އެކްޓްކުރުން ހުއްޓާލާ ޑައިރެކްޓަރަކަށް ވާން ކަންގަނާ ބޭނުން
އެކްޓްކުރުން ހުއްޓާލާ ޑައިރެކްޓަރަކަށް ވާން ކަންގަނާ ބޭނުން

ކަންގަނާ ރަނާވަތަކީ ބޮލީވުޑްގައި ހުރި މިހާރު އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ. އޭނާގެ ކުރު އެކްޓިން ކެރިއަރުގައި އެތައް ނެޝަނަލް އެވޯޑަކާއި ޕޮޕިއުލާ އެވޯޑުތައް ލިބުނީ އޭނާގެ ކުޅަދާނަކަމުންނެވެ. ކަންގަނާގެ ކޮންމެ ފިލްމެއް ރިލީޒްކުރުމާ އެކު އޭނާގެ އެކްޓިން އަށް ތައުރީފުނުކޮށް އޭނާގެ ވާދަވެރިންނަކަށް ވެސް ނުތިބެވެ އެވެ. ބޮލީވުޑްގައި ނަންހިނގާ ޚާނުންނާއި މަޝްހޫރު އެކްޓަރުން ކަންގަނާއަކަށް ބޭނުމެއް ނުވެ އެވެ. އެކަނިމާއެކަނި ފިލްމެއް ކާމިޔާބުކުރެވޭ ވަރުގެ ހުނަރު ވެސް އޭނާގެ އެބަ ހުއްޓެވެ.

ކަންގަނާ، 29، ބުނަނީ ފިލްމުތަކުގައި އެކި ބައިތައް އޭނާ ކުޅެނީ އަސްލު ކުޅޭ ހިތަކުންނެއް ނޫން ކަމަށެވެ. އޭނާ ތަމްސީލްކޮށްދޭ އެއްވެސް ޝަހުސިއްޔަތަކަށް ދިމާވާ ކަންކަމާ އޭނާ ގަޔައެއް ވެސް ނުވެ އެވެ. އަދި ހިޔާލީ އެފަދަ ބައިތައް އަމިއްލައަށް ކުޅޭކަށް ވެސް ބޭނުމެއް ނުވެ އެވެ.

އެހާ ހިތްހަމަނުޖެހޭ ކަމެއް ކަންގަނާ ކުރަނީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އޭނާ ބުނި ގޮތުގައި އެކަން ކުރަނީ ކޮންމެ މަހަކު ދައްކަން ޖެހޭ ބިލްތަކުގެ މަތިން ހަނދާންކޮށްފަ އެވެ.

"ކައްޓީ ބައްޓީ" ކުޅުނު ދުވަސްވަރު އޭނާއަށް ޖަޒުބާތީ ގޮތުން ލިބުނު ސްޓްރެސް ބޮޑުކަމަށް ކަންގަނާ ބުންޏެވެ. އެ ފިލްމުގައި ކަންގަނާ ކުޅުނީ ކެންސަރު ޖެހިފައިވާ މީހެއްގެ ރޯލެވެ. އެ ފިލްމުގައި އޭނާ މަރުވާ މަންޒަރުތަކުގެ އުނދަގޫތައް ގިނަ ދުވަސްތަކަށް އޭނާއަށް ކުރި ކަމަށް ވެސް ބުންޏެވެ.

ކަންގަނާ ބުނީ އެ ދުވަސްވަރު ކިތަންމެ ކުޑަކަމަކާ ވެސް ވަރަށް ފަސޭހައިން ރޮވުނު ކަމަށެވެ.

ވީހާވެސް އަވަހަކަށް އެކްޓްކުރުމުން ދުރުވެ ޑައިރެކްޓަރަކަށް ވުމަކީ ކަންގަނާ މިހާރު އެންމެ ބޭނުންވާ ގޮތެވެ.

"އަހަރެން ޑައިރެކްޓަރަކަށް ވާން ވަރަށް ބޭނުން. އެކްޓަރަކަށް ދެން ކުރިއަށް ދެވެން އޮތް ހަރުފަތަކީ އެއީ ކަމަށް އަހަރެން ގަބޫލުކުރަން. އޭރުން އަހަރެންގެ ހުރި ހުނަރަކާއި ގާބިލްކަމެއް ވެސް ބޭކާރު އެއްޗަކަށް ވެގެން ނުދާނެ،" ކަންގަނާ ބުންޏެވެ.