ހުތުރު ބަސްތަކުން އިސްތިހާރުތަކުގެ އިޖުތިމާއީ ފޭރާން ވީދެނީ!
ހުތުރު ބަސްތަކުން އިސްތިހާރުތަކުގެ އިޖުތިމާއީ ފޭރާން ވީދެނީ!

"އެ އިސްތިހާރު އަތުވެއްޖިއްޔާ އަޅުގަނޑު ޖެހެނީ ރިމޯޓުން އެހެން ޗެނަލަކަށް ބަދަލުކުރަން. ދަރިންނާ އެކު ބެލޭވަރެއް ނޫން،" މަޝްހޫރު ކުންފުންޏެއްގެ އިސްތިހާރަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު ހިޔާލު ފާޅުކުރި އެވެ.

ހުތުރު ބަސްތަކުން އިސްތިހާރުތަކުގެ އިޖުތިމާއީ ފޭރާން ވީދެނީ!
ހުތުރު ބަސްތަކުން އިސްތިހާރުތަކުގެ އިޖުތިމާއީ ފޭރާން ވީދެނީ!

"މީހުން ބުނެފާނެ އޭގައި ކޮބައިހޭ ބޭއަދަބީ ބަސްތަކަކީ. މާނަ ނަގަންވިއްޔާ ކޮންމެ މާނައެއް ވެސް ނެގިދާނެ އޭ. އެކަމަކު ކަން އޮންނަނީ އެހެނެއް ނޫން."

ހުތުރު ބަސްތަކުން އިސްތިހާރުތަކުގެ އިޖުތިމާއީ ފޭރާން ވީދެނީ!
ހުތުރު ބަސްތަކުން އިސްތިހާރުތަކުގެ އިޖުތިމާއީ ފޭރާން ވީދެނީ!

ދެ މާނަ ލައިގެން، އޭގެ ތެރޭގައި ބޭއަދަބީ ނުވަތަ އަހުލާގީ ގޮތުން ވަރަށް ދަށް އަދި ޖިންސީ ވާހަކަތައް ހިމެނޭ އިސްތިހާރުތައް މިހާރު މި ދަނީ އާންމުވަމުންނެވެ. އެކަން ނުހުއްޓި، ބައެއް އިސްތިހާރުތަކުގައި ސީދާ އައުގުރާނަ އާއި ޖިންސީ ފުރައްސާރަ ކުރުން ވެސް މިހާރު ހައްދުފަހަނައަޅައިފި އެވެ.

މި ދަންތުރައިގައި ރާއްޖޭގެ އެންމެ އާދައިގެ ވިޔަފާރިތަކުން ފެށިގެން ގޮސް، ވަރަށް ބޮޑެތި ކުންފުނިތައް ވެސް ވަނީ ޖެހިފަ އެވެ. ސުވާލަކީ، އާންމު ޓީވީތަކުން ދައްކައި، މަގުތަކުގައި އެފަދަ ބޮޑެތި ބިލްބޯޑުތައް ޖަހާއިރު، އެކަން ރެގިއުލޭޓް ކުރާނެ ފަރާތެއް ވެސް ނެތީތޯ އެވެ؟

އެފަދަ އިސްތިހާރުތައް، މާކެޓިން ދާއިރާގެ ތަޖުރިބާކާރު ފާތިމަތު ނުޒުހާ ސިފަކުރެއްވީ "ކަންނެތް އިސްތިހާރު" ކުރުމުގެ އުކުޅެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ އިސްތިހާރުތައް އާންމުންނާ ހަމައަށް ގެނައުމުގައި ވަކި އުސޫލެއް ހިފަހެއްޓުން ވަރަށް މުހިއްމު ކަމަށެވެ.

"ސޮސައިޓީން ގަބޫލުކުރާ މިންގަނޑު އިސްތިހާރުތަކުގައި ހިފަހައްޓަން ޖެހޭ. ބައެއް އިސްތިހާރުތައް މިހުންނަނީ އެއްވެސް ކްރިއޭޓިވިޓީއެއް ނެތި، ހަމައެކަނި ގޯސް، ހުތުރު ބަސްތައް ހިމަނައިގެން،" އޭނާ ވިދާޅުވި އެވެ.

އިސްތިހާރު ކުރުމުގައި ވިޔަފާރިވެރިން ބަލަނީ "ގޯސް ޕަބްލިސިޓީ"އަކީ ވެސް ޕަބްލިސިޓީއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ހަމައެކަނި މަގްސަދަކީ ގޯސް ވިޔަސް ނުވަތަ ރަނގަޅު ވިޔަސް ސޯޝަލް މީޑިއާގައި އޭތި ވައިރަލްވެ އެންމެންނަށް އެނގޭ އިސްތިހާރަކަށް ހެދުމެވެ.

ނުޒުހާ ވިދާޅުވީ، އިސްތިހާރު ހެދުމުގައި "ވަލްގާ" ނުވަތަ ހުތުރު މާނަ ހިމެނޭ ބަސްތައް ބޭނުން ކުރުމުގެ ބަދަލުގައި އިޖްތިމާއީ މައްސަލަތަކަށް އަމާޒުކޮށް ވެސް އާންމުންގެ ސަމާލުކަން ލިބޭނެ އިސްތިހާރުތައް އުފެއްދޭނެ ކަމަށެވެ.

"މިކަހަލަ ހުތުރު ބަސް ހިމެނޭ އިސްތިހާރެއް އުފައްދަން މާ ބޮޑު ކްރިއޭޓިވިޓީއެއް ބޭނުމެއް ނުވޭ. ރަނގަޅު އެއްޗެއް އުފައްދަން ގިނަ ވަގުތު ބޭނުންވާނެ. ރިސާޗް ކުރަން ޖެހޭނެ. އެހެންވެ ކަންނޭނގެ މިފަދަ އެޑްތައް ނުފެންނަނީ،" އޭނާ ވިދާޅުވި އެވެ.

އިސްތިހާރު ކުރުމުގައި ހުތުރު ބަސްތައް ބޭނުން ކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ކަމެކެވެ. އެކަމަކު ރާއްޖޭގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ؛ އެއްވެސް ފިޔަވަޅެއް ނޭޅެ އެވެ.

ގައުމީ ޔުނިވާސިޓީގެ ކުރީގެ މާކެޓިން ލެކްޗަރާ އަހުމަދު މިހާދު ވިދާޅުވީ، އިސްތިހާރުތަކުގައި ބޭއަދަބީ ބަސްތައް ބޭނުންކުރުން އިތުރު ވަނީ މިފަދަ ކަންކަން ރެގިއުލޭޓް ކުރާނެ ބަޔަކު ނެތުމުން ކަމަށެވެ.

"ވަރަށް ގޯސް ކަމެއް މިއީ. މިހާރު ފެންނަ އިސްތިހާރުތައް އިޖުތިމާއީ މިންގަނޑުތަކަށް ފިޓެއް ނުވޭ. ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް މިކަމެއް ނުބެލެހެއްޓޭ. އިސްތިހާރުތައް ވާން ޖެހޭނީ ސޮސައިޓީ ބައްޓަން ކުރަން ޖެހޭ ގޮތް ފެންނަ އެއްޗަކަށް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އިސްތިހާރުތައް ހުންނަން ޖެހޭ ގޮތާއި އިސްތިހާރުތައް ދައްކަން ޖެހޭގޮތް ވަރަށް ތަފްސީލުކޮށް ހުރެ އެވެ. އެމެރިކާގައި އިސްތިހާރު ކުރުމުގައި އަމަލުކުރަން ޖެހޭ އެކި މިންގަނޑުތައް ހުންނަ 12 ގައިޑްލައިނެއް އޮވެ އެވެ. ސިންގަޕޫރު ފަދަ ގައުމުތަކުގައި އިސްތިހާރުތައް ދައްކަން ވަކި އުސޫލެއް އަދި ގަޑިތަކެއް ކަނޑައަޅާފައި އޮވެ އެވެ. މީގެ އިތުރުން ބައެއް ގައުމުތަކުގައި އިސްތިހާރުން ދެއްކޭނެ އެއްޗެހި ތަފްސީލުކޮށް އޮވެ އެވެ. މިސާލަކަށް ކުޑަކުދިން ކުޅޭ އެއްޗެހި އިސްތިހާރު ނުކުރެވޭ ފަދަ އުސޫލުތަކެއް ވެސް ބައެއް ގައުމުތަކުގައި ކަނޑައަޅާފައިވެ އެވެ.

ނުޒުހާ ވިދާޅުވީ، ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުން ވެސް ހުތުރު ބަސްތައް ހިމަނައިގެން އިސްތިހާރު ހެދުމުގެ ސަގާފަތެއް މިހާރު އާލާވަމުން ދިއުމަކީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ.

"ވަގުތީ ފައިދާއެއް މި ލިބެނީ. ދިގު މުސްތަގްބަލަށް ބަލާ ނަމަ ކުންފުނީގެ އަގު ވެއްޓި، އާންމުންގެ ނުރުހުން ކުންފުންޏަށް އަމާޒުވާނީ،" އޭނާ ވިދާޅުވި އެވެ.

މިއީ އިސްތިހާރު ކުރުމުގައި ކުންފުނިތަކުން ސަމާލުވާން ޖެހޭ ކަމެކެވެ. ރާއްޖޭގައި މިފަދަ ކަންކަން ބަލާނެ ނުވަތަ ފިޔަވަޅު އަޅާނެ އޮތޯރިޓީއެއް ނެތް އިރު، ބޮޑެތި ކުންފުނިތަކުން އަމިއްލަ އަށް ވެސް މިންގަނޑުތަކެއްގައި ހިފަހައްޓަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިކަންކަން ބަލާނެ ބަޔަކު ނެތް އިރު ސެލްފް ރެގިއުލޭޓްވުން ވެސް ވަރަށް މުހިއްމު. އަމިއްލަ އަށް ކުންފުނިތަކުން ވެސް އުސޫލުތަކެއްގައި ހިފަހައްޓަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތަކުން ހުތުރު ބަސްތައް ހިމަނައިގެން އެ ކުންފުނިތަކުގެ އުފެއްދުންތައް ޕްރޮމޯޓް ކުރަމުން ދެ އެވެ. މިފަދަ ބައެއް އިސްތިހާރުތައް ފެންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަންޏެއް ނޫނެވެ. ބައެއް އިސްތިހާރުތައް ޓީވީތަކުން ވެސް ދަނީ ދައްކަމުންނެވެ.

ގިންތި ކުރުމާއި ކަނޑައެޅުމުގައި ދަރަޖަކުރުމުގެ ގަވައިދެއް 2014 ވަނަ އަހަރު ދައުލަތުން އާންމުކޮށްފައިވެ އެވެ. މި ގަވައިދުގައިވާ ގޮތުން ފިލްމާއި ޑޮކިއުމެންޓްރީ އާއި ޑްރާމާ އާއި ސްޓޭޖް ޝޯތަކާއި އިސްތިހާރު ފިލްމާއި ރިކޯޑްކޮށްފައިވާ އަޑާއި ވީޑިއޯ އާއި އަދަބިއްޔާތާއި ކޮމްޕިއުޓާ ކޮންސޮލް ގޭމްސް ވެސް ގިންތި ކުރަން ޖެހޭނެ އެވެ. މިތަކެތި ގިންތި ކުރާނީ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުންނެވެ.

މި ވަގުތު ނޭޝަނަލް ބިއުރޯ އޮފް ކްލާސިފިކޭޝަނުން މިކަން ކުރަން ތިބެނީ ތިން ބޭފުޅުންނެވެ. އެ މަސައްކަތުގައި އުޅޭ މުހައްމަދު އިނާން އަލީ ވިދާޅުވީ، އިސްތިހާރުތައް ގިންތިކޮށް ވެރިފައި ނުކުރާ ކަމަށެވެ. އެހެން ނަމަވެސް މާލޭގެ އެކި ސަރަހައްދުގައި ބަހައްޓާފައި ހުންނަ ބިލް ބޯޑުތަކާއި ޕޯސްޓަރުތައް އެ ފަރާތް މެދުވެރިވެގެން ވެރިފައިކޮށް ގިންތި ކުރާނެ އުސޫލެއް އެކުލަވާލަމުން އަންނަ ކަމަށެވެ. މިކަމުގައި ޕްލޭނިން މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވީ، އުސޫލެއްގެ ގޮތުން ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން އިޝްތިހާރުތައް ގިންތި ކުރަން ޖެހޭ އިރު އެކަން ކުރަން އެއްވެސް ކުންފުންޏަކުން ހުށަނާޅާ ކަމަށެވެ. އަދި މި ވަގުތު ރާއްޖޭގެ ބިއުރޯ އޮފް ކްލެސިފިކޭޝަންގައި ގަވައިދުގައި ކަނޑައަޅާފައި ހުރި ހުރިހާ ކަމެއް ކްލެސިފައި ކުރެވޭނެ ކެޕޭސިޓީއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ތިން މީހުން ތިބެނީ. ކިހިނެއް ހުރިހާ ކަމެއް ކުރާނީ. ލަވަ އާއި ފިލްމުތައް ކްލެސިފައިކޮށްފައި އެހެން އެއްޗެހި ކްލެސިފައި ކުރެވޭކަށް ނޯވޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސޯޝަލް މީޑިއާތަކުގައި ދައްކާ އިސްތިހާރުތައް ރެގިއުލޭޓް ކުރެވޭނެ އުސޫލެއް ނެތް ނަމަވެސް ޓީވީ އާއި ރޭޑިއޯތަކުން ދައްކާ އިސްތިހާރުތައް ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ރެގިއުލޭޓް ކުރަމުންނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ، އިޖްތިމާއީ މިންގަނޑަށް ނުފެތޭ އިސްތިހާރެއް ދައްކާ ކަން ހާމަވެއްޖެ ނަމަ އެ މައްސަލައެއް ކޮމިޝަނުން ބަލައި އެ ބްރޯޑްކާސްޓަރާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ނަމަވެސް އެ އިސްތިހާރު ހެދި ކުންފުންޏަށް ފިޔަވަޅު އެޅުމުގެ ބާރެއް އެ މީހުންނަށް ލިބިފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފިޔަވަޅު އަޅާނީ ބްރޯޑްކާސްޓަރުންނަށް. ކުންފުނިތަކަށް ފިޔަވަޅެއް ނާޅާނެ. އަޅުގަނޑުމެން ބަލަހައްޓަނީ ބްރޯޑްކާސްޓަރުންގެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

- މުޖުތަމައުގެ އަދަބު އަހްލާގުގެ މިންގަނޑުތަކަށް ނުފެތޭގޮތަށް އިސްތިހާރުތައް ނުފޮނުވުން.

- އިސްތިހާރަށް މީހުންގެ ޝައުގުވެރި ކުރުމުގެ ގޮތުން އަންހެނުންގެ ކަރާމާތާއި ގަދަރު ގެއްލޭ ފަދަ ގޮތަކަށް އެ މީހުންގެ ރީތިކަން ބޭނުން ނުކުރުން.

- އަންހެނުން ހިމަނައިގެން އިސްތިހާރު ކުރާ ނަމަ އިސްތިހާރު ކުރާ މައްދާ ނުވަތަ ހިދުމަތަކާ ގުޅޭ ގޮތުން އޭނާގެ ހެދުމާއި ހަރަކާތްތައް ބެހެއްޓުން.

- މުދަލާއި ހިދުމަތް އިސްތިހާރު ކުރާ އިރު އިންސާނީ ހައްގާއި ކަރާމާތަށް އުނިކަމެއް އަޔަނުދިނުން.

މިކަންކަން މިހެން ބަޔާންކޮށްފައި ހުރި ނަމަވެސް ޓީވީތަކުން ދައްކާ ބައެއް އިސްތިހާރުތަކުން އަންހެނުންގެ ކަރާމާތާއި ގަދަރު ގެއްލޭ ފަދަ ގޮތަކަށް އުފައްދާފައި ހުންނަ އިސްތިހާރުތައް ދައްކަ އެވެ. އަދި އަދަބު އަހްލާގު މިންގަނޑަށް ނުފެތޭ، ގޯސް މާނަ ދޭހަވާ ފަދަ ބަސްތައް ހިމަނައިގެން އުފައްދާ އިސްތިހާރުތައް ދައްކަ އެވެ. މިކަން މިއަށްވުރެ ޒިންމާދާރު ކަމާ އެކު ބަލައި، ފިޔަވަޅު އަޅަން ޖެހޭ އޮތޯރިޓީތަކުން ބަލަހައްޓާ ނަމަ، އެކަން ހުއްޓުވޭނެ ކަމަށް މި ދާއިރާގެ ފަރާތްތަކުން ގަބޫލުކުރެ އެވެ.