05 އޮކްޓޯބަރ 2021 - 11:02

ސާފް ޗެމްޕިއަން ފުޓުބޯޅަ މުބާރާތުގައި ރޭ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ދެއްކި ހިތްވަރުން ލަންކާ ފުޓުބޯޅަ އަށް އުންމީދެއް ލިބިއްޖެ ކަމަށް ބުނެ، އެ ޓީމުގެ ކޯޗު އާމިރު އަލަގިޗް ކުޅުންތެރިންނަށް ތައުރީފުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ނޭޕާލް އަތުން ސްރީ ލަންކާ ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވި ނަމަވެސް އެކަމުން ހިތްވަރު ހޯދައި ނޭޕާލާ ދެކޮޅަށް ރޭ ކުޅުނު މެޗުން އުއްމީދު އާވި ކަމަށް އަލަގިޗް ބުންޏެވެ.
ލަންކާގައި ފުޓުބޯޅަ އަދި މި ފެށުނީ ކަމަށާއި މުބާރާތުގައި ވާދަކުރާ މައިގަނޑު ސަބަބަކީ ދަސްކޮށްގެން ކުރިޔަށް ދިޔުން ކަމަށާއި، ސަރަހައްދީ ފުޓުބޯޅައިގައި ލަންކާ މިހާރު އޮތް ހިސާބެއް ވަޒަންކޮށްލުން ކަމަށް އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރަމުންދާ އަލަގިޗް ދަނީ ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނަމުންނެވެ.
"ބާކީ އެބައޮތް ދެ މެޗު. މެޗަކަށް ފަހު މެޗެއްގައި ކުޅުން އިމްޕްރޫވް ކުރުން އެއީ އުންމީދަކީ. އަހަރެމެންނަށް ކޮންމެ ވެސް ވަރަކަށް ޕޮއިންޓް ހޯދިދާނެ އިންޑިއާ ނޫނީ ރާއްޖެ އަތުން. ކީއްވެ ނުވާންވީ؟. އަހަރެމެންގެ ކުޅުންތެރިންނަށް ކުޅެވިދާނެކަން ދަނީ ސާބިތުކޮށްދެމުން. ލެބަނަން އެއީ އެތައް ގުނައެއް ވަރުގަދަ ޓީމެއް. އެކަމަކު އެ ޓީމާ ދެކޮޅަށް ވެސް އަހަރެމެން ސާބިތުކޮށްދީފިން ކުޅެވިދާނެކަން. ކުޅުންތެރިންގެ ރޫހު ވަރަށް ރަނގަޅު. މިއީ އަހަރެމެންނަށް ޕޮޒިޓިވްކޮށް ބޭނުން ހިފިދާނެ ކަމެއް،" ވޯލްޑް ކަޕް ކޮލިފައިންގައި ލެބަނަންއާ ވާދަކޮށް 3-2 އިން ބަލިވި މެޗަށް އިޝާރާތްކޮށް އަލަގިޗް ބުންޏެވެ.
"ލަންކާގެ މި ކުޅުމަށް ބަލާއިރު އަހަރެންނަށް ޔަގީން ސަރުކާރާއި ކުންފުނިތަކުން ވެސް މިއަށް ފަހު ސްރީލަންކާގެ ފުޓުބޯޅަ ކުރިއަރުވަން އެހީ ވާނެކަން. އަހަރެމެންނަށް ނަތީޖާ ނެރެވިދާވެ ވަރަށް އަވަހަށް. (ޓީމުގައި ހިމަނާފައިވާ) ގައުމުން ބޭރު ލީގުތަކުގައި ކުޅޭ ކުޅުންތެރިންނަކީ ވެސް ހަމަ ލަންކާ ރައްޔިތުން. އަހަރެމެންގެ ކުރިމަގު ވަރަށް އުޖާލާ."
ނޭޕާލާ ދެކޮޅަށް ލަންކާގެ ދެ ގޯލު ވެސް ޖަހައިދިނީ އިނގިރޭސި ވިލާތަށް އުފަން އަދި އެ ގައުމުގައި ދިރިއުޅޭ ދެ ކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު މިޑްފީލްޑަރު މާވިން ހަމިލްޓަން ޖަހައިދިން އިރު، ފަހު ވަގުތު ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހައިދިނީ ކިއުޕީއާރުގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅޭ އުމުރުން 19 އަހަރުގެ ވިންގާ ޑިލޯން ޑި ސިލްވާ އެވެ.