މިހާރުގެ ރެސިޕީ: ލީކްސް ކުކުޅު ރިހަ އާއި ދަނޑިއަލުވި ބޯކިބާ
މިހާރުގެ ރެސިޕީ: ލީކްސް ކުކުޅު ރިހަ އާއި ދަނޑިއަލުވި ބޯކިބާ

ކެއްކުމަކީ ފާތިމަތު ޚުރުޝިދާ އަށް އުނދަގޫ ކަމެއް ނޫނެވެ؛ ޚާއްސަކޮށް އަމިއްލަ އަށް އުފައްދައިގެން ކެއްކުމުގެ ތަޖުރިބާތައް ކުރުމަކީ އޭނާ އަބަދު ވެސް ކުރާ ހިތްވާ ކަމެކެވެ. އަދި އެ ތަޖުރިބާތައް އެހެން މީހުންނަށް ކިޔައިދިނުމަކީ ފާތިމަތު ޚުރުޝިދާ އެންމެ ލޯބި ކުރާ ކަންތަކެވެ.

މިހާރުގެ ރެސިޕީ: ލީކްސް ކުކުޅު ރިހަ އާއި ދަނޑިއަލުވި ބޯކިބާ
މިހާރުގެ ރެސިޕީ: ލީކްސް ކުކުޅު ރިހަ އާއި ދަނޑިއަލުވި ބޯކިބާ

އެހެންވެ "ރުމާ" ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން އޭނާ އަންނަނީ އޭނާގެ ޚާއްސަ ރެސިޕީތައް އާންމުންނާ ހަމައަށް ފޯރުކޮށްދެމުންނެވެ. މިހާތަނަށް އޭނާ ވަނީ 300 އަށް ވުރެ ގިނަ ރެސިޕީ އާންމުންނަށް ފޯރުކޮށްދީފަ އެވެ. ފާހަގަކޮށްލަން ޖެހޭ އެހެން ކަމެއް ވެސް އެބައޮތެވެ؛ މި ހުރިހާ ރެސިޕީތަކުގެ ތެރޭގައި ގިނައީ މުޅިން ދިވެހި ރަހަތައް ކަމެވެ.

މި ރޯދަ މަހުގެ ތެރޭގައި ކޮންމެ ދުވަހަކު، "މިހާރު"ގެ ކިޔުންތެރިންގެ ބަދިގެ ފަޅުފިލުވާލަދޭނީ ޚުރުޝިދާގެ މުޅިން އާ އުފެއްދުންތަކުންނެވެ.

1 ކުކުޅު (1400 ގުރާމުގެ)

400 ގުރާމު ލީކްސް (ކޮށައިފައި)

1 ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)

1 ސައިސަމުސާ ލޮނުމެދު (ގާނައިފައި)

3 ފިޔާ (ބޮޑު، ގޮޅިކޮށް ކޮށައިފައި)

½ ސައިސަމުސާ އިނގުރު (ގާނައިފައި)

1 ޖޯޑު ޕީލްޑް ޓޮމާޓޯ

1 ޖޯޑު ކާށިކިރު

4 މޭޒުމަތީސަމުސާ ހަވާދު (ފުއްލާ ޖެހި ރީނދޫ ދަޅު)

4 ކެޕްސިކަމް (ކޮށައިފައި)

4 މޭޒުމަތީސަމުސާ ތެޔޮ

ހިކަނދިފަތް، ރާނބާފަތް، ލޮނު

ހަދާނެ ގޮތް: ކުކުޅު ކޮށައިފައި، އޭގެތެރެއަށް ބައި ސައިސަމުސާ އަސޭމިރުހާއި ކުޑަ ލޮނުކޮޅެއް އެއްކޮށްލައިފައި ބެހެއްޓުން. ފިޔާ މީރުކޮށްފައި، ފިޔާކޮޅު މޯޅިވީމައި، އިނގުރާއި ލޮނުމެދު އެއްކޮށްފައި، އެއް މިނެއްޓު ވީމައި އޭގެ ތެރެއަށް ކެޕްސިކަމް، ލީކްސް އެއްކުރުން. ލީކްސްކޮޅު ވަޅޯވެލީމައި ދެބައިކުޅަ އެއްބައި ނަގައިފައި ކިރުތަށީގެ ތެރެއަށް އަޅައިލައިފައި ބައި ސައިސަމުސާ އަސޭމިރުސް ވެސް އެއާ އެއްކޮށްލައިފައި ބެހެއްޓުން. ތެލީގައި ބާކީހުރި ބައިގެ ތެރެއަށް ހަވާދުއެޅުން. ހަވާދުކޮޅު ރަނގަޅަށް އެއްކޮށްލައިފައި، ޕީލްޑް ޓޮމާޓޯ އެޅުން. ކުޑަކޮށް ކެކިގަތީމައި، ކާށިކިރު އެޅުން. ކެކެންފެށީމައި ކުކުޅުމަސްކޮޅު އަޅައިގެން ރޯފިލަންދެން ކެއްކުން. ރަނގަޅަށް ރޯފިލީމައި، ތައްޔާރުކުރި ކިރުތަށި އަޅައިފައި، ހިކަނދިފަތާއި ރާނބާފަތް އަޅައިފައި ލޮނު ހެޔޮވަރު ކުރުން.

ރޮށި ނުވަތަ ބަތާ އެއްކޮށް ވެސް މި ރިހަ ވަރަށް މީރުވާނެ.

300 ގުރާމު ދަނޑިއަލުވި (އެތެރޭގައި ހަރުކޮށް އޮންނަ ބައި ނަގާފައި ގާނާފައި)

300 ގުރާމު ގަބުޅިހުނި (މިކްސްޗަރުން ހިމުން ކޮށްފައި)

260 ގުރާމު ހަކުރު (ފޮނި ގަދަ ކުރަން ބޭނުން ނަމަ 300 ގުރާމު)

½ ސައިސަމުސާ ފިނިފެން (ރޯސް ވޯޓާ)

½ ޖޯޑު ގަބުޅި ފެން

ހަދާނެ ގޮތް: ހަކުރު، ދަނޑިއަލުވި، ގަބުޅި އެއްކުރުމަށް ފަހު ރަނގަޅަށް މޮޑެފައި، ގަބުޅި ފެން އަޅާފައި، އެއްކޮށްލާފައި، ފިނިފެން އެޅުން. ތަބަކެއްގައި ތެޔޮފޮދެއް ހާކާފައި، އޭގެ ތެރެއަށް އެޅުމަށް ފަހު ފިހެލުން. އަވަންގެ ހޫނުމިން ބަހައްޓާނީ 250c ގައި. ވަގުތަކީ 1 ގަޑި 15 މިނެޓު.