04 އޮކްޓޯބަރ 2021 - 15:18

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ކަމަށް ބުނެ ހެކީގެ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން އެ އޯޑިއޯތައް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު އަނބުރާ ގެންގޮސްފި އެވެ.
ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު، ގާޒީ މުހައްމަދު ސަމީރު އަދި ގާޒީ އަލީ އާދަމްގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް މީގެ ކުރިން ވަނީ ލީކުވެފަ އެވެ. އެ އޯޑިއޯތަކުގައި ގާޒީން ކަމަށް ބުނާ މީހުން ވަނީ ޔާމީންގެ ޝަރީއަތަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ނަމަވެސް އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އެ ގާޒީންނާ ހަވާލާދީ ޖޭއެސްސީން ކުރިން ބުނެފައިވެ އެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަން ޕޮލިހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އެ ތިން އޯޑިއޯ ޔާމީންގެ އިސްތިއުނާފީ ޝަރީއަތަށް އާ ހެކީގެ ގޮތުގައި ހުށަހެޅި ނަމަވެސް، މިއަދު ޔާމީންގެ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ، އެ އޯޑިއޯތައް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެގޮތަށް ނިންމި ސަބަބެއް ވިދާޅެއް ނުވެ އެވެ.
އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކާ އަޑު އިވޭ އޯޑިއޯއެއް ވެސް ޔާމީންގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. އެ އޯޑިއޯ އަކީ ޔާމީންގެ ތަހުގީގާއި ހުކުމާ މެދު ސުވާލު އުފެދޭ ގޮތަކަށް އޭނާ ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯއެކެވެ.
އެ އޯޑިއޯގެ ސައްހަކަން ޝަރީއަތުން ކަށަވަރު ކުރާނީ ކިހިނެއްތޯ ފަނޑިޔާރު މަހާޒު މިއަދު ތަކުރާރުކޮށް ސުވާލު ކުރެއްވި ނަމަވެސް، އެކަމަށް ޔާމީންގެ ފަރާތްޕުޅުން ސީދާ ޖަވާބެއް ނުލިބެ އެވެ. ވަކީލުން ވިދާޅުވީ، އެ އޯޑިއޯއަކީ މުއައްވިޒުގެ އޯޑިއޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި މީޑިއާގައި ވެސް ވައިރަލްވި އިރު އެކަމަށް މުއައްވިޒު އިންކާރު ކުރައްވާފައި ނުވާ ކަމަށެވެ.
ޔާމީނަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ، އަދީބު އަތުގައި ހުރި ޔާމީނަށް ސިޔާސީ ކަންކަމަށް ދިން ފައިސާ އަނބުރާ ދެއްކުމަށް އެދިވަޑައިގަތުމުން އަދީބު އަމިއްލައަށް ޖަމާ ކުރެއްވި ފައިސާ ކަމަށް ޔާމީން ވިދާޅުވެ އެވެ.
އެ ވާހަކައަށް ބާރު ދޭން ޔާމީން ދެއްވާ ފައިސާ ގެންގުޅޭ ކަމަށް އަދީބު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވާ އޯޑިއޯ ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ. އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
ދެން ހެއްކެއްގެ ގޮތުގައި ހުށަހެޅީ ކްރިމިނަލް ކޯޓުގައި ހެކިބަސް ދޭން އިއުތިރާޒުކޮށް، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ކޯޓަށް ފޮނުވި ސިޓީ އެވެ.
މި ހެކިތައް ބަލައިގަތުމަށް ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް އާ ހެކި ހުށަހެޅޭނެ ހާލަތްތަކާ ބެހޭގޮތުން ތަފްސީލުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ހެކިތަކަކީ ދަށު ކޯޓުގައި މައްސަލަ އޮތް އިރު ހުށަހެޅުމުގެ ފުރުސަތު އޮވެ ހުށަނާޅާ ހެކިތަކެއް ކަމަށް ވެސް ބުންޏެވެ.
މިއަދުގެ ސުޕްރީމް ކޯޓުގައި ބޭއްވި ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގައި ޔާމީން ކަފާލާތުގެ ދަށުން ދޫކުރުމާއި އެ މަނިކުފާނުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރުމާ ބެހޭގޮތުން ވާހަކަ ދެއްކި އެވެ. އެ ކަމާ މެދު ގޮތެއް ނިންމާނީ މާދަމާ އެވެ.