04 އޮކްޓޯބަރ 2021 - 08:48

މިއުނިކް (އޮކްޓޯބަރު 4) - ޖަރުމަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެއިންޓްރެކްޓް ފްރެންކްފަޓްއާ ދެކޮޅަށް ކުޅެ، 2-1 އިން ބަޔާން މިއުނިކް ބަލިވެއްޖެ އެވެ.
މިއީ އެ ޓީމުން ލީގުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 30 މެޗުން ބަލިވި ފުރަތަމަ މެޗެވެ. ހަމަ އެއާއެކު މި ނަތީޖާ ވެފައި ވަނީ 2000 ވަނަ އަހަރަށް ފަހު އެލިއެންޒް އެރީނާގައި ފްރެންކްފަޓް މޮޅުވި ފުރަތަމަ ފަހަރަށެވެ. ބެޔާން އެންމެ ފަހުން މި ދަނޑުގައި ކުޅުނު ލީގު މެޗަކުން ބަލިވީ ނޮވެމްބަރު 2019 ގަ އެވެ.
މި މެޗުގެ ކުރިން މި ސީޒަނުގައި ފްރެންކްފަޓް އަށް ލީގުގައި މޮޅެއް ހޯދިފައި ނުވާއިރު، އެ ޓީމުން ބެޔާން މިއުނިކް ބަލިކުރަން ދެ ގޯލު ވެސް ޖެހީ ބެޔާނުން މެޗުގައި ލީޑު ނަގާފައި ވަނިކޮނެވެ. މެޗުގެ 29 ވަނަ މިނިޓުގައި ބެޔާނުން ލީޑު ނެގީ ލެއޮން ގޮރެޓްޒްކާ ޖަހައިދިން ލަނޑުންނެވެ. ނަމަވެސް ބެޔާނަށް ލީޑު ހިފަހައްޓައިލެވުނީ އެންމެ ދެ މިނެޓަށެވެ. ފިލިޕް ކޮސްޓިޗް ނަގައިދިން ކޯނަރަކުން ފްރެންކްފަޓް އަށް އެއްވަރު ކޮށްދިނީ ކެޕްޓަން މާޓިން ހިންޓަރެގާއެވެ.
ފްރެންކްފަޓުން ލީޑު ނެގީ، މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ފިލިޕް ކޮސްޓިޗް ޖަހައިދިން ގޯލުންނެވެ.
ކުރިން ޕީއެސްޖީ އަށް ވެސް ކުޅުނު ފްރެންކްފަޓްގެ ކީޕަރު ކެވިންޓްރެޕް ވަނީ ބެޔާނުން ފޮނުވައިލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. ދެވަނަ ހާފު ފެށިގެން 10 ވަނަ މިނިޓުގައި ލެވަންޑޯސްކީ ބޮލުން ފޮނުވައިލި ބާރު ހަމަލާއެއް ޓްރެޕް މަތަކުރިއިރު، ސާޖް ގްނަބްރީ އާއި ލިރޯއީ ސާނޭ ފޮނުވައިލި ހަމަލާތަކުގެ ހުރަހަކަށް ވެސް ވީ ރޭގެ މެޗުގައި މޮޅަށް ކުޅުނު ކީޕަރު ޓްރެޕް އެވެ. އަދި އޭނާ ވަނީ މެޗު ނިމެނިކޮށް ގޮރެޓްޒްކާ ފޮނުވައިލި ނުރައްކާތެރި ހަމަލާއެއް ވެސް ދިފާއު ކޮށްފަ އެވެ.
މިއީ މި ސީޒަނުގައި ވެސް ބަޔާން މިއުނިކް ބަލިވި ފުރަތަމަ މެވެވެ. ބަލިވިޔަސް ބެޔާން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ. ހަތް މެޗު ކުޅެގެން ބެޔާނާ އެއްވަރަށް 16 ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ ރޭ އަރްމީނިއާ ބިލެފެލްޑް 4-0 އިން ބަލިކުރި ބެޔާ ލެވަކޫސަން އެވެ. މިހާތަނަށް 15 ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ. ޑޯޓްމަންޑާ އެއްވަރަށް 15 ޕޮއިންޓް ލިބިފައިވާ ފްރެއިބާގް ތާވަލުގެ ހަތަރު ވަނައިގައި އޮތީ ޖެހި ގޯލު މަދުވުމުންނެވެ.