އިހުލާސްތެރި ޕާޓީ އުފެއްދުމަށް ދިން ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި
އިހުލާސްތެރި ޕާޓީ އުފެއްދުމަށް ދިން ހުއްދަ އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި

"އިހުލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ހުއްދަ މިއަދު ބާތިލުކޮށްފި އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ، މ. ކެލަން, މުހައްމަދު އިސްމާއިލް އަށް ދިނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެއް ދުވަސް ފަހުން ޕާޓީ އުފައްދަން ދިން ހުއްދަ ބާތިލުކުރިއިރު އީސީގެ ރައީސް ފުއާދު ތައުފީގު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ހުއްދަ ބާތިލުކޮށްފައި މިވަނީ ޕާޓީ އުފެއްދުމަށް ހުށަހެޅުއްވި ފަރާތުގެ އެދުމުގެ މަތިންނެވެ.

ފުއާދު ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާ އެކު ބައެއް ރައްޔިތުންގެ ޝަކުވާތައް ވެސް އީސީ އަށް ލިބެމުން ދިޔަ ކަމަށެވެ.

"އެ ބޭފުޅުން ފާޅުކުރާ ހިޔާލުތައް އާންމު ރައްޔިތުން ގަބޫލުކުރާ ހިޔާލަށް ނުވުމާ ގުޅޭ ޝަކުވާތަކެއް ދިޔައީ ކޮމިޝަނަށް ލިބެމުން،" ފުއާދު ވިދާޅުވި އެވެ.

ހުއްދަ ބާތިލްކުރުމަށް އިސްމާއިލް އެދިވަޑައިގަތީ އީސީ އަށް ލިބެމުންދިޔަ ޝަކުވާތަކާ ގުޅިގެން އެކަމުގެ މަޝްވަރާތަކެއް ކުރަމުންދަނިކޮށް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

އިހުލާސްތެރި ޕާޓީ، އުފައްދަން އެންމެ ފުރަތަމަ ހުށަހެޅީ "ކަރިޝްމާ" ޕާޓީގެ ނަމުގަ އެވެ. އެކަމަކު އެ ނަމުގައި ޕާޓީ ހިންގަން ހުއްދަ ނުދިނުމުން ހުށަހެޅީ އިހުލާސްތެރި ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދާށެވެ.