އެންމެ ދަށް މުސާރަ ކަނޑައަޅައިފި، އެއީ 5700ރ.
އެންމެ ދަށް މުސާރަ ކަނޑައަޅައިފި، އެއީ 5700ރ.

ރާއްޖޭގައި ދެވޭ އެންމެ ދަށް މުސާރައިގެ ގޮތުގައި މަހަކު 5،700ރ. މިނިމަމްވޭޖް ބޯޑުން ކަނޑައަޅައި، އެ ލަފާ މިނިސްޓަރަށް ދޭން ނިންމައިފި އެވެ.

އެ ބޯޑުން ރޭ ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި، ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7،000ރ. އެވެ. އެއީ ހަ ގަޑިއިރުގެ މަސައްކަތަށެވެ. ކުދި ވިޔަފާރިތަކުން، ދުވާލަކު އަށް ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ އެންމެ ކުޑަ މުސާރަ އަކީ 5،700ރ. އެވެ.

ގަޑިއިރަކަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި ހުރި ވަޒީފާތަކުގައި އިތުރު ގަޑީގެ ފައިސާ ދޭ އިރު އެންމެ ދަށްވެގެން މިނިމަމް ވޭޖްގެ ގަޑިއިރަކަށް ޖެހޭ ވަރު ދޭން ޖެހޭނެ އެވެ. މިހާރު ފާސްކޮށްފައިވާ އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައިގެ 70 ޕަސެންޓް އަސާސީ މުސާރައަށް ވާން ޖެހޭނެ އެވެ. ވަޒީފާދޭ ފަރާތުން ކެއުމާއި ހުރުން ހަމަޖައްސައިދޭ ނަމަ، އެއިން ކަމަކަށް ހޭދަވާނެ ވަރު މިނިމަމް ވޭޖްގެ ތެރެއަކަށް ނުލެވޭނެ އެވެ. ނަމަވެސް މުސާރައިގެ އޮނިގަނޑު އެކުލަވާލާ އިރު މިނިމަމް ވޭޖްގެ ތެރެއަށް ފިކްސްޑް އެލަވަންސްތައް ހިމެނިދާނެ އެވެ.

މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ އަދަދަކީ 8،000ރ. އެވެ. އެއީ ވެސް އަށް ގަޑިއިރުގެ މަސައްކަތަށެވެ. ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 10،200ރ. އެވެ.

އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެއް ނާޅަ އެވެ.

ބިދޭސީންނަށް ދެވޭނެ އެންމެ ދަށް މުސާރަ ވެސް އަދި ކަނޑައެއް ނާޅަ އެވެ. މިނިމަމް ވޭޖް ބޯޑުން ނިންމާފައިވާ ނިންމުމުގައި ވަނީ ބިދޭސީން މިނިމަމް ވޭޖްގެ އުސޫލަށް އަމަލުކުރަން ފަށާނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައަޅައިފަ އެވެ. ގާނޫނުގައި ކުރިން އޮތް ގޮތުން ބިދޭސީންނަށް މިނިމަމް ވޭޖަށް އަމަލުކުރަން ޖެހޭނީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާތާ ދެ އަހަރު ފަހުންނެވެ.

ނަމަވެސް މި ބަދަލު ގެންނަން ނިންމީ ކޮވިޑާ ހެދި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ރޭ ކަނޑައެޅި އަދަދުތަކަކީ މި ވަގުތު ހަމައެކަނި ދިވެހިންނަށް ކަނޑައެޅި އަދަދުތަކެކެވެ.

މިނިމަމް ވޭޖް ބޯޑުން ފާސްކުރި މި ގޮތަކީ ސަރުކާރުގެ ހުށަހެޅުމެވެ. މިގޮތަށް އަމަލުކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު މި ލަފަޔަށް އަމަލުކުރަން ނިންމަވައި އެކަން އާންމުކުރެއްވުމުންނެވެ.