04 އޮކްޓޯބަރ 2021 - 10:04

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ހުރި ބައެއް ފްލެޓްތަކުގެ ބިއްލޫރިތަކުގައި ރެނދުލައި ތަޅައިގެންދިޔައީ ފެންވަރު ދަށްވެގެން ކަމަށް ނުބެލެވޭ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ފްލެޓްތަކެއްގެ ބެލްކަނީ ދޮރުގެ ބިއްލޫރިގަނޑާއި ބެލްކަންޏާ ކައިރި ކޮޓަރީގެ ބިއްލޫރިގަނޑު ތެޅުނީ މިދިޔަ ހަފުތާގަ އެވެ.
އެކަމާ ގުޅޭ ގޮތުން އެޗްޑީސީން، "މިހާރު" އަށް ބުނީ ބިއްލޫރިގަނޑު ތަޅައިގެންދިއުމުގެ ހާދިސާތަކެއް ހިނގީ އެޗް3 އާއި އެޗް4 ގެ ޓަވަރުގައި ކަމަށެވެ. އެޗް3 ގެ ބިއްލޫރިގަނޑު ތަޅައިގެން ދިއުމުން އެ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ ސްޓާފުން އިންސްޕެކްޝަނެއް ހެދި ކަމަށާއި ބިއްލޫރިގަނޑު ތަޅައިގެންދިޔައީ އެއްޗަކުން ޖެހިގެން ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި އެ ކުންފުނީގެ ސްޓާފުން ދިޔައިރު އެޗް4 ގެ ޓަވަރުގައި ހުރި ފްލެޓްގެ ބިއްލޫރިގަނޑު ހުރީ ނައްޓާލައިފަ އެވެ. އެހެންވެ އެތަނުގެ ބިއްލޫރިގަނޑު ތަޅައިގެންދިޔަ ސީދާ ސަބަބު ނޭނގޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓްގެ ކުޑަ ދޮރުތައް ހަރުކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެފައި ވާއިރު ބިއްލޫރީގެ ފެންވަރު ދަށްވެގެން މިފަދަ ކަމެއް ދިމާވެފައި ނުވާ ކަމަށާއި އެތަނުގައި ހަރުކޮށްފައި ހުރި 14،000 އެއްހާ ދޮރުގެ ފެންވަރާ މި ދިމާވި ކަންތަކާ ގުޅުމެއް ނެތް ކަމަށެވެ.
ކުރިން ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީ ފްލެޓްތަކުގެ ބޭރުގެ ބިއްލޫރިގަނޑު ތަޅައިގެން ދަނީ މާ ބޮޑަށް ހޫނުވުމުގެ ސަބަބުން ކަމަށެވެ. އަދި ބައެއް މީހުން ވަނީ އެތަނުގައި ހަރުކޮށްފައި ހުރީ އެހާ ފެންވަރު ރަނގަޅު ބިއްލޫރި ނޫން ކަމަށް ބުނެ ފާޑުކިޔައިފައިވެ އެވެ. އެކަމަކު އެތަނުގައި ހަރުކޮށްފައި ހުރީ ޓެމްޕާޑް ގްލާސް އެވެ. އެ ތަޅައިގެން ގޮސް މީހަކަށް ނުރައްކާވުމުގެ ފުރުސަތު ކުޑަވާނެ އެވެ.