04 އޮކްޓޯބަރ 2021 - 10:28

ސްރީ ލަންކާ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކަމަށާއި މަދީ ފުޓުބޯޅައިގެ ރަނގަޅު ސިސްޓަމެއް ކަމަށް އެޓީމުގެ ހެޑް ކޯޗް އަދި ޓެކްނިކަލް ޑިރެކްޓަރު އާމިރު އަލަގިޗް ބުނެފި އެވެ.

ނޭޕާލާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލަގިޗް ބުނީ، އޭނާ އަކީ ޓީމުގެ ކޯޗުގެ އިތުރުން ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު ކަމަށާއި، މަސައްކަތް ކުރަނީ ލަންކާގެ ހުނަރުވެރި ކުދިންނަށް ގައުމުގެ ފުޓުބޯޅައިގެ ހަރުދަނާ ސިސްޓަމެއް ގާއިމުކުރަންކަމަށް އަލަގިޗް ބުންޏެވެ.
ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ލަންކާ ޓީމުގެ ކުޅުންތެރިންގެ ފެންވަރު، ކުރިއަރާފައިވާ ގައުމުތަކުގެ ކުޅުންތެރިންނާ ތަފާތު ނޫން ކަމަށާއި، ލަންކާއާ އެހެން ގައުމުތަކުގެ ނަތީޖާ ތަފާތު ކޮށްދެނީ ޓީމު އޮގަނައިޒްވެފައިވާ މިންވަރުން ކަމަށް އަލަގިޗް ވަނީ އިއްޔެގެ ބައްދަލުވުމުގައި ބުނެފަ އެވެ.
"ސްރީލަންކާ ފުޓުބޯޅަ މިއޮތީ ފަށައިގަންނަ މަރުހަލާގައި. ބަހަނާއެއް ނުދައްކަން. ނުވެސް ދައްކާނަން. އަހަރެންނަކީ ކާމިޔާބު މީހެއް. ލިވަޕޫލަށް (ކްލޮޕް ހަވާލުވި ފަހުން) ނެގީ އެންމެ ހަތަރު އަހަރު (ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން) އެކަމަކު ފައިސާ ހުރި ބައިވަރު ކްލަބުތަކަށް އެބަ ނަގާ ވަރަށް ދުވަސް ކާމިޔާބާ ހަމައަށް ދާން. މިއީ އޯވާ ނައިޓަކުން ވާނޭ ކަމެއް ނޫން. ހާއްސަކޮށް ލަންކާ ފަދަ ގައުމަކަށް، މިފަދަ ރީޖަނެއްގައި. އެކަމަކު ފުރަތަމަ ދުވަހުގެ ކުޅުމުން ގަބޫލުކުރެވެނީ، އެހެން ޓީމުތައް ކުރީގައި އުޅެނީ ކުޅުންތެރިންގެ ކޮލިޓީއަކުން ނޫން. އެ މީހުންގެ ޓީމު އޮގަނައިޒް ވީމަ. ހާއްސަކޮށް ނޭޕާލަކީ ވަރަށް އަޒުމް ވަރުގަދަ ޓީމެއް. އެމީހުން ބަލިވަނީ ވަރަށް ވަރުގަދަ ޓީމުތައް އަތުން. ކުރިމަގުގައި އެ ކުޅުންތެރިންނަށް ތަޖުރިބާގެ ބޭނުން ކުރެވޭނެ. އަހަރެމެންނަށް އެބައި މަދުވޭ،" މުބާރާތް ހުޅުވި ދުވަހުގެ މެޗުތަކަށް އަލިއަޅުވާލާ އަލަގިޗް ބުންޏެވެ.
"ގައުމީ ޓީމަށް ކުޅުންތެރިން ނަގަން ޖެހެނީ ގައުމީ ލެވެލެގެ ލީގެއް ނެތި. މީގެ ސަބަބުން ބަރޯސާ ވާން ޖެހިފައި ވަނީ ހަމައެކަނި ސީނިއާ ކުޅުންތެރިންނަށް. އަހަރެން ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީގެން އެ މީހުނާއެކު ޓީމް ކުރިއަރުވަން. އެކަމަކު މުބާރާތަކީ (ސާފް ޗެމްޕިއަންޝިޕަކީ) އެކްސްޕެރިމެންޓެއް ނޫން،" ހަރުދަނާ އުސޫލުތަކެއްގެ ދަށުން ލީގެއް ކުރިޔަށް ނުގެންދެވޭކަން ފާހަގަކޮށް އަލަޖިކް ބުންޏެވެ.
ލަންކާގައި ގައުމީ ލެވެލްގައި 1985 އިން ފެށިގެން ކްލަބް ފުޓުބޯޅަ ލީގެއް ކުޅެމުން އައި ނަމަވެސް ޕްރޮފެޝަނަލް ސިފައެއްގައި ލީގެއް ތައާރަފް ވީ މި އަހަރު އެވެ. ސްރީ ލަންކާ ސުޕަ ލީގު ނަމުގައި އެ ގައުމުގައި ފުރަތަމަ ފަހަރަށް ސެމީ-ޕްރޯ ލީގެއް މިދިޔަ އަހަރު އޭޕްރީލް މަހު ފަށަން ތާވަލުކުރި ނަމަވެސް ކޮވިޑާ ގުޅިގެން ލީގު ފެށޭވަރުވީ މި އަހަރުގެ އޭޕްރީލް މަހު އެވެ. ދެހާސް ނަވާރަ ވަނަ އަހަރު ފުޓުބޯޅަ ސީޒަނަށް ފަހު ސުޕަ ލީގު ފެށީ ވެސް ލީގުގައި ވާދަކުރާ 10 ކްލަބު ހިމެނޭހެން ޕްރީ ސީޒަން މުބާރާތަކަށް ފަހު އެވެ. ނަމަވެސް ޖޫން މަހު އޮތް ވޯލްޑް ކަޕް ކޮލިފައިން އަށް ލީގު މެދުކަނޑާލި ފަހުން އިތުރަށް ލީގު ކުރިޔަށް ގެންދެވިފައެއް ނުވެ އެވެ.
"އަހަރެމެން ސުޕަ ލީގު ފެށީ ފެޑެރޭޝަންގެ ބަޖެޓަށް ބަރޯސާ ވެގެން. ވަގުތު ބޭނުންވޭ. ކޯޗިން ސިސްޓަމް ވަރުގަދަ ކުރަން ޖެހޭ، ގްރާސްރޫޓް ވަރުގަދަ ކުރަން ޖެހޭ، ގިނަ ކުޅުންތެރިންނަކީ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅޭ ބައެއް ނޫން. އެ މީހުން ކުޅެނީ ފުޓުބޯޅައަށް އޮންނަ ލޯތްބަކުން. ވަސީލަތްތައް ވަރަށް މަދު. މި ސަބަބުތަކާހުރެ ލީގުގެ ފެންވަރު މައްޗެއް ނުވޭ. އަހަރެމެންގެ ޓާގެޓަކީ ބަންގްލަދޭޝް އާއި އިންޑިއާގައި އޮންނަ ވަރުގެ ލީގެއް އޮތުން. އޭރުން ގައުމީ ޓީމަށް ކުޅުންތެރިން ނަގާނެ ބޭސްއެއް ގާއިމްވެގެން ދާނެ. އޭރުން އެހެން ގައުމުތަކުގައި ކުޅޭ ލަންކާ ނަސްލުގެ ކުޅުންތެރިންނަށް ބަރޯސާވާކަށް ވެސް ނުޖެހޭނެ،" އަލަގިޗް ބުންޏެވެ.
"(ސުޕަ ލީގު ވަރުގަދަކުރުން) އެއީ އޮތް ހަމައެކަނި ގޮތަކީ ކުރިޔަށް ދާން. ސުޕަ ލީގަކީ ސިސްޓަމް ހިޔާކޮށްދޭ ފުރާޅު. ބޭނުންވަނީ ފައުންޑޭޝަން. ފައުންޑޭޝަނަކީ ޔޫތު ލީގުތަކާއި ގްރާސްރޫޓް. މިކަން ހާސިލް ކުރަން ފަސް އަހަރު ނޫނީ ހަ އަހަރު ވެސް ހޭދަވެދާނެ."
މި އަހަރުގެ ސާފަށް ލަންކާ ޓީމު އެކުލަވާލީ އިނގިރޭސި ވިލާތުގައި ކުޅޭ ދެ ކުޅުންތެރިން ވެސް ހިމަނައިގެންނެވެ. ފުރަތަމަ މެޗުގައި މި ދެ ކުޅުންތެރިން ވެސް ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެފަ އެވެ.
ދެވަނަ ހާފުގައި ދެއްކި ރަތް ކާޑާ އެކު ލަންކާއިން މެޗު ފުރިހަމަ ކުރަން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ. ދިހަ ކުޅުންތެރިންނާއެކު ވެސް ލަންކާއިން ވަނީ ބަންގްލަދޭޝްގެ ޑިފެންސަށް ޕްރެޝަރުކޮށް، އެޓީމުން އިތުރު ލަނޑެއް ޖެހިޔަ ނުދީ ހިފާއްޓައިފަ އެވެ.
"މި ސަބަބާހުރެ (ރަތް ކާޑަށް ފަހު ވެސް ބަންގްލަދޭޝް ހިފާއްޓާލެވުމުން) ގަބޫލުކުރަން ޖެހޭ އަހަރެމެންނަށް ވާނެކަން. ބަހަނާ ނުދައްކާ ފުޓުބޯޅައިގައި އަބަދު ވެސް އޮންނާނީ މަސައްކަތް ކުރުން. އަހަރެމެން ގަބޫލުކުރަނީ އެއީ ރެފްރީގެ ފަރާތުން ފެނުނު ވަރަށް ބޮޑު ކުށެއް ގޮތުގައި (ބަންގްލަދޭޝް މެޗު ގެއްލުން). މިއާއެކު ޓީމަށް އިތުރު ހިތްވަރެއް ލިބޭ އެބަ، ގަބޫލުކުރަން ޖެހޭ އަހަރެމެން (ކުޅުން) ދަށް ނޫންކަން. އަހަރެމެންނަށް މެޗުގައި ހެދުނު ގޯސްތަކުން ފިލާވަޅު ނަގައިގެން އަދި މޮޅު ވެވޭނެ."
ލަންކާ މިރޭ ނޭޕާލާ ދެކޮޅަށް ނުކުންނައިރު ރަތް ކާޑުގެ ސަބަބުން ސަސްޕެންޝަނުގައި ހުރީ އެޓީމުގެ އެންމެ މުހިއްމު އެއް ޑިފެންޑަރު ޑަކްސަން ޕުސްލަސް އެވެ. އަލަގިޗް ބުނީ، ސަސްޕެންޝަނުގެ އިތުރުން އޭނާގެ އަތުގެ އިނގިއްޔެއް ވެސް ބިނދިފައިވާ ކަމަށެވެ. ނަމަވެސް މުބާރާތުގައި އެޓީމުން ކުޅޭ ތިންވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު އިންޑިއާ އާދެކޮޅަށް ޑަކްސަން އަށް ކުޅެވޭނޭ ކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ބުނެ އެވެ.
"ޑަކްސަން ނެތްތަން ވަރަށް ބޮޑަށް ދައްކާނެ. އޭނާއަކީ ޑިފެންސްގައި އަހަރެމެންގެ ބޮސް. އެކަމަކު ބެންޗުން އަރާ ކުޅުންތެރިޔާ އެތަން ފޫބައްދަން މަސައްކަތް ކުރާނެ. ޔަގީނުން ވެސް ފޯވަޑް ލައިނުން ހަމަލާތައް ވަރުގަދަކުރަން ޖެހޭ. ނޭޕާލާ ދެކޮޅަށް ކުޅެ އެއް ޕޮއިންޓަކީ ވެސް އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް، އެކަމަކު މުބާރާތުގައި ކުރިޔަށް ދާން މޮޅުވާން އެބަ މަޖުބޫރުވޭ،" މިރޭގެ މެޗާ ގުޅޭގޮތުން އަލަގިޗް ބުންޏެވެ.
"ފުރަތަމަ ޕްރެސްގައި ބުނިހެން ނަތީޖާ ކޮންމެ ކޮޅަކަށް ވެސް ބުރަވެދާނެ. އެއީ ރާއްޖެއަށް ވެސް ފުރަތަމަ މެޗުގައި ދިމާވި ގޮތް. އެ މީހުން ގޭމް ކޮންޓްރޯލް ކުރީ، އެކަމަކު އެންމެ ކައުންޓާއެއްގައި (ހެދުނު ގޯހަކުން) މެޗު ގެއްލުނީ،" ސަރަހައްދުގެ ގައުމުތަކުގެ ވާދަވެރިކަމަށް އަލިއަޅުވާލާ އަލަގިޗް ބުންޏެވެ.
"މި ސަރަހައްދުގެ ފުޓުބޯޅަ ވަރަށް ވާދަވެރި ވެއްޖެ. ކުރީގަ ޓީމެއް އައިސް އިދިކޮޅު ޓީމު ކޮޅަށް ފަސް ލަނޑު ނުވަތަ ހަތް ލަނޑު ޖެހި ޒަމާން ހިނގައްޖެ. ކިހިނެއް އެނގޭނީ ދެން ބާއްވާ ސާފް ޗެމްޕިއަންޝިޕަކަށް ހުރިހާ ގައުމެއް ވެސް ވާދަވެރިކަމުގެ ލެވެލް އެއްވަރުވެދާނެ. އިނގިރޭސި ޕްރިމިއާ ލީގު ފަދައިން، އެންމެނަށް ވެސް އެއް ޓީމު އަނެއް ޓީމު ދެނެގަނެވި، ތަފާތަކަށް ވާނީ އިންޑިވިޖުއަލް ހުނަރު. މިސާލަކަށް މުހައްމަދު ސަލާހު. އެކަހަލަ ކަމެއް ރާއްޖެއަށް ދިމާވީ. ރަަނގަޅު ކައުންޓާ އެޓޭކެއްގައި މޮޅު ނިންމާލުމެއް ހީވެސް ނުކޮށް ތިއްބާ ފެނުނީ. އެކަމަކު އަހަރެންގެ ނަޒަރުގައި މޮޅަށް ކުޅުނީ ރާއްޖޭގެ ޓީމް."