03 އޮކްޓޯބަރ 2021 - 19:59

އެއްފަހަރާ 30،000 އަށް ވުރެން ގިނަ މީހުން އާބާދުވާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ދިރާގުން ހައިސްޕީޑް ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް މިއަދު ދޭން ފަށައިފި އެވެ.

ދިރާގަކީ މި ނެޓްވޯކުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިދުމަތް ދޭން ފަށާ ކުންފުންޏެވެ.
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ހިޔާ ފްލެޓްގައި ދިރާގު ޓީވީ އަދި ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތް ހޯދި އެންމެ ފުރަތަމަ ކަސްޓަމަރާ ދިރާގު އަދި އެޗްޑީސީގެ އިސްވެރިން ވަނީ ބައްދަލު ކުރައްވައިފަ އެވެ.
މި ހިދުމަތްތަކަށް އެދެން ބޭނުންވާ މީހުންނަށް ދިރާގުން ވަނީ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހާއްސަ ޓެންޓެއް ބަހައްޓައިފަ އެވެ. މި ޓެންޓުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރު 3:30ން ހަވީރު 6:30 އަށް ހިދުމަތް ދޭނެ އެވެ.
ދިރާގު ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ހުޅުމާލޭގައި ދޭ ހިދުމަތްތަކަކީ ވެސް މާލޭގެ އެހެން ސަރަހައްދުތަކުގައި ދޭ ފެންވަރުގެ ހިދުމަތްތަކަކަށް ވާނެ ކަމަށެވެ.
"މި އެއްބަސްވުމާ އެކު އަޅުގަނޑުމެން އެންމެ އިސްކަމެއް ދެނީ ހުޅުމާލޭ ދެވަނަފިޔަވަހީގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކަކީވެސް މާލޭގެ އެހެންސަރަހައްދު ތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި، އަގުގެ ތަފާތެއް ނެތި، ދެވޭނެ ހިދުމަތްތަކެއް ކަން ޔަގީން ކުރުން،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ގިނަ ސާވިސް ޕްރޮވައިޑަރުން ގުޅިގެން އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް އެއް ފައިބަ ނެޓްވޯކެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެ އެވެ.