ޔުވެންޓަސް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 24 ވަނަ މޮޅު ހޯދައިފި
ޔުވެންޓަސް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 24 ވަނަ މޮޅު ހޯދައިފި

ޓިއުރިން (ޑިސެމްބަރު 4) – އިޓާލިއަން ލީގުގައި ބަލިނުވެ ނުވަ މެޗު ފުރިހަމަކޮށްފައިވާ އެޓަލާންޓާ އަތުން 3-1 އިން މޮޅުވެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 24 ވަނަ މޮޅުު ޔުވެންޓަސް ހޯދައިފި އެވެ.

މި މޮޅާ އެކު ޔުވެންޓަސް 36 ޕޮއިންޓް ހަމަކޮށްފައިވާއިރު އެ ޓީމަށް ވަނީ ހަތް ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެކަމަކު 29 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް އޭއެސް ރޯމާ އާއި ތިން ވަނައިގައި އޮތް އޭސީ މިލާން މިއަދު ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ޔުވެންޓަސްގެ ލީޑު އަނެއްކާ ވެސް ހަތަރު ޕޮއިންޓަށް ކުޑަވާނެ އެވެ.

ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ފުރިހަމަކުރަމުން އަންނަ މޮޅުވުމުގެ ސިލްސިލާ އަށް ރޭ ބޮޅެއް އިތުރުކުރިއިރު އެޓަލާންޓާގެ ސިލްސިލާ އަށް ވަނީ ރޭ ނިމުމެއް އައިސްފަ އެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައިނުވާއިރު ލީގުގައި އޮތީ 28 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

އެންމެ ފަހުން ކުޅުނު މެޗުން ޖެނޯއާ އަތުން 3-1 އިން ބަލިވެފައިވާ ޔުވެންޓަސް އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ އެލެކްސް ސަންޑްރޯ އާއި ޑެނިއަލީ ރުގާނީ އަދި މާރިއޯ މަންޒުކިޗެވެ. އެޓަލާންޓާގެ ހަމައެކަނި ލަނޑު މެޗުގެ ފަހުކޮޅު ޖެހީ ރެމޯ ފްރެއުލާ އެވެ.