06 އޮކްޓޯބަރ 2021 - 10:32

ދިވެހިންގެ އުފެއްދުންތައް ވިއްކަން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކުޑަވިލިނގިލި ރިސޯޓުގައި ހުޅުވައިފި އެވެ.
މިއީ މި ފިހާރައިގެ އައުޓްލެޓެއް ރިސޯޓެއްގައި ހުޅުވި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ރިސޯޓުތަކުގައި ވެސް މި ފިހާރައިގެ އައުޓްލެޓުތައް ހުޅުވާނެ ކަމަށް ބީސީސީން ބުންޏެވެ.
މި ފިހާރަ ހުޅުއްވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވެސް ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި އޮތެންޓިކް މޯލްޑިވްސްގެ ވެބްސައިޓް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މިއީ ޔޫއެންޑީޕީގެ "ސީޑްސް" ޕްރޮޖެކްޓުގެ ދަށުންނާއި ޖަޕާނުގެ ސަރުކާރުން ފަނޑުކޮށްގެން ތައާރަފު ކުރި ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް އޮތެންޓިކް މޯލްޑިވްސް އިން ވިއްކާ ދިވެހި އުފެއްދުންތައް މުޅި ދުނިޔެއަށް ޝިޕްކޮށްދޭނެ އެވެ.
އޮތެންޓިކް މޯލްޑިވްސް އިން ވިއްކާނީ ދިވެހިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ ތަކެއްޗެވެ. މީގެ ތެރޭގައި ދިވެހިންގެ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ހިމެނެ އެވެ.