05 އޮކްޓޯބަރ 2021 - 15:13

ޕެރިސް (އޮކްޓޯބަރު 5) - ފްރާންސްގެ ޒުވާން ފޯވަޑް ކިލިއަން އެމްބާޕޭ ޕީއެސްޖީގައި ހުރީ އުފަލުން ކަމަށާއި، ނަމަވެސް ކޮންޓްރެކްޓް އާކުރުމާމެދު ނުވިސްނޭ ކަމަށް އޭނާ ބުނެފި އެވެ.
އެމްބާޕޭއާ އެކު ޕީއެސްޖީން ހަދާފައިވާ އެއްބަސްވުން މިސީޒަނުގެ ނިޔަލަށް ހަމަ ވާނެ އެވެ. ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ނިމިދިޔަ ޓްރާންސްފާގައި ޓީމު ދޫކޮށްލަން ބޭނުންވާކަމަށް އެމްބާޕޭ ވަނީ މީގެ ކުރިން ޓީމުގައި އެދިފަ އެވެ.
ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ އޭނާ ބޭނުންވީ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލަން ކަމަށާއި، ޓީމަށް ޓްރާންސްފާ ފީއެއް ލިބޭ ގޮތަކަށް ކަމަށެވެ.
"އަހަރެން ބޭނުންވީ ކްލަބް ދޫކޮށް ދާއިރު، ހިލޭ ޓްރާންސްފާއެއްގެ ބަދަލުގައި ރިޕްލޭސްމަންޓަކަށް ކްލަބަށް ޓްރާންސްފާ ފީއެއް ލިބޭނޭހެން ދާން. ޓީމު ދޫކޮށްލަން ބޭނުންވާކަން ޓީމަށް އެންގީ އޮގަސްޓް ފަހު ހަފްތާގައެއް ނޫން. ޖުލައި މަސް ނިމުމުގެ ކުރިން އަހަރެން ކްލަބަށް އެކަން އަންގައިފިން،" ފްރާންސް އާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ ބުންޏެވެ.
"ޕީއެސްޖީގައި މިހުރީ ވަރަށް އުފަލުން، އެކަމަކު ކޮންޓްރެކްޓް އާކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެން."
ސްޕެއިންގެ ރެއާލް މެޑްރިޑުން މި އަހަަރު އެންމެ ފުރަތަމަ އެމްބާޕޭ ހޯދަން ކުރި 160 މިލިއަން ޔޫރޯގެ ބިޑަށް ޕީއެސްޖީން ނޫނެކޭ ބުނިއިރު، ފަހުން އޮގަސްޓް މަހު ހުށަހެޅި 226 މިލިއަން ޔޫރޯގެ ބިޑަށް ވެސް ޕީއެސްޖީން އިޖާބަ ދީފައެއް ނުވެއެވެ.
ޕީއެސްޖީން ޓްރާންސްފާ ފީއަކަށް އެމްބާޕޭ ވިއްކާލަން ބޭނުންވާނަމަ އެންމެ ލަސް ވެގެން އަންނަ ޖެނުއަރީ 31 ގެ ކުރިން ވިއްކާލަން ޖެހޭނެ އެވެ. އެހެން ނޫންނަމަ މިސީޒަން ނިމުމުން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާނީ ހިލެ އެވެ.
އުމުރުން 22 އަހަރުގެ އެމްބާޕޭ ފްރާންސްގެ މޮނާކޯ އިން ޕީއެސްޖީއާ ގުޅުނީ ލޯނު އުސޫލުން 2017 ވަނަ އަހަރު އެވެ. އެއް ސީޒަނަށް ފަހު ދާއިމީ އެއްބަސްވުމަކާ އެކު ޕީއެސްޖީއާ ގުޅުނީ 2018 ވަނަ އަހަރު 180 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އެމްބާޕޭ ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 182 މެޗުން 136 ގޯލު ޖަހައިފަ އެވެ.