03 އޮކްޓޯބަރ 2021 - 18:10

ސާފް ޗެމްޕިއަންޝިޕަށް އިންޑިއާ އިން ދޭ އަހަމިއްޔަތު ކުޑަކަން ހާމަވާ ގޮތަށް އިންޑީއާގެ ގައުމީ ކޯޗު އީގޯ ސްޓިމަކް ވާހަކަ ދައްކައިފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ޕްރީ ޕްރެސްގައި ވާހަކަ ދައްކަމުން ސްޓިމަކް ބުނީ މި މުބާރާތަކީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ކުރިން އިންޑިއާ ޓީމުގައި އެއްކޮށް މެޗުތަކެއް ކުޅެން ރަނގަޅު މުބާރާތެއް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް އެހެން ޓީމެއް ހޯދާ ފަހުން އަބަދުވެސް ޖެހިގެން އަންނަ މުބާރާތް އިންޑިއާއިން ކާމިޔާބު ކޮށްފައި ވެއެވެ. ސްރީ ލަންކާއިން 1995ގެ މުބާރާތް ކާމިޔާބު ކުރި ފަހުން 1997 ގެ މުބާރާތް އިންޑިއާިން ކާމިޔާބު ކުރި އެވެ. އޭގެ ފަހުން އެހެން ޓީމަކުން މުބާރާތް ކާމިޔާބު ކުރީ 2003 ގައި ބަންގްލަދޭޝްއިންނެވެ. ޖެހިގެން އައި 2005 ގެ މުބާރާތް އިންޑިއާއިން ކާމިޔާބު ކުރި އެވެ. އޭގެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް 2008 ގައި ރާއްޖެއިން ކާމިޔާބު ކުރި ފަހުން 2009 ގައި އިންޑިއާއިން ކާމިޔާބު ކުރި އެވެ. އޭގެ ފަހުން އެހެން ޓީމަކުން މުބާރާތް ކާމިޔާބު ކުރީ 2013 ގައި އަފްގާނިސްތާންއިންނެވެ. ދެން ޖެހިގެން އައި މުބާރާތް އިންޑިއާއިން 2015 ގައި ކާމިޔާބު ކުރި އެވެ. އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދީ ރާއްޖެއިންނެވެ.
ތާރީހުގައި އެގޮތަށް ތަކުރާރުވެފައި ވުމުން އެކަން މިފަހަރު ހާސިލު ކުރުމަށް އޭނާއަށް ޕްރެޝަރު އެބައޮތްތޯ ސުވާލު ކުރުމުން ސްޓިނަކް ބުނީ ސާފް ޗެމްޕިއަންޝިޕާ މެދު އޭނާ އެގޮތަށް ނުދެކޭ ކަމަށެވެ.
"މި މުބާރާތާ މެދު އަހަރެން އެގޮތަކަށް ނުދެކެން،" ސްޓިމަކް ޖަވާބު ދިނެވެ. "އެކަމަކު ހަމަ ޔަގީނުން ވެސް މުބާރާތެއް ކާމިޔާބުވުމަކީ ރީތި ކަމަކަށް ވާނެ. އެހެންވެ އަހަރެމެން މިތަނަށް އައިސް މިތިބީ ވެސް. އެހެންވެ އަހަރެމެން ބައިވެރިވީ."
ބްރެޒިލްގައި 2014 ގައި ބޭއްވި ވޯލްޑް ކަަޕަށް އޭނާގެ އަމިއްލަ ގައުމު ކްރޮއޭޝިއާ ކޮލިފައިކޮށްދިން ކޯޗް ބުނީ ސާފް ޗެމްޕިއަންޝިޕަކީ މުހިންމު މުބާރާތެއް ނޫންކަމަކަށް ނުބުނެވޭނެ ކަމަށެވެ. އޭނާ ބުނީ އޭޝިއަން ކަޕް ކޮލިފައިންއަށް ދާއިރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ކުޅުންތެރިންނަށް ލިބޭ ހިތްވަރު އިތުރުވާނެ ކަމަށެވެ.
"މުބާރާތް ކާމިޔާބު ހޯދަން އަހަރެމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. އެކަމަކު ހަތަރު މެޗުން ކޮންމެ ކަމެއް ވެސް ވެދާނެ. މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކަށް އަހަރެމެން އިހުތިރާމު ކުރަން. ކޮންމެ ޓީމަކަށް ވެސް މުބާރާތް ކާމިޔާބު ކުރުމުގެ ފުރުސަތު އެބައޮތް."
ތައްޔާރުވާން މުބާރާތަށް ތައްޔާރުވާން އިންޑިއާއިން ހޭދަ ކުރީ ހަތަރު ދުވަހެވެ. އެއީ މުބާރާތާ މެދު ސަމާލުކަން ކުޑަކަން ހާމަކޮށްދޭ ކަމެކެެވެ. އެކަމަކު ސްޓިމަކް ބުނީ ހަތަރު ދުވަހުން ގައުމީ ޓީމެއް ތައްޔާރު ކުރަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މާދަމާ އިންޑިއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝްގެ ކޯޗް އޮސްކާ ބުރުޒޯން ބަރޭރަސް ބުނެފައި ވަނީ މުބާރާތުގައި އޮތް ފޭވަރިޓް ޓީމަކީ ބަންގްލަދޭޝް ކަމަށެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް ސްޓިމަކް ބުނީ، އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އޮސްކޯ ކޯޗް ކޮށްދިން ބަށުންދަރާ ކިންގްސްއިން ދެއްކި ކުޅުން ރަނގަޅު ކަމަށާއި އެކަމަކު ގައުމީ ޓީމާއި ކްލަބު ފުޓްބޯޅަ ތާފާތު ވާނެ ކަމަށެވެ.
"ބަށުންދަރާ ކިންގްސްގައި ބިދޭސީ ކުޅުންތެރިންނާއެކު ރަނގަޅު ނަތީޖާތަކެއް އޭނާ ނެރުނު. އެކަމަކު ގައުމީ ޓީމުގައި ބިދޭސީ ކުޅުންތެރިންނެއް ނުތިބޭނެ،" ސްޓިމަކް ބުންޏެވެ. "ވަރަށް އަވަހަށް އޭނާ ދެކޭ ގޮތް (ބަންގަލަދޭޝްއަކީ ފޭވަރިޓް ޓީމު ކަމަށް ދެކޭ ދެކުން) ބަދަލުކޮށްފާނެ."