ހިތަދޫން ގޯތި ދޫކުރުމާ ގުޅޭ މައްސަލަ އޭސީސީއަށް
ހިތަދޫން ގޯތި ދޫކުރުމާ ގުޅޭ މައްސަލަ އޭސީސީއަށް

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ދޫކުރި ގޯތިތަކާ ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހެދި ދަރުބާރުގެ އަދި ފަހުން ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވާ އިކުއަޓޯރިއަލް ހޮސްޕިޓަލް ކައިރިން ކުރީގެ ކައުންސިލުން ދޫކުރި 35 ގޯއްޗެއް އާ ކައުންސިލުން އަނބުރާ ނަގައި އެހެން ތަނަކުން ގޯތި ދީފައިވެ އެވެ.

އެ މައްސަލަ ހޫނުވެ 14 މީހަކު ސިޓީ ކައުންސިލާ ދެކޮޅަށް ވަނީ ދައުވާކޮށްފަ އެވެ. ކައުންސިލުން ބަދަލު ދީފައި ވަނީ ދައުވާ ނުކުރާ މީހުންގެ ތެރެއިން ވެސް ބައެއް މީހުންނަށެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅަން ދޫކުރި ބިމެވެ.

ބަދަލު ދިން އިރު ކައުންސިލުން އަމަލުކުރި ގޮތުން ބައެއް މީހުންގެ ބޮޑެތި ޝަކުވާތައް އެބަހުއްޓެވެ. އެ މައްސަލަ އެސީސީ އަށް ހުށަހެޅީ ބަދަލު ދިނުމުގައި އެއް ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ތުހުމަތުކޮށެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ ހިތަދޫ ގޯތި ދޫކުރުމާ ގުޅޭ ދެ މައްސަލައެއް މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަން އިތުރަށް ދިރާސާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އައްޑޫ ކައުންސިލްގެ ބަހެއް އަދި ނުލިބެ އެވެ.