ޖައްރާހް އަވަށުގެ މީހުން ގޭގެ ކުލި ދައްކައިގެން އުޅެވިދާނެ: ކޯޓު
ޖައްރާހް އަވަށުގެ މީހުން ގޭގެ ކުލި ދައްކައިގެން އުޅެވިދާނެ: ކޯޓު

އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ މީހުންގެ ތެރެއިން، އެ މީހުންގެ ގެދޮރުގެ މިލްކުވެރިކަމާ މެދު، ޔަހޫދީ ވަޒަންވެރިން ދައުވާކުރާ ގެތަކަށް، އެ ގެތަކުގައި އުޅޭ މީހުން ކުލި ދައްކައިގެން އުޅެވިދާނެ ކަމަށް، އިޒްރޭލުގެ ހައިކޯޓުން އިއްޔެ ނިންމައިފި އެވެ.

ޝައިޚް ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ބައެއް ގެތައް އަޅާފައި ހުރީ، އިޒްރޭލު ސަރުކާރުގެ ހުއްދަ ނެތި ކަމަށް ބުނެ، އެ ގެތައް ހުސްކުރުމުގެ އަމުރަކަށް އެދި، ޔަހޫދީ ވަޒަންވެރިންގެ ޖަމިއްޔާ އިން އިޒްރޭލުގެ ދަށު ކޯޓަށް ހުށަހެޅުމުން ނިންމީ، އެ ގެތަކުން ފަލަސްތީނު މީހުން ނެރުމަށެވެ. ކޯޓުގެ އެ ނިންމުމާ ގުޅިގެން، ޔަހޫދީ ވަޒަންވެރިން އެ ގެތަކަށް ގަދަކަމުން ވަދެގަނެ، ފަލަސްތީނު މީހުންނަށް ޖެއްސުންކުރުމުގެ އެތައް އަމަލެއް ހިންގާފައިވެ އެވެ.

އިޒްރޭލު ސިފައިންނާއި ފުލުހުންގެ މަދަދާ އެކު ޔަހޫދީ ވަޒަންވެރިން ހިންގާ މިފަދަ އަމަލުތަކުގައި، ފަލަސްތީނު މީހުންގެ މުދަލާއި ހިފައި ގެންގުޅޭ އެތައް ސާމާނެއް ގެއިން ނެރެ މަގުމައްޗަށް އުކާލައި، އިމާރާތްތަކަށް ގެއްލުން ދީފައިވެ އެވެ.

އެ ގެތަކުގެ ވެރިންގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރީ އިޒްރޭލުގެ އެންމެ މަތީ ކޯޓު ކަމަށްވާ ހައި ކޯޓަށެވެ. އެ ކޯޓުން މިހާތަނަށް ވެސް އެ މައްސަލައިގައި ނިހާއީ ހުކުމެއް ނީއްވަ އެވެ.

އިއްޔެ ކުރި ހުކުމުގައި ވެސް ބުނެފައިވަނީ، މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ގެތަކުގައި އުޅޭ ފަލަސްތީނު ރައްޔިތުން، އެ ގެތަކަށް ކުލި ދައްކައިގެން، އިތުރު 15 އަހަރަށް ނުވަތަ، އެ މައްސަލައިގައި އިޒްރޭލު ސަރުކާރާ ވާހަކަ ދައްކައިގެން ދާއިމީ ހައްލެއް ހޯދެންދެން އުޅެވިދާނެ ކަމަށެވެ.

އިޒްރޭލުގެ ހައި ކޯޓުން އިއްޔެ ނެރުނު ހުކުމުގައި، އެ ގެތަކުގެ ވަޒަންވެރިންނަށާއި، އެ ގެތަކާ ދެކޮޅަށް ދައުވާކުރާ ޔަހޫދީ ވަޒަންވެރިންގެ ޖަމިއްޔާއަށް ހުށަހަޅާފައިވަނީ، އެ ގެތަކުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކަކީ، އިޒްރޭލު ސަރުކާރުގެ ހިމާޔަތް ލިބިގެން، 15 އަހަރުގެ މުއްދަތަށް، ކުއްޔަށް އުޅޭ ބައެއްކަމުގައި ބަލަންޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ ގެތަކުގެ ކުލި، މި މައްސަލައިގައި ދައުވާކުރާ ޔަހޫދީ ވަޒަންވެރިންގެ ޖަމިއްޔާ، ނަހުލާތު ޝަމްއޫން އަށް ދައްކަމުން ދިޔުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

ޝައިޚް ޖައްރާހް އަވަށުގައި ފަލަސްތީނު މީހުން ދިރިއުޅޭ ގެތަކުގެ ތެރެއިން 27 އާއިލާއެއް ދިރިއުޅޭ ގެތަކުގެ މިލްކުވެރިކަމަށް، އެ ޖަމިއްޔާ އިން ވަނީ ދައުވާކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނާ ގޮތުގައި، އެ 27 އާއިލާ ދިރިއުޅޭ ގެތައް ބިނާކޮށްފައި ހުރީ، 1948 ވަނަ އަހަރުގެ ވެސް ކުރިން، ޔަހޫދީންގެ މިލްކުވެރިކަމުގެ ދަށުގައި އޮތް ބިންތަކެއްގަ އެވެ.