ސިއްހީ ދާއިރާގެ އެންމެންނަށް އަދިވެސް މުސާރަ ނުލިބޭ
ސިއްހީ ދާއިރާގެ އެންމެންނަށް އަދިވެސް މުސާރަ ނުލިބޭ

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

ގާނޫނުގައިވާ ގޮތުން ކޮންމެ މަހެއް ވެސް މުސާރަ ދޭން އޮންނަ އެންމެ ފަހު މުއްދަތަކީ އެމަހެއްގެ އެންމެ ފަހު ދެ ދުވަހެވެ. އެކަމަކު މަސް ނިމުނުތާ މިހާރު ތިން ދުވަސް ވީއިރު ވެސް މުސާރަ ނުލިބޭތީ ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ވެސް އެކަމުގެ ޝަކުވާތައް ހާމަކުރަމުންނެވެ.

މިގޮތަށް ކަންބޮޑުވުން ފާޅުކުރި މީހަކު ވަނީ އެމީހުންނަށް "ހައްގު މިންވަރު" ދޭން ދެކޮޅު ހަދާއިރު އެ ލިބޭ މުސާރަކޮޅު ދޭން ލަސްކުރުމަކީ އެމީހުންނާ މެދު އިހުމާލެއް ކަމަށް ބުނެފަ އެވެ.

ނ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ މީހަކު ސޯޝަލް މީޑިއާގައި ބުނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ އެކަކަށް ވެސް މިދިޔަ މަހުގެ މުސާރަ އަދި ނުލިބޭ ކަމަށެވެ.

ނ. އަތޮޅުގެ އިތުރުން، ހއ. ރ. އަދި ފުވައްމުލަކުގައި މަސައްކަތްކުރާ ބައެއް މީހުންނަށް ވެސް މިދިޔަ މަހުގެ މުސާރަ ނުލިބޭ ކަމަށްވެ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން، "މިހާރު" އަށް ބުނީ މި ލަސްވުން އައިސްގެން އުޅެނީ މުސާރަ އިތުރަށް އަދި ބައެއް މީހުންނަށް މަދުން ދެވުނު މައްސަލައެއް ކުރިން ދިމާވެފައި ވާތީ އެކަން ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ހަމަޖައްސަމުން އަންނާތީ ކަމަށެވެ.

ކުރިން އެކްސެލް ޝީޓެއްގައި މުވައްޒަފުންގެ މައުލޫމާތު ފޮނުވާތީ އެކަންކަން ބަލައި އެއީ ތެދު މައުލޫމާތުތޯ ބެލޭކަށް ނޯވެ އެވެ. މިހާރު މުސާރައިގެ ކަންކަން ކުރަނީ ބަނޑޭރި ޕޯޓަލްގެ ޕޭރޯލް މެދުވެރިކޮށެވެ.

"އަލަށް ފެށީމަ ކުޑަކޮށް ޑިލޭތަކެއް އުޅެނީ. މީގައި ވެސް އަދި އަލަށް ބަނޑޭރި ޕޯޓަލްގެ ޕޭރޯލް މެދުވެރިކޮށް ކުރާތީ ޑިލޭތަކެއް އެ އަންނަނީ. އެކަމަކު މިހާރު ވާނީ އެންމެނަށް ފޮނުވާފައި. މިރޭގެ ނިޔަލަށް ހުރިހާތަނެއްގެ ހުރިހާ އެންމެނަށް މުސާރަ ލިބޭނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ކުރި ޓްވީޓެއްގައި ވެސް، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ މުވައްޒަފުންގެ މުސާރަ، ޖަމާވުން ލަސްވުމުގެ ޝަކުވާތައް އެ ޔޫނިއަން އަށް ލިބެމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި އެމިނިސްޓްރީ ޓެގްކޮށް ކުރި ޓްވީޓުގައި ވަނީ މަހުން މަހަށް ލަސްނުކޮށް މުސާރަތައް ދިނުމަށް ގޮވާލައިފަ އެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އޮޅުމަކުން ބައެއް މުވައްޒަފުންނަށް އިތުރަށް މުސާރަ ޖަމާކުރެވިފަ އެވެ. އޮޅިގެން 1،796 މީހަކަށް އިތުރަށް މުސާރަ ޖަމާކުރެވުނުއިރު ބައެއް މީހުންނަށް 70،000ރ. ވެސް ޖަމާކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އިތުރަށް ފައިސާ ޖަމާވި މީހުންގެ ތެރެއިން އަނބުރާ ނުދޭ މީހުންގެ މުސާރައިން އެބައި އުނިކުރާނެ އެވެ.

މިފަހަރު މުސާރަ ލަސްވި މީހުންގެ ތެރޭގައި ކުރިން އިތުރަށް މުސާރަ ޖަމާވި މީހުން ހިމެނޭ ކަމެއް ޔަގީނެއް ނުވެ އެވެ. އެކަމަކު "މިހާރު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެމީހުންނަށް ކުރިން އިތުރަށް ފައިސާ ޖަމައެއް ވެސް ނުވެ އެވެ.