އަތް އުރާލައިގެން ތިބެގެން ހާލަތު ބަދަލު ނުކުރެވޭނެ: މޮރީނިއޯ
އަތް އުރާލައިގެން ތިބެގެން ހާލަތު ބަދަލު ނުކުރެވޭނެ: މޮރީނިއޯ

ލިވަޕޫލް (ޑިސެމްބަރު 4) - މެންޗެސްޓާ ޔުނައިޓެޑުގެ ލީގު ފޯމަކީ ބޮލު ރިހުމެއް ކަމަށާއި އަތް އުރާލައިގެން ތިބެގެން ޓީމުގެ ހާލަތު ބަދަލު ނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ލީގުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ. އެންމެ ފަހުން ލީގު ކަޕްގައި ކުޅުނު މެޗުގައި ވެސްޓް ހޭމް އަތުން މޮޅުވީ 4-1 އިންނެވެ. ޔުނައިޓެޑް އެ މެޗު ކުޅުނުއިރު މޮރީނިއޯ ހުރީ ބެންޗަށް ނާދެވޭ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އަދި ކާޑު ހަމަވުމުގެ ސަބަބުން ޕައުލް ޕޮގްބާ އާއި މަރުއާން ފެލައިނީ ވެސް ހުރީ ސަސްޕެންޝަނެއްގަ އެވެ.

ލީގުގައި މިރޭ ރަށުން ބޭރުގައި އެވަޓަންއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނައިރު، ލީގުގެ އެއް ވަނައިގައި އޮތް ޔުނައިޓެޑާއި ޗެލްސީއާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޗެލްސީ 14 މެޗުން 34 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 13 މެޗުން 20 ޕޮއިންޓާ އެކު އެވެ.

މޮރީނިއޯ ބުނީ ލީގުގެ ރަނގަޅު މަގާމެއްގައި ނިންމާލުމަށް ބޭނުންވާނަމަ އެ ޓީމުގެ ހާލަތު ބަދަލުކުރަން ޓީމުގެ ކޮންމެ ކުޅުންތެރިޔަކު މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ކަޕުގއި ވަރަށް މޮޅު. ހަތަރު ލަނޑު ތިން ލަނޑުން އެބަ މޮޅުވޭ. އެކަމަކު ލީގުގައި އޭގެ އިދިކޮޅު މި ފެންނަނީ ގިނަ މެޗުތަކުގައި އެތަކެއް ފުރުސަތެއް ލިބުނަސް ގޯލަކަށް ހަދާ މިލެވެނީ އެއް ފަހަރު ނޫނީ ދެ ފަހަރު. މި ހާލަތު ބަދަލުކުރަން ޖެހޭ. އެހެން ނޫން ގޮތެއްގައި ލީގުގައި ރަނގަޅު ވަނައެއް ނުލިބޭނެ،" މޮރީނިއޯ ބުންޏެވެ.

އެވަޓަން އަކީ އަބަދުވެސް އަމިއްލަ ދަނޑުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަމަށާއި އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަކީ ތަޖުރިބާހުރި މޮޅު ކޯޗެއް ކަމަށް މޮރީނިއޯ ބުންޏެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ކުރީގެ ކްލަބް ސައުތެމްޓަން އަތުން ބަލިވުމުން ކޫމަން ބުނީ މިރޭ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދުން މުހިއްމު ކަމަށެވެ.

"ލީގުގެ މަތީ މަގާމުތައް ވަރަށް ވާދަވެރިކޮށް އޮތްއިރު ބޮޑު މެޗުތަކުން މޮޅުވެގެން ކުރިއަށް ޖެހިލަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން މުހިއްމު. ޔުނައިޓެޑުގެ ކުރީގެ މެޗުތަކުން މި މެޗަށް ކުރާނެ މާ ބޮޑު އަސަރެއް ނޯންނާނެ،" ކޫމަން ބުންޏެވެ.

ޔުނައިޓެޑާއި އެވަޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:00 ގަ އެވެ. މިއަދު ހަވީރު 18:30ގައި ކުޅޭނީ ބޯންމައުތާއި ލިވަޕޫލެވެ.