04 ޑިސެމްބަރ 2016 - 11:12

މެދުއިރުމަތީގެ ގައުމުތަކުގައި ފާސްޓް ފުޑްގެ އުފެއްދުންތަކަށް މަޝްހޫރު ޗެއިނެއް ކަމަށްވާ ޗިކިންގުގެ ތިން ތަނެއް ރާއްޖޭގައި ހުޅުވަން ނިންމައިފި އެވެ.
ދުބާއީގެ ޗިކިންގުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ބްރޭންޑް ރާއްޖެ ގެނައުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ޓީއެފްސީ އިންވެސްޓްމަންޓްސްއާ އެކު މިދިޔަ ހަފުތާގެ އާދިއްތަދުވަހު ވަނީ ސޮއިކޮށްފަ އެވެ. ދުބާއީގައި ހުންނަ ޗިކިންގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗިކިންގުގެ ފްރެންޗައިސްތައް ބަލަހައްޓާ ކުންފުނި ކަމަށްވާ ބީއެފްއައި މެނޭޖްމަންޓުގެ ސީއީއޯ ސްރީކަންތު އެންޕީ އާއި ޓީއެފްސީގެ ޑިރެކްޓަރު އަހުމަދު ނަޝީދެވެ.
"ރާއްޖޭގައި ޗިކިންގުގެ ތަނެއް ހުޅުވުމަކީ ފާސްޓް ފުޑް އިންޑަސްޓްރީ އަށް ލިބޭނެ ކުރިއެރުމެއް،" މި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި އެވެ.
ޗިކިންގުގެ މައި ތަން ހުޅުވަން ނިންމާފައި ވަނީ، ބަޔާނުގައި ބުނި ގޮތުގައި، މާލޭގަ އެވެ. އޭގެ އިތުރުން ވެސް ރާއްޖޭގައި ދެ ތަނެއް ހުޅުވަން ނިންމާފައިވާ ކަމަށް ބުންޏެވެ. އެކަމަކު، އެ ތަންތަން ހުޅުވާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.
ހަލާލު ކާއެއްޗިއްސަށް މަޝްހޫރު ޗިކިންގުން ދުނިޔޭގެ އަށް ގައުމެއްގައި 100 އަށް ވުރެ ގިނަ ތަން ހިންގަ އެވެ.
މާލޭގައި ބޭރުގެ ފްރެންޗައިޒް ރެސްޓޯރަންޓުތައް ވަރަށް މަދެވެ. އެންމެ މަޝްހޫރު ތަނަކަށް މިހާރު ހުރީ މެލޭޝިއާގެ މެރީ ބްރައުން އާއި ސީކްރެޓް ރެސިޕީ އެވެ. އަދި ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓް ބްރޭންޑުތައް ހިމެނޭ ގޮތަށް، ރަސްފަންނުގައި ހަދާ ޕެވިލިއަން ތަރައްގީ ކުރަން ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން، ބާގާ ކިންގާއި ތައި އެކްސްޕްރެސް އަދި ކޮފީ ކްލަބް މައި އެއާޕޯޓުގައި އެބަހުއްޓެވެ.