ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ލޯ މެޑަލް ހޯދައިފި
ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒްނީން ލޯ މެޑަލް ހޯދައިފި

އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޮޑީ ބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒުނީން ރަޝީދު ލޯ މެޑަލް ހޯދައިފި އެވެ.

މިއީ 12 ވަނަ ވޯލްޑް ބޮޑީބިލްޑިން އަދި ފިޒިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހޯދި ތިން ވަނަ މެޑަލް އެވެ. އަޒުނީން ލޯ މެޑަލް ހޯދީ ފިޒިކް ސްޕޯޓްސް 157 ސެންޓިމީޓަރު ކެޓަގަރީންނެވެ.

ރާއްޖޭގެ މުހައްމަދު ރަޝީދު (ރަޗޭ) އާއި މުހައްމަދު މޫސާ (މޯޑް) ވެސް އިއްޔެ ވަނީ އެ ދެ އެތުލީޓުން ވާދަކުރި ކެޓެގެރީން ރިހި މެޑަލް ހޯދައިފަ އެވެ. ރަޗޭ ރިހި މެޑަލް ހޯދީ 65 ކިލޯގެ ކެޓަގަރީންނެވެ. މޯޑް ރިހި މެޑަލް ހޯދީ 55 ކިލޯގެ ކެޓަގަރީންނެވެ. ދެކުނު ކޮރެއާގައި ބޭއްވި އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި 55 ކިލޯގެ ކެޓަގަރީން މޯޑް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގެ ހަ އެތުލީޓުން މުބާރާތުގައި ވާދަކުރެ އެވެ. އެއީ ރަޗޭ، މޯޑު އާއި އަޒުނީންގެ އިތުރުން ހުސައިން ހިމްޔާން، ފަތުހުﷲ މުހައްމަދު އަދި އިބްރާހިމް ނަބީލެވެ.