މަރުވި ކަމަށް ހެދިގެން އޮތުމުން ސާރިދޯޅު އަތުން ސަލާމަތްވެއްޖެ
މަރުވި ކަމަށް ހެދިގެން އޮތުމުން ސާރިދޯޅު އަތުން ސަލާމަތްވެއްޖެ

ވަލުތެރޭގައި ހުރި އޭނާގެ ގެއިން ނުކުމެ އަންހެން ދަރިފުޅުގެ ގެއާ ދިމާއަށް ކަރެން އޮސްބޯން ހިނގައިގަތީ، ދަރިފުޅުގެ ކުއްތާ މާ ބާރަށް ގޮވާތީ ވެގެން އުޅޭ ގޮތް ބެލުމަށެވެ. އަނދިރީގައި އޭނާ ދަނިކޮށް ކުއްލިއަކަށް ހަމަލާދިނީ ބޮޑު ސާރިދޯޅެކެވެ.

އުމުރުން 63 އަހަރުގެ ކަރެން އަށް، ކަޅު ކުލައިގެ އަންހެން ސާރިދޯޅު ތިން ފަހަރަށް ހަމަލާދީ ވައްޓާލި އެވެ. ސަލާމަތްވާންވެގެން އޭނާގެ ހުރިހާ ބާރެއް ލައި، އޭތީގެ ގައިގައި ތަޅާ ވެސް ހެދި އެވެ. އެކަމަކު އޭނާ ތެދުވާ ކޮންމެ ފަހަރަކު ބިންމައްޗަށް ހޫރާލަ އެވެ. ތިން ވަނަ ފަހަރަށް އޭނާ ވެއްޓުނު އިރު، ކަރެންގެ ހަށިގަނޑުގެ އެކި ތަންތަން އޮތީ ޒަހަމްވެފަ އެވެ. އެހާ ހިސާބުން އޭނާ އަށް ދެން ވިސްނުނު އެންމެ ރަނގަޅު ގޮތަށް ކަންތައް ކުރި އެވެ؛ މަރުވި ކަމަށް ހަދައިގެން އޮތީ އެވެ.

ގާތްގަނޑަކަށް 90 ކިލޯގެ ބަރުދަން ހުރި ސާރިދޯޅު އޭނާ ދޫކޮށް، ޖަންގަލީ ތެރެއަށް ވަނީ އޭނާ މަރުވީ ކަމަށް ހީކޮށެވެ.

އެމެރިކާގެ މެރީލޭންޑް ސްޓޭޓްގައި މިދިއަ ބުދަދުވަހުގެ ރޭ ހިނގި މި ހާދިސާއާ ގުޅގެން ކަރެންގެ ފިރިމީހާ ރޮނަލްޑް އޮސްބޯން ބުނީ އޭނާގެ އަންހެނުން ސަލާމަތްވީ ބިންމައްޗަށް ވެއްޓި މަރުވި ކަމަށް ހެދިގެން އޮތުމުން ކަމަށެވެ.

"އޭތީގެ ގައިގައި ގޮށްމުށުން ވަރަށް ބާރަށް ތެޅި ކަމަށް ވެސް އަންހެނުން ބުނި،" ރޮނަލްޑް ކިޔައިދިނެވެ.

ކަރެން މިހާރު އޮތީ ހޮސްޕިޓަލްގަ އެވެ. އެއް އަތް ބިނދުމުގެ އިތުރުން 70 ތަނެއް ފަހަން ޖެހުނެވެ. އެކަމަކު އޭނާގެ ހާލު ރަނގަޅެވެ.

"ބޮލާއި، ފަޔާ، އެހެން ގޮސް އެކި ތަންތަނުގައި އޭތި ހުރީ ދަތްއަޅާފައި،" ރޮނަލްޑް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސާރިދޯޅު ފުރަތަމަ ހަމަލާ ދިނުމާ އެކު އަތުގައި އޮތް ފޯނުން 911 އަށް ގުޅާ ކަރެން އެހީއަށް ވެސް އެދުނެވެ.

އިންސާނަކަށް ހަމަލާ ދިންކަމުގެ އަދަބު ސާރިދޯޅަށް މިހާރު ވަނީ ލިބިފަ އެވެ. މެރީލޭންޑް ސްޓޭޓްގެ ސިޔާސަތު އޮންނަ ގޮތުން އިންސާނަކަށް ހަމަލާ ދޭ ޖަނަވާރެއް މަރާލަން ޖެހެ އެވެ. އެހެންކަމުން މެރީލޭންޑް ޑިޕާޓްމަންޓް އޮފް ނެޗުރަލް ރިސޯސަސް ވައިލްޑްލައިފްގެ މުވައްޒަފުން ވަނީ އެ ސާރިދޯޅު ހޯދައި، ވިހަ އިންޖެކްޝަނެއް ޖަހައިގެން މަރާލާފަ އެވެ.

ކަރެން އަށް މި ނުރައްކަލާ ކުރިމަތިލާން ޖެހުނު އިރު އެ ސްޓޭޓްގައި އިންސާނަކަށް ސާރިދޯޅެއް ހަމަލާ ނުދޭތާ 81 އަހަރު ވެއްޖެ އެވެ.