04 އޮކްޓޯބަރ 2021 - 11:23

ސްޓޮކްހޯމް (އޮކްޓޯބަރު 4) - ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި ސްވިޑަންގެ މީހާ، ފުލުހުންގެ ހިމާޔަތުގައި އުޅެނިކޮށް ޓްރެފިކް އެކްސިޑެންޓެއްގައި މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

ސްވިޑަންގެ ދެކުނުގެ މާކްޔާޑް ޓައުންގައި ލާސް ވިލްކްސް ދަތުރުކޮށްފައި ދިޔައީ މަދަނީ ފުލުހުންގެ ވެހިކަލެއްގަ އެވެ. އޭނާ މަރުވީ އެ ވެހިކަލް ޓްރަކެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ވަނީ ފުލުހުންގެ ދެ މީހަކު ވެސް މަރުވެފަ އެވެ. ޓްރަކުގެ ޑްރައިވަރު ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ.
އެކްސިޑެންޓުގައި މަރުވި މީހުންނާ ބެހޭ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ އެކްސިޑެންޓުގައި ވިލްކްސް މަރުވިކަން އޭނާގެ ޕާޓްނަރު ވަނީ ސްވިޑަންގެ ނޫހަކަށް ޔަގީންކޮށްދީފަ އެވެ. ފުލުހުން ލަފާކުރަނީ އެއީ ގަސްދުގައި ބަޔަކު ހިންގި އެކްސިޑެންޓެއް ނޫން ކަމަށެވެ.
ރަސޫލާ އަށް ކާޓޫން ކުރެހުމާ ގުޅިގެން އުމުރުން 75 އަހަރުގެ ވިލްކްސް އަށް ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެން އޭނާ އުޅުނީ ފުލުހުންގެ ހިމާޔަތުގަ އެވެ.
ރަސޫލާ އަށް ފުރައްސާރަކޮށް ވިލްކްސް ކާޓޫނު ކުރަހައި ޝާއިއުކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ރުޅިވެރިކަން އޭނާ އަށް އަމާޒުވެ އިންޒާރުތައް ދޭން ފެށި އެވެ. މަސްރަހު ފިނިކުރުމުގެ ގޮތުން ސްވިޑަންގެ އޭރުގެ ބޮޑުވަޒީރު ފްރެޑްރިކް ފެއިންފެލްޑް ވަނީ މުސްލިމް 22 ގައުމެއްގެ ސަފީރުންނާ ބައްދަލު ކުރައްވައިފަ އެވެ.
އިރާގުގެ އަލްގައިދާ އިން ވަނީ ވިލްކްސްގެ ބޮލަށް 100،000 ޑޮލަރު ހުށަހަޅައިފަ އެވެ.
ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންގައި 2015 ވަނަ އަހަރު ބޭއްވި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބަހުސެއްގައި ވިލްކްސް ބައިވެރިވަމުން ދަނިކޮށް ވަނީ ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. ވިލްކްސް ބުނެފައި ވަނީ އެ ހަމަލާގެ އަމާޒަކީ އޭނާ ކަމަށެވެ.