ކައުންސިލް އިމާރާތުގައި ހިންގާ ބައެއް ކޯޓުތައް ނެރެން އެދިއްޖެ
ކައުންސިލް އިމާރާތުގައި ހިންގާ ބައެއް ކޯޓުތައް ނެރެން އެދިއްޖެ

ކައުންސިލް އިމާރާތްތަކުގައި ޖާގައިގެ ދަތިކަން ބޮޑުވުމުގެ ކަންބޮޑުވުންތަކާ އެކު ކޯޓުތައް ވަކި އިމާރާތެއްގައި ހިންގާ ގޮތަށް ބަދަލުކޮށްދޭން ބައެއް ކައުންސިލްތަކުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި އެދިއްޖެ އެވެ.

ވަރަށް ގިނަ ރަށްތަކުގައި މެޖިސްޓްރޭޓް ކޯޓު އަދިވެސް ހިންގަނީ ކައުންސިލް އިމާރާތުގެ ބައެއްގަ އެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ރާއްޖެއަށް ތައާރަފް ނުވާއިރު، ރަށު އޮފީސްތަކުގެ ގޮތުގައި އޭރު ހެދި އެ އިމާރާތްތައް ޑިޒައިންކޮށްފައި ހުރީ ކޯޓް ހިންގާނެ ބަޔަކާ ވެސް އެކުގަ އެވެ.

އެކަމަކު ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުތަކާ އެކު ކުރިއަށް ވުރެން ކައުންސިލްތަކުގައި މުވައްޒަފުން ގިނަވެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަަތީފު "މިހާރު"އަށް މިއަދު ވިދާޅުވީ ކޯޓުތައް ބަދަލުކޮށްދޭން ބައެއް ކައުންސިލްތަކުން އެދިފައި ވާތީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމަކު ވަކި ގޮތެއް އަދި ނުނިމޭ ކަމަށް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ކޯޓުތައް ހިންގާ ބައި ހުސްކުރަން ބައެއް ކައުންސިލްތަކުން އެދިފައި ވަނީ ކައުންސިލަށް އިތުރު ޖާގަ ބޭނުންވެގެންނެވެ. ކޯޓްތަކަކީ މިނިވަންކަމާ އެކު ހިންގަން ޖެހޭ ތަންތަނަށް ވާތީ ކައުންސިލްގެ އިމާރާތުގައި ހިންގުން ރަނގަޅު ނޫން ކަމަށް ވެސް ބައެއް ކައުންސިލްތަކުން ކޯޓްތަކަށް އެންގި ކަމަށް ވެ އެވެ.

ކޯޓު ހުސްކުރަން އެންގީ ކިތައް ކައުންސިލުން ކަމެއް އަދި މިހާތަނަށް އެއްވެސް ކޯޓެއް ބަދަލުކޮށްފައިވާ ކަމެއް ވެސް އެލްޖީއޭއަކުން ނުުބުނެ އެވެ.

ކައުންސިލްތަކާ އެއް އިމާރާތެއްގައި މެޖިސްޓްރޭޓް ކޯޓްތައް ހިންގަން ޖެހޭތީ ބައެއް މެޖިސްޓްރޭޓުން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ފަނޑިޔާރުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން މިދިހޔަ ޖޫން މަހު ބޭއްވި ބައްދަލުވުމެއްގައި ބައެއް މެޖިސްޓްރޭޓުން ވިދާޅުވީ ކައުންސިލްތަކާ އެއް އިމާރާތެއްގައި ކޯޓްތައް ހިންގުމަކީ ރައްކާތެރިކަމެއް ވެސް ނޫން ކަމަށެވެ.

މެޖިސްޓްރޭޓުން އޭރު ވިދާޅުވެފައިވާ ގޮތުގައި ކައުންސިލްތަކާ އެއް އިމާރާތެއްގައި ކޯޓްތައް ހިންގުން ރައްކާތެރި ކަމަކަށް ނުވަނީ ރަށެއްގައި ކަމެއް ހިނގާ އިރަށް ރައްޔިތުން އެއްވާ ތަނަކީ ކައުންސިލްގެ އިދާރާ ކަމަށް ވުމެވެ. އެއީ ބައެއް ހާލަތްތަކުގައި ކޯޓުގެ މަސައްކަތަށް ބުރޫއަރާ ކަމެއް ކަމަށް ވެސް މެޖިސްޓްރޭޓުން އޭރު ވިދާޅުވި އެވެ.

ޑީޖޭއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ބައެއް މެޖިސްޓްރޭޓް ކޯޓްތަކަށް ވަކި އިމާރާތްތައް އަޅަން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.