވެސް ފުރަމުންދާ އަވްރަމް ގްލޭޒާ މިދިޔަ މާޗު މަހު ވަނީ އޭނާގެ ހިއްސާގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ހިއްސާ ވިއްކާލައިފަ އެވެ.
ގްލޭޒާ އާއިލާ އިން ޔުނައިޓެޑްގެ ހިއްސާ ގަތީ 2005 ވަނަ އަހަރު އެވެ. ޔޫރަޕިއަން ސުޕަ ލީގު އުފެއްދުމުގައި އިސްކޮށް ތިބި މީހުންގެ ތެރޭގައި އެ ޓީމުގެ އެއް ކޯ ޗެއާމަން ޖޮއެލް ގްލޭޒާ ހިމެނެ އެވެ. މިކަމާ ގުޅިގެން ސަޕޯޓަރުންގެ ހަޅުތާލާހުރެ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދަނޑުގައި ލިވަޕޫލާ ދެކޮޅަށް މިދިޔަ މެއި މަހު ކުޅެން އޮތް މެޗު ފަސްކުރަން ޖެހުނެވެ.
ގްލޭޒާ އާއިލާއާ މެދު ހިތްހަމަ ނުޖެހިފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކްލަބުގެ ވެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވެދިޔަ ނުދިނުމަށް ޖޮއެލް ގްލޭޒާ ވަނީ މިދިޔަ ޖޫން މަހު ފުރަތަމަ ފަހަރަށް އޮންލައިން ފޭންސް ފޯރަމެއްގައި ސަޕޯޓަރުންނާ ބައްދަލު ކޮށްފަ އެވެ.
ކެވިން އާއި އެޑްވާޑް ގްލޭޒާގެ މި ނިންމުމާ އެކު ވެސް، މެންޗެސްޓާ ޔުނައިޓެޑްގެ 69 ޕަސެންޓް ހިއްސާ އަދިވެސް އޮތީ ގްލޭޒާ އާއިލާގެ ބާރުގަ އެވެ.