މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

އަހަރެންނަށް ނިދިން ހޭލެވުނު އިރު ބޯކޮށް ވާރޭވެހޭ އަޑު އިވެއެވެ. ފަތިހުގެ އެންމެ ހިތްފަސޭހަ ވަގުތެވެ. ގަޑި ސޯނާވި އަޑު އިވުނެވެ. އެއީ އާދައެވެ. ސޯނާވާނީ އަހަންނަށް ހޭލެވޭ ފަހުންނެވެ. ހަގީގަތުގައި ސޯނާގެ ބޭނުމެއް ނެތެވެ. އެހެނަސް، ފަހަރެއްގައި ނުހޭލެވިދާނެތީ ސޯނާ ނުކޮށް ނިދަން ނުކެރެނީއެވެ. ނަމާދެއް ވެއްޓުމަށް ވުރެ އަހަރެންގެ ހިތް ނުތަނަވަސްކުރުވާ ކަމެއް ނޯވެއެވެ. ވާރޭވެހޭތީ، މިސްކިތަށް ދިޔުމުގެ ހިޔާލު ދޫކޮށްލައިފައި ގޭގައި ފަތިސްނަމާދުކޮށްލީމެވެ. ޤުރުއާން ކިޔަވައި ނިމެނިކޮށް ވާރޭ ހުއްޓައިލިއެވެ. މެސެޖެއް އައެވެ. އެއީ އަހަރެންގެ ހިޔަމިތުރު އިބާގެ މެސެޖެއްކަން، ނުބެލިޔަސް އަހަންނަށް އެނގެއެވެ. އެކަމަކު އަހަރެން މިއަދު ދާނެ ހެއްޔެވެ؟ ސުވާލަކީ އެއީއެވެ. މިހެން އުޅެންވީ ކިހާ ދުވަހަކު ހެއްޔެވެ؟ މި ކަމުން އަހަރުމެން ދެ މީހުން ކުރެ އެކަކަށް ވެސް އުފަލެއް ނެތެވެ.

މަގުމައްޗަށް ނުކުތް އިރު، ހީކުރި ވަރަށް ވެހިފައެއް ނެތެވެ. އަހަރެން ސައިކަލަށް އެރުމުގެ ބަދަލުގައި ފައިމަގުގައި ހިނގައިގަތީމެވެ. ދުވާލު ހަލަބޮލިވެފައި އޮންނަ މާލޭގެ މަގުމަތި އޮތީ ފަޅުވެފައެވެ. ކޮންމެ ދުވަހަކު ވެސް އަހަރެން ފަތިހު ހިނގަންދަމެވެ. އެއް ބޭނުމަކީ ކަސްރަތެވެ. އަހަރެންގެ ހިތް ސިއްރުސިއްރުން ހަޅޭއްލެވިއެވެ. ދެން އިތުރަށް ސިއްރުނުކުރާށޭ ގޮވިއެވެ. ހަގީގަތް ކިޔައިދޭކަށް އަހަންނަކަށް ނުކެރުނެވެ. ކުރީ ރެޔަކު ވެސް ނުކެރުނެވެ. ދެން ވެސް ނުކެރޭނެއެވެ. މީހަކު ދެރަކުރުމަކީ އަހަރެންގެ ފިތުރަތުގައި ހުންނަ ސިފައެއް ނޫނެވެ. އޮޅުވައިލުމާއި މަކަރުހެދުމަކީ ވެސް އަހަރެން ދަންނަ ކަންތައްތަކެއް ނޫނެވެ.

"ނަސީރު!" އިބާގެ ޖާދޫވީ އަޑުއިވުނެވެ.

އަހަރެން ހުއްޓުނީމެވެ. ފަސްއެނބުރި ބަލައިލީމެވެ. ފިކުރަކަށް ގެއްލި ހުރެގެން އިބާގެ ގެ ފަސްދެވިއްޖެއެވެ. ފަތިހު ހިނގަންދާ ދެވަނަ ބޭނުމަކީ އިބާޔާ ބައްދަލުކުރުމެވެ.

"އެކަމަކުވާ!" އިބާ މަޑުމަޑުން ބުނެލިއެވެ. "އަހަރެން ހުރަސްކޮށްފަ ދިޔަ އިރު ވެސް ނޭނގުނު. މަޑުކުރޭ!"

އިބާ އެތެރެއަށް ވަދެފައި، ދެ ތަށި ހޫނު ކޮފީ ހިފައިގެން ނުކުތެވެ. މަގު ހުރަސްކޮށްފައި އަހަރުމެން ދިޔައީ ވާޓަރު މައްޗަށެވެ. އިރުއަރާ މަންޒަރު ބެލުމަށެވެ. އެއީ އާންމުކޮށް އަހަރުމެން ކުރާ ކަމެކެވެ. އަހަންނަށް ވުރެ އުމުރުން އެއް އަހަރު ހަގު އިބާގެ އުމުރަކީ ސައުވީސް އަހަރެވެ. ރައްޓެހިން ބުނެއެވެ. އަހަރުމެން ދެމީހުންނަކީ ވަރަށް ގުޅޭ ޖޯޑެކެވެ. މިޒާޖު އެއްގޮތްވީމައެވެ.

"ކޮންމެވެސް ކަމެއް ވެއްޖެ!" ހޫނު ކޮފީތަށީގައި ދެއަތުން ހިފާއްޓައިލައިގެން، އިސްޖަހައިލައިގެން އިން އިބާ ބުންޏެވެ.

"ކޮން ކަމެއްވީ؟" އަހަންނަށް ސުވާލުކުރެވުނެވެ.

"ނަސީރު ބުނީމަތާ އެނގޭނީ،" އަހަންނަށް ބަލައިލަމުން އިބާ ބުންޏެވެ. "ނަސީރު ވަރަށް ޗޭންޖުވެއްޖެ! ތީ މިހާރު ކުރީގެ ނަސީރެއް ނޫން. ކީއްތަ އަހަންނަށް ކުރެވުނީ؟ އަހަރެން ބުނެފީމެއްނު ރޯދަމަހުން ފެށިގެން ބުރުގާ އަޅާނަމޭ!"

އަހަރެން ވަރަށް ގިނަ ވާހަކަދައްކަން ބޭނުމެވެ. މައްސަލައަކީ ބުރުގާއެއް ނޫނޭ ވެސް ބުނަން ބޭނުމެވެ. އެކަމަކު، އަނެއްކާ ވެސް ލަސްކޮށްލީއެވެ. އަހަރެން ބަލައިލީ އުދަރެހަށެވެ. ހިސާބަކަށް ވިލާ ބޯ ނަމަވެސް، އިރު އަރާ ތަން ފެންނާނެހެން ހީވިއެވެ. ރީތި ކުލަތަކެއް ފެންނާނެކަމަށް އުންމީދުކުރެވުނެވެ. ކުލަނުޖެހުނީ އަހަރެންގެ ހުވަފެނުގައެވެ. ހިތުގެ ޑައިރީގައި، ނުފެންނަ ގަލަމަކުން އަނެއްކާ ވެސް ލިޔަން ފެށުނެވެ.

އަހަންނަކީ މާލޭ މީހެއް ނޫނެވެ. އެކަމަކު އަހަރެންގެ އާއިލާ މާލޭގައި އުޅޭތީ، އަހަރެން ވެސް އުޅެބޮޑުވީ މާލޭގައެވެ. އަހަންނަށް އެންމެ ފުރަތަމަ ލޯބިވެވުނީ އިބާ ދެކެއެވެ. އޭނައަކީ، ތަނަވަސް އާއިލާއެއްގެ މާލޭ ކުއްޖެކެވެ. އެކަމަކު، އަހަރެންގެ ސަމާލުކަން އަތުލީ އިބާ އާއިލާގެ ތަނަވަސްކަމެއް ނޫނެވެ. އިބާގެ އަބުރުވެރިކަމާއި އަދަބުވެރިކަމެވެ. ދީންވެރިކަމާއި މުރާލިކަމެވެ. އަހަރެންގެ އަނބިމީހާއާއި އަހަރެންގެ ދަރިޔެއްގެ މަންމަގެ ކިބައިގައި ވެސް ހުންނަން އަހަރެން ބޭނުންވި ސިފަތަކަކީ އެއީއެވެ. ފައިސާއަކީ، މަސައްކަތްކުރި ވަރަކަށް ލިބޭ އެއްޗެކެވެ. ރީތި އަހުލާގަކީ ގަންނަން ލިބޭ އެއްޗެއް ނޫނެވެ. އެހާމެ ތަދު އެއްޗެއް ވެސް މެއެވެ. އިބާ ފަދަ، އަހުލާގާއި ސިފަ ރީތި ކުއްޖަކު ލިބޭނީ ނަސީބުވެރިޔަކަށެވެ.

އިބާއަކީ އިރާދަން ނިމުމާ އެކުގައި ނިދިއަންނަ ކުއްޖެކެވެ. ރޭގަނޑު އެކުވެރިންނާ އެކުގައި ތަންތަނަށް ގޮސް މަޖާނެގުމަކީ އިބާގެ ހުންނަ ސިފައެއް ނޫނެވެ. އާންމު ގޮތެއްގައި، ރޭގަނޑު ނުވައެއް ޖަހާ އިރު އިބާ ނިދަން އޮށޯވެއެވެ. އެންމެ ލަސްވަންދެން ވެސް އިބާއަށް ހޭލާ އިނދެވޭނީ ރޭގަނޑު ދިހަ ގަޑި ބައި ވަންދެންނެވެ. އެއީ ވެސް އަހަންނަށް ކަމުދިޔަ ސިފައެކެވެ. އަހަރެން ނިދިއަންނަނީ، އެންމެ އަވަސް ވެގެން ވެސް ރޭގަނޑު ބާރަ ޖަހާ އިރުއެވެ. އަހަންނަކީ ސައުވީސް ގަޑި އިރު ހުޅުވައިފައި ހުންނަ ތަނެއްގައި، އަށް ގަޑި އިރު މަސައްކަތްކޮށްފައި، އަދި އިތުރު ގަޑީގައި އެހެން ވަޒީފާއެއްގައި ވެސް އުޅޭ މީހެކެވެ. ބައެއް ރޭރޭ އެތައް ދަމެއް ވާންދެން ހޭލާ އުޅެން ޖެހެއެވެ. ހުރިހައި ވެސް މައްސަލައަކީ އެއީއެވެ. އިބާޔާ ވާހަކަނުދެއްކި، އެހާ ދަންވަންދެން ހޭލާއުޅެންޖެހުމަކީ ހެޔޮ ފާލަކަށް ނުވިއެވެ.

އިބާ ނިދައިފައި އޮތުމާއި، ދަންވަރު ޑިއުޓީގައި ހުސް ވަގުތު ލިބޭލެއް ގިނަކަމުން، އަހަރެން ވަގުތު ކުރުކުރަނީ މީސްމީޑިޔާ ތެރޭގައެވެ. އަޒްލިފާޔާ ފުރަތަމަ ދިމާވީ މީސްމީޑިޔާގެ ތެރެއިންނެވެ. އޭނައަކީ، އަތްމަތި ދަތިކޮށް އުޅޭ އެކަނިވެރި މަޔެކެވެ. މާލޭ ކުއްޖެއް ނޫނެވެ. ދިރިއުޅެނީ ވެސް މާލެއަކު ނޫނެވެ. ތިން އަހަރާއި ހަތަރު އަހަރުގެ ދެ ދަރިން ތިބެއެވެ. ދަރިންގެ ބައްޕައަކީ އެއްވެސް ހަރުދަނާކަމެއް ނެތް، އާވާރާ މީހެކެވެ. މިންޖުވާން އުނދަގޫ ސިކާރައެއްގައި ހައްޔަރުވެފައިވާ މީހެކެވެ. އޭނަގެ ފަރާތުން ލިބެންޖެހޭ އެއްވެސް އެހީތެރިކަމެއް އަޒްލިފާއަކަށް ނުވަތަ ދަރިންނަކަށް ވެސް ނުލިބެއެވެ. އަޒްލިފާގެ ބައްޕައަކީ، ހިތުގެބަލި ހުންނަ މީހެކެވެ. ދޭތެރެ އަވަސްކޮށް އިންޑިޔާއަށް ގޮސް، ފަރުވާކުރަން ޖެހޭ މީހެކެވެ. އެ ކަމަށް ބޭނުންވާ ފައިސާކޮޅު ހަމަކޮށްގެން، އެއް ފަހަރު ވެސް ދާންވާ ދުވަހަށް އޮންނަނީ ނުފުރިފައެވެ. އަޒްލިފާގެ ކޮޓަރީގައި ފާހާނާއެއް ނުހުރެއެވެ. ގޭގެ އެންމެން ބޭނުންކުރަން ހުންނަނީ އެންމެ ފާހާނާއެކެވެ. އެއީ ގޯތިތެރޭގައި ވަކިން ހުންނަ ތަނެކެވެ. ކުދިން އުޅެނީ މަދަރުސާގައެވެ. އޭރު މަދަރުސާއަށް މަހަކު ފަންސާސް ރުފިޔާ ދައްކަން ޖެހެއެވެ. އެތައް މަހެއް ވާ އިރު ވެސް އެ ފައިސާކޮޅު ނުދެއްކެއެވެ.

އަހަރެން ހިތަށްއެރިއެވެ. މި ދުނިޔެއަށް ވުރެ ދެން އޮތް ދުނިޔެއަށް ޓަކައި ތައްޔާރުވުން މާ ރަނގަޅެވެ. މިއަދަށް ވުރެ މާދަމައަށް ޓަކައި ވިސްނުން މާ ބުއްދިވެރިއެވެ. އިބާއާ ކައިވެނިކުރުމަށް ވުރެ އަޒްލިފާޔާ ކައިވެނިކޮށް، އޭނައަށް އެހީތެރިވުން މާ ދަރުމަވެރިއެވެ. އެދުނީމެވެ. ހިތާއެވެ. މި ކަމުގައި އަހަންނަށް މަދަދުކޮށްދޭންވާނެއެވެ. އެއްވެސް ކުށެއް ނެތީސް އިބާ ދޫކޮށްލާ ވާހަކަ ބުނަން އަހަރެން ބޭނުންވަނީ، އިބާގެ ހިތަށް ވީހާ ވެސް ރިހުން ކުޑަ ގޮތަކަށެވެ. އެއްވެސް މީހަކަށް ދެރައެއްދޭކަަށް އަހަރެން ބޭނުމެއް ނޫނެވެ. މަޑުމަޑުން ބުނެވުނެވެ. ހިތާއެވެ. އަހަންނަށް މަދަދުކޮށްދޭށެވެ. ހިތްވަރުދޭށެވެ.

"އަހަރެން އެބަ ޖެހޭ ދާން!" އިބާ ގާތުގައި އެ ވާހަކަ ބުނަން މަސައްކަތްކުރާތާ ތިންވަނައަށްވީ ދުވަހު އަހަރެން ވާޓަރުމަތީ އިނދެފައި ބުނީމެވެ.

"އެކަމަކު މިހާރު އިރުއަރަން އެ އުޅެނީ،" އުދަރެހަށް އިޝާރާތްކޮށްލައިފައި އިބާ ބުންޏެވެ. "އަދި ފައިވް މިނިޓްސް."

އުދަރެހަށް އިބާ އިޝާރާތްކޮށްގެން ހުރި އަތުގައި އަހަރެން ހިފީމެވެ. އިބާގެ މުށް ހުޅުވައިފައި މުށުތެރޭގައި އަނގޮޓި ބޭއްވީމެވެ. އެއީ، ލޯބީގެ ހަނދާނެއްގެ ގޮތުން އަހަންނަށް އިބާ ދިން ރިހި އަނގޮޓިއެކެވެ. އަނގޮޓި ފެނިފައި އިބާ ހައިރާންވިއެވެ. އަހަންނަށް ބަލައިލިއެވެ. ބުނިހެން ހީވި ކަހަލައެވެ. އެންމެ ފަހުން އިބާ ހީކުރި ގޮތަށް ކަންތައްވީއެވެ.

"އަހަރެން އެބަ ޖެހޭ ދާން!" އަނެއްކާ ވެސް އަހަރެން ބުނީމެވެ. "ދެނެއް އަހަންނަކަށް ނާދެވޭނެ!"

އިބާއަށް ރޮވޭ ގޮތް ވިއެވެ. ހީވާ ކަހަލައެވެ. އަހަރެން އެ ގޮތަށް ކަންތައް ކޮށްފާނެކަމަށް އިބާ ހުރީ ތައްޔާރުވެގެންނެވެ. އަހަރެންގެ ހަށިގަނޑުން ފޮނުވި ނުސީދާ ސިގުނަލުތައް އިބާއަށް ފެނުނެވެ.

"އަހަރެން ނަސީރެއް ނުހުއްޓުވާނަން،" އިސްޖަހައިލައިގެން އިނދެ އިބާ ބުންޏެވެ. "އެކަމަކު ހަމަ އެންމެ ކަމެއް އޮޅުންފިލުވާލަން ބޭނުން. އަހަންނަށް ކޮން ކަމެއް ގޯސްކޮށް ކުރެވުނީ؟ ކޮބާ އަހަރެންގެ މައްސަލައަކީ؟"

އަހަރެންގެ ކުރިމަތީގައި އޮތީ ދެ ގޮތެވެ. އެއް ގޮތަކީ، ވަރަށް ތަފުސީލުކޮށް އިބާއަށް ހުރިހައި ވާހަކައެއް ކިޔައިދިނުމެވެ. އަޒްލިފާއާއި އޭނަގެ ކުދިންނަށް އެހީތެރިވާން އަހަރެން ބޭނުން ވާހަކައެވެ. ނުވަތަ އެއިން އެއްވެސް ވާހަކައެއް އިބާއަށް ކިޔައި ނުދިނުމެވެ.

"އެއްވެސް މައްސަލައެއް ނެތް!" އަހަރެން ބުނީމެވެ. "ވަރަށް ބޮޑަށް ސޮރީ!"

އަޒްލިފާ ދެކެ ލޯބިވާ ވާހަކަ އަޒުލިފާ ގާތުގައި އަހަރެން ބުނީ، އިބާޔާ ވަކިވުމަށް ފަހުގައެވެ. އަހަންނަކީ އުސޫލުތަކެއްގައި ހިފަހައްޓާ މީހަކަށް ވީތީއެވެ. އެއްފަހަރާ ދެ އަންހެނުންނާ ރައްޓެހިވެގެން، އެކަކަށް ވެސް އޮޅުވާލާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަނެއްކޮޅުން، އަޒްލިފާއަކަށް އެއްވެސް ކަމެއް ނުފޮރުވަމެވެ. އިބާޔާ ވަކިވި ވާހަކަ ބުނީމެވެ. ރުޅިވި ވާހަކައެއް ނުބުނަމެވެ. ރުޅިނުވާތީއެވެ. އަހަރެން އެދުނު ފަދައިން، އަހަރުމެންގެ މެދުގައި އެކުވެރިކަން ބާއްވަން އިބާ އޮތީ އެއްބަސްވެފައެވެ.

އަހަރެންގެ ލޯބި އަޒްލިފާ ގަބޫލުކުރިއެވެ. އޭރު ވެސް އަހަރެން ނިންމައިގެން ހުރީ، ވީހާ ވެސް އަވަހަކަށް އަޒްލިފާޔާ އިންނާށެވެ. ފިރިޔެއްގެ ހައިސިއްޔަތުން އަޒްލިފާއަށް އެހީތެރިވާން އަހަންނަށް ފަސޭހަވާނެތީއެވެ. އެކަމަކު އަހަންނާ އިންނަން އަޒްލިފާ އެއްބަސްވާނެ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބެއް އަހަންނަކަށް އޭރަކު ނޭނގެއެވެ. މީހުން ބުނެއެވެ. ޖައްސާނެ ތަނެއް ނުބަލާ އުދުއްސައި ނުގަންނާށެވެ. އަހަރެންގެ ވިސްނުން ތަފާތެވެ. ބައެއް ފަހަރު ޖައްސާނެ ތަނެއް ފެންނާނީ އުދުއްސައިގަތީމައެވެ. އެއީ އަހަރެން ދެކޭ ގޮތެވެ. ހިތަށްއެރިއެވެ. އަހަރެންގެ ނިންމުން ގޯހެއް ނުވާނެއެވެ.

އަހަރެންގެ ލޯބި އަޒްލިފާ ގަބޫލުކުރިތާ ސައުވީސް ގަޑިއިރު ނުވަނީސް އަހަންނާ އިންނަން އެހީމެވެ. އެއީ، ހަތަރު ކަޅި ހަމަކޮށް ބައްދަލުނުވަނީސް އަހަރެން ނިންމި ނިންމުމެކެވެ. އަހަރެން ކައިވެނި ހުށައެޅީ ފޯނުންނެވެ. އެ ކުރެވުނީ ކިހާ މޮޔަކަމެއްކަން އަހަރެންނަށް ވިސްނުނީ އަޒްލިފާ އެއްވެސް ޖަވާބެއް ނުދިނީމައެވެ.

"ޖަވާބެއް ދޭންވާނެ!" އަހަރެން އެދުނީމެވެ.

ނުނިމޭ