04 އޮކްޓޯބަރ 2021 - 14:08

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އިއްޔެ އައްޔަންކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) މަސައްކަތްކުރައްވާނީ އެ ރަށުގައި ހުންނަވައިގެން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިއީ، ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު މާލެ ސަރަހައްދުން ބޭރުގައި ގާއިމްވެގެން މަސައްކަތްކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އައްޑޫގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ޕްރޮޓެކްޓު މެނޭޖްމަންޓު ޔުނިޓު (ޕީއެމްޔޫ) އުފައްދައި އެ ތަނުގައި އެންމެ އިސްކޮށް ހުންނަވާނީ ސޯބެ ކަމަށެވެ. އޭގެ އިތުރުން ވެސް ޕްލޭނިންގެ މަސައްކަތްތައް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއްކަން މަބްރޫކް ފާހަގަކުރެއްވި އެވެ.
އައްޑޫގައި މި ވަގުތު ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މަގުތައް ހެދުމެވެ. އޭގެ އިތުރުން ވެސް އިންޑިއާ ސަރުކާރުގެ އެހީގައި ގިނަ މަޝްރޫއުތަކެއް ހިންގަ އެވެ.
ސޯބެ ވަނީ އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ މޭޔަރުކަން ތިން ދައުރު ކުރައްވައިފަ އެވެ. ހަތަރު ވަނަ ފަހަރަށް ޕާޓީގެ ޓިކެޓު ހޯއްދަވަން ކުރިމަތިލައްވައިގެން ލިބިވަޑައިގަތީ ނާކާމިޔާބެވެ. ޕާޓީގެ ޓިކެޓާއެކު އައްޑޫގެ މޭޔަރުކަން ހޯއްދެވީ އަލީ ނިޒާރެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން ބެޗެލާ އޮފް ސައިންސް އިން އެޕްލައިޑް ސައިންސް އެންޑް ކެމިކަލް ޓެކްނޮލޮޖީ ހާސިލު ކުރައްވާފައިވާ ސޯބެ ވަނީ އައްޑޫގައި ވަރަށް ގިނަ ދުވަސްވަންދެން ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވައިފަ އެވެ.