ސަންޖޭ ދަތުގެ މަންމަ ނަރްގިސްގެ ރޯލަށް ތައްބޫ
ސަންޖޭ ދަތުގެ މަންމަ ނަރްގިސްގެ ރޯލަށް ތައްބޫ

ސަންޖޭ ދަތުގެ ހަޔާތާ ބެހޭ ފިލްމުގައި ބައިވެރިވާ ތަރިންގެ ސަބަބުން އެއް ދުވަހުން އަނެއް ދުވަހަކަށް ފިލްމުގެ ޝައުގުވެރިކަން ދަނީ ބޮޑުވަމުންނެވެ. ދާދި ފަހުން ފިލްމުގެ ބަތަލާގެ ގޮތުގައި ސޯނަމް ކަޕޫރު ސޮއިކޮށްފައިވާއިރު ސަންޖޭދަތުގެ މަންމަ ނަރްގިސްގެ ރޯލަށް ތައްބޫ ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރު ލިބެ އެވެ. ތައްބޫ އަކީ ޒުވާން ބަތަލާއެއް ނަމަވެސް "ހައިދަރް" ގައި ޝާހިދު ކަޕޫރުގެ މަންމަގެ ބައި އަދާކުރީ އޭނާ އެވެ.

ސަންޖޭގެ ބައްޕަ ސުނިލް ދަތުގެ ރޯލު ކުޅޭނެ ކަމަށް ބެލެވެނީ އަކްޝޭ ކަންނާ އެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށް ފަހު އަކްޝޭ އަލުން ބޮލީވުޑަށް އެނބުރި އަންނަ ފިލްމެވެ.

ސޯނަމް މި ފިލްމުގައި އަދާކުރާނެ ބަޔަކާ މެދު ވެސް އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެއްބައެއްގެ ނަޒަރުގައި އޭނާ ކުޅޭނީ ސަންޖޭގެ ހަޔާތުގައި މާދުރީ ޑިކްޝިޓްގެ ވާހަކަތައް އަަންނަ ބައިތަކެވެ. ނުވަތަ ފިލްމީ ދުނިޔެއަށް ސަންޖޭ ތައާރަފްވި "ރޮކީ"ގެ ބަތަލާ ޓިނާ މުނީމްގެ ރޯލު ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.

ސަންޖޭގެ ހަޔާތަށް އައި ގިނަ ބަތަލާއިންނަކީ މިހާރު އުފާވެރި ޒަވާޖީ ހަޔާތެއް ހޭދަކުރާ މީހުންނެވެ. އެހެންކަމުން އެމީހުންގެ ކައިވެންޏަށް ބުރޫ އަރާފާނެކަމުގެ ބިރު އޮތުމާ އެކު ޑައިރެކްޓަރު ވިސްނުން ހުރީ އެ ހުރިހާ އެންމެންގެ ވާހަކަތައް ވެސް ހިމެނޭ ގޮތަށް ޚިޔާލީ އެއް ކެރެކްޓާ އުފެއްދުން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.