04 އޮކްޓޯބަރ 2021 - 12:22

މި އަހަރުގެ ކުރީކޮޅު ޓޯކުރި ސައިކަލެއްގައި އެހެން ބޯޑެއް ހަރުކޮށް، މަގުމަތީގައި ބަހައްޓާފައި ހުއްޓާ ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ޕޯސްޓެއްގައި ވަނީ މި އަހަރުގެ ޖެނުއަރީ 30 ގައި ޓޯކުރި ސައިކަލެއްގައި އެހެން ބޯޑެއް ހަރުކޮށް، އެ ސައިކަލު މަގުމަތީގައި ހުއްޓަ އެވެ. އެ ޕޯސްޓް ކުރި ދުވަހަކީ އެ ސައިކަލު މަގުމަތިން ފެނުނު ދުވަސް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނެފައިވާ ގޮތުގައި ސައިކަލުގެ ނަމްބަރު ބޯޑު ބަދަލުކޮށްފައި ހުއްޓަސް ތަޅުދަނޑި އާއި އިންޖީނު ނަމްބަރު ވެސް ދިމާވެ އެވެ. އެ ޕޯސްޓާ އެކު އޭނާ ވަނީ ސައިކަލު ޓޯކުރި ދުވަހުގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
ފަހުން މަގުމަތީގައި ސައިކަލުގެ ނަމްބަރު ބޯޑު ބަދަލުކޮށްފައި ހުރި ފޮޓޯއެއް ވެސް އާންމުކުރި އެވެ. އޭނާ ވަނީ ސައިކަލުގެ ވެރިފަރާތަށް އެ ސައިކަލު ލިބެން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އޭނާ ބުނީ ޓޯކުރި އުޅަނދެއް އެތަނުން ބޭރުކޮށް، ނަމްބަރު ބޯޑު ބަދަލުކުރުމާ ގުޅޭ ގޮތުން ޓޯޔާޑުން ޖަވާބުދޭނެ މީހަކު ވެސް ނެތް ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ސައިކަލުތައް ޓޯޔާޑުން ބޭރުވަނީ ކިހިނެއްތޯ ޭނާ ސުވާލުކުރި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގްކޮށް ކުރި އެ ޕޯސްޓްގައި އޭނާ ވަނީ މީހުންގެ އަގު ބޮޑު މުދާ ޓޯކުރުމަށް ފަހު އެއިން ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނެފައި ވަނީ އެކަމުގެ މައުލޫމާތެއް ލިބިގެން އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
އެ މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް ކުރިމަތިވެފަ އެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ފުލުހުން އަތުލައި މަސްތުވާތަކެތި ވެސް އެގޮތަށް ވިޔަފާރިކުރެ އެވެ.