ޗައިނާގެ 77 ފައިޓަރު ބޯޓު ތައިވާނުގެ ވައިގެ ސަރަހައްދަށް
ޗައިނާގެ 77 ފައިޓަރު ބޯޓު ތައިވާނުގެ ވައިގެ ސަރަހައްދަށް

ދެދުވަސް މަތިން ޗައިނާގެ 77 އަސްކަރީ މަތިންދާބޯޓު، ތައިވާންގެ ވައިގެ ސަރަހައްދަށް ވަދެ، ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތައިވާނުން އިއްޔެ ބުނެފި އެވެ.

ތައިވާން ސަރުކާރުން ބުނި ގޮތުގައި ޗައިނާގެ އަސްކަރީ ޖެޓް ބޯޓުތައް، މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ތައިވާންގެ ވައިގެ ސަރަހައްދަށް ވަދެ އެކި ގޮތްގޮތަށް ދުއްވަން ފެށުމުން، ތައިވާންގެ ފައިޓަރު ބޯޓުތައް އެކަމަށް ހުރަސްއެޅި އެވެ. ހުކުރު ދުވަހު ޗައިނާގެ 38 ޖެޓް ބޯޓު ތައިވާންގެ ވައިގެ ސަރަހައްދަށް ވަދެ އުޅުނު ކަމަށް ތައިވާނުން ބުނެ އެވެ.

އޭގެ ތެރޭގައި ނިއުކްލިއާ ބޮން އުފުލުމުގެ ގާބިލްކަން ލިބިގެންވާ އަސްކަރީ ދެ މަތިންދާބޯޓަކާއި، ސަބްމެރިން އަށް ހަމަލާ ދިނުމަށް ބޭނުންކުރާ ޒާތުގެ މަތިންދާބޯޓެއް ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިއްޔެގެ މާއިރާ، ޗައިނާގެ އިތުރު 39 ފައިޓަރު ބޯޓު ތައިވާންގެ ވައިގެ ސަރަހައްދަށް ވަދެ ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގި ކަމަށް ތައިވާނުން ބުނެ އެވެ.

ތައިވާނުން ބުނި ގޮތުގައި ޗައިނާގެ ފައިޓަރު ބޯޓުތަކަށް ހުރަސްއެޅުމަށް ތައިވާންގެ މަތިންދާބޯޓުތައް ފޮނުވައިގެން އިންޒާރު ދިނެވެ. އަދި ކުއްލި ހާލަތެއްގައި ބޭނުންކުރަން ޖެހިދާނެ ކަމަށް ބަލައި، މިސައިލް ނިޒާމު ވެސް ތައްޔާރީ ހާލަތަށް ގެނައި ކަމަށް ތައިވާނުގެ ދިފާޢީ ވުޒާރާ އިން ބުންޏެވެ.

ތައިވާނަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް، ތައިވާނުން ދެކޭ އިރު، ޗައިނާ އިން ބުނާ ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. ޗައިނާގައި އޭރު އޮތް ސަރުކާރާއި ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ލަޝްކަރުތަކާ ދެމެދު 1927-1949 ގައި ހިނގި ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ކޮމިޔުނިސްޓް ޕާޓީން ކުރި ހޯދުމާ ގުޅިގެން، ވެރިކަން ކުރަމުން އައި ޗިއަންގް ކައި-ޝެކް އާއި އޭނާއަށް ވަފާތެރި ހަނގުރާމަވެރިންނާއި ތާއީދުކުރާ މީހުން، ތައިވާނަށް ހިޖްރަކުރި އެވެ.

އެއަށް ފަހު ޗައިނާގެ މައި ބިމުގައި ވެރިކަން ކުރަމުން އަންނަނީ ކޮމިޔުނިސްޓް ޕާޓީގެ ފަރާތުންނެވެ. ވަކިން ޖަޒީރާއެއްގެ ގޮތުގައި އޮންނަ ތައިވާނުގައި ވެރިކަން ކުރަމުން އަންނަނީ ކޮމިޔުނިސްޓް އުސޫލުތަކާ އިދިކޮޅު މީހުންނެވެ.

މިދިޔަ ހުކުރު ދުވަހު ޗައިނާގެ ފައިޓަރު ބޯޓުތައް، ތައިވާންގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަނީ، ތައިވާންގެ ހުޅަނގުދެކުނުން އޮންނަ ޕްރަޓާސް ޖަޒީރާގެ ކައިރިންނެވެ. ތައިވާން ސަރުކާރުން ބުނި ގޮތުގައި ޗައިނާގެ މަތިންދާބޯޓުތައް ދަތުރުކުރީ، އެ ޖަޒީރާ ވަރަށް ކައިރިންނެވެ.

ޗައިނާގެ ފައިޓަރު ބޯޓުތަކުގެ ދެ ވަނަ ބައިގަނޑު ތައިވާންގެ ސަރަހައްދަށް ވަނީ، ފިލިޕީންސް އާއި ތައިވާންގެ ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބުގައި އޮންނަ ބާޝީ ކަނޑުއޮޅިއޭ ކިޔާ ސަރަހައްދަށެވެ. މިއީ ޗައިނާ އިން އަމިއްލަ ސަރަހައްދެއް ކަމަށް ދައުވާކުރާ ދެކުނު ޗައިނާ ކަނޑާއި ޕެސިފިކް ކަނޑު ގުޅޭ ސަރަހައްދެވެ.

ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައް ތައިވާންގެ ވައިގެ ސަރަހައްދަށް ވަނުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވެ އެވެ. އެފަދަ އެންމެ ބޮޑު ހަރަކާތެއް އެންމެ ފަހުން ޗައިނާ އިން ހިންގާފައިވަނީ، މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެފަހަރު ޗައިނާގެ ވައިގެ ސިފައިންގެ 28 ޖެޓް ބޯޓު ތައިވާންގެ ސަރަހައްދަށް ވަދެ، ތައިވާންގެ ވައިގެ ދިފާއީ ލަޝްކަރަށް ޖެއްސުންކޮށްފައިވެ އެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި އެމެރިކާގެ ރުޅިވެރިކަން ޗައިނާ އަށް އަމާޒުވާ އިރު، ތައިވާނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިވަނީ އެމެރިކާ އިންނެވެ. ތައިވާނުން ބުނާ ގޮތުގައި އެ ގައުމަކީ މިނިވަން ގައުމެކެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި ޑިމޮކްރެސީގެ ދިފާއުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ތައިވާން ސަރުކާރުން ބުނެ އެވެ.