99 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވަނިކޮށް ނިލަންދޫ މޮނިޓަރިން އަށް!
99 ޕަސެންޓް މީހުން ވެކްސިން ޖަހާފައި ވަނިކޮށް ނިލަންދޫ މޮނިޓަރިން އަށް!

ރަށުގެ އާބާދީގެ ގިނަ ބަޔަކު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވަނިކޮށް ފ. ނިލަންދޫ މޮނިޓަރިންނަށް ލުމުން އެ ރަށު ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާ ގޮތުން އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވިއަސް މޮނިޓަރިން އަކަށް ނުލާނެ އެވެ.

އެކަމަކު ނިލަންދޫގެ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވި ގޮތުގައި، މިދިޔަ އާދިއްތަ ދުވަހު އެ ރަށަށް އަރައި ފޭބުން މަނާކުރީ އާބާދީގެ 99 ޕަސެންޓު ވެކްސިން ޖަހާފައިވަނިކޮށެވެ. އެއީ ރޯގާގެ އަލާމަތްތައް ހުރުމުން ނެގި ފްލޫ ސާމްޕަލްއެއް ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން ރަށުގެ އެކި ހިސާބުތަކުން ނެގި ރެންޑަމް ސާމްޕަލެއް ވެސް އިއްޔެ ޕޮޒިޓިވްވެފައިވެ އެވެ.

ނިލަންދޫގެ އާބާދީގައި 2،378 މީހުން ހިމެނޭއިރު، 2،300 އަށްވުރެ ގިނަ މީހުން ވަނީ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ. ސިއްހީ އެކި ސަބަބުތަކާ ހެދި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބީ އެންމެ ހަ މީހުންނެވެ. ބާކީ ތިބި 60 އެއްހާ މީހުން ވެކްސިންގެ ދެ ވަނަ ޑޯޒު ޖަހަން މާދަމާ ފަށާނެ އެވެ.

އަލީ ވިދާޅުވީ ވެކްސިން ޖަހާފައިވާ މީހުންގެ މައުލޫމާތުތައް ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދިޔައީ އެޗްޕީއޭ އަށް ބަރާބަރަށް ފޮނުވަމުންނެވެ. އެކަމަކު، ރަށް މޮނިޓަރިންނަށް ލާން ޖެހުނީ އެޗްޕީއޭގެ އިދާރީ މައްސަލައަކާ ގުޅިގެން ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދިޔައީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. އެކަމަކު، މޮނިޓަރިންގައި އޮތީމަ އެއްވެސް ކަމެއް ނުވެ މި ދިޔައީ އެޗްޕީއޭގެ އިހުމާލުން،" އޭނާ ވިދާޅުވި އެވެ.

ރަށުން ބަޔަކު ޕޮޒިޓިވްވުމުން މީގެ ކުރިން ވެސް ނިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނަ އެވެ.