04 ޑިސެމްބަރ 2016 - 15:02

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅިގެން ބާއްވާ އިންތިހާބަށްފަހު، އަވަށު ކައުންސިލް އިދާރާތައް އުވާލުމުން ގާތްގަނޑަކަށް 75 މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ލޯކަލް ކައުންސިލް އާ ދައުރަކަށް އިންތިހާބުކުރާއިރު އެ ރަށުގައި އޮންނާނީ ތިން ދާއިރާއިން އިންތިހާބުކުރާ ތިން ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލެކެވެ. އެހެންވެ އެ ރަށުގެ އަށް އަވަށުގައި އުފައްދާފައިވާ އަށް ކައުންސިލް އިދާރާ އުވިގެންދާނެ އެވެ.
ފުވައްމުލަކު އަށް އަވަށު ކައުންސިލް އިދާރާގައި ކައުންސިލަރުން ނުހިމަނައި 75 ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކުރެ އެވެ. ސިޓީ ކައުންސިލް އިންތިހާބާ ގުޅިގެން އެ ރަށުގެ އަށް އަވަށުން އިންތިހާބުކޮށްފައިވާ 24 ކައުންސިލަރުންގެ މަގާމު ވެސް އުވިގެންދާނެ އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ފަލާހު ޝަރީފް "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ފުވައްމުލަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު އަމަލުކުރަން ނިންމާފައިވާ ގޮތެއް އެނގިފައިވާނުވާ ކަމަށެވެ.
"މި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ވަޒީފާތަކެއް ގެއްލިގެން ދިއުމަކީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް. އެކަމާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ގޮތެއް މިހާތަނަށް އެނގިފައެއްނުވޭ. އަދި އެކަމާ ގުޅޭ ގޮތުން މަޝްވަރާއެއް ވެސް އަޅުގަނޑުމެންނާ ކޮށްފައެއްނުވޭ،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަވަށު ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެން އަޑު އެހިން ސިޓީ ކައުންސިލްގެ އިންތިހާބަށްފަހު ދެން އޮންނާނީ އަވަށު ބޯޑެއް ކަމަށް. އެ ކަންތައް ވެސް ސާފުކޮށް އެނގެން ޖެހޭ. އަންނަ އިންތިހާބުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަން ޖެހޭ،" ފަލާހު ވިދާޅުވި އެވެ.
ފުވައްމުލަކު ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނާ މެދު އަމަލުކުރަން ނިންމާފައިވާ ގޮތެއް އެލްޖީއޭ އިން ސާފުވާ ގޮތެއްނުވި އެވެ.
އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާ ރަށުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ދަޑިމަގު ކައުންސިލް އިދާރާގަ އެވެ. އެތަނުގައި 11 މުވައްޒަފުން މަސައްކަތްކުރާއިރު ހޯދަޑު އަދި މާދަޑު ކައުންސިލް އިދާރާގައި ދިހަ މުވައްޒަފުން އަދި ދިގުވާނޑު، ދޫނޑިގަން، ފުނާޑު، މިސްކިތްމަގު ކައުންސިލް އިދާރާގައި ނުވަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ އިތުރުން މާލެގަން ކައުންސިލްގައި 8 މުވައްޒަފުން މަސައްކަތްކުރެ އެވެ.
ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
ރައީސް ޔާމީން ސޮއި ކުރައްވައި، ނެރުއްވި ގަރާރެއްގައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ފުވައްމުލަކުގައި ފުރިހަމަވެފައިވާ ކަމަށް ގަބޫލުފުޅު ކުރެއްވޭތީ، އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވީ ކަމަށެވެ. އެހެންވެ އެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ފުވައްމުލަކަށް ސިޓީއެއް ދަރަޖަ ދިންއިރު ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައެއް ނެތެވެ. އެ ރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި އެއީ ނަމުގައި ހެދި ސިޓީ އެކެވެ.