04 އޮކްޓޯބަރ 2021 - 00:01

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުން އަންނަ ގޮތާ މެދު އިދިކޮޅުން ކަންބޮޑުވުންފާޅުކޮށް، ސެކިއުރިޓީ ދިނުމުގައި ފަރުވާ ކުޑަ ނުކުރަން މިރޭ ގޮވާލައިފި އެވެ.
ޕީޕީއެމް/ޕީއެންސީން މިގޮތަށް ގޮވާލީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ ސީސީޓިވީ ކެމެރާ ހަލާލުކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ތިން ބާރުގެ ތެރެއިން އެއް ބާރެއްގެ ވެރިއަކު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ފޫއަޅުވާލައި އެ ގެއަށް ވަނުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބުމަކީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެފަދަ ފުރުސަތެއް ލިބިފައި ވަނީ ދައުލަތުން ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަމުގައި އިހުމާލުވެ ދޭން ޖެހޭ ސަމާލުކަން ނުދެވި ފަރުވާ ކުޑަވުމުން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
"...އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު ކަމުގައިވާ ދައުލަތުގެ އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާއަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަމުގައި ފަރުވާ ކުޑަ ނުކުރުމަށާއި އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް ހަރުދަނާކޮށް ކަށަވަރުކޮށް ވަރުގަދަ ކުރުމަށް ގޮވާލަން،" ބަޔާނުގައި ބުންޏެވެ.
ޝަރީއަތެއްގައި އިންނަވަނިކޮށް އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަން މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށް 24 ގަޑިއިރު އެ ގޭގައި ސިފައިން ތިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރުގެ ރައްކާތެރިކަމަށް ޕީޕީއެމް/ޕީއެންސީން ގޮވާލިއިރު އެ ދެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ސުޕްރީމް ކޯޓުގައި ވަނީ ފަށައިފަ އެވެ. އެގޮތުން ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.