05 އޮކްޓޯބަރ 2021 - 12:10

ކޭޝް ކާޑެއް ވަގަށް ނަގައި، އެ ކާޑު ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފޯނު ގަތް މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯއެއް އާންމުކޮށްފި އެވެ.
މި މައްސަލައިގައި ފުލުހުން ހޯދަނީ ފިރިހެނެކެވެ. މި ވީޑިއޯ އިން ފެންނަނީ މާލޭގެ ފިހާރައަކުން ފޯނު ގަނެގެން އެ މީހާ ނުކުންނަ ތަނެވެ.
ފުލުހުން ބުނީ ވަގަށް ނަގާފައިވާ ކޭޝް ކާޑެއް ބޭނުންކޮށްގެން ފޯނުތަކެއް ގަތް ކަމަށް ތުހުމަތުކުރެވޭ މި މީހާ އަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. މިކަން ހިނގާފައި ވަނީ މިދިޔަ މަހު 19 ގަ އެވެ.
އޭނާ ވަގަށް ނެގި ކާޑުން ގަތީ ކިތައް ފޯނު ކަމެއް ނޭނގެ އެވެ. ފުލުހުން "މިހާރު" އަށް ބުނީ މިވަގުތަށް މި މައްސަލައިގެ އިތުރު މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.
މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، ފުލުހުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެ އެވެ.
ކޭޝް ކާޑަކުން ވަގަށް ވިިޔަފާރި ކުރި މައްސަލައެއް ފެންމަތިވި އިރު، އޮޅުވާލައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ވަނީ މި އަހަރު ވަރަށް ބޮޑަށް އިތުރުވެފަ އެވެ.