03 އޮކްޓޯބަރ 2021 - 12:21

ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ޒޯންގެ ވަރުގަދަ މެޗުތަކެއްގައި ކޮމިޝަނަރުކަން ކުރުމުގެ ފުރުސަތު ރާއްޖޭގެ އިންޓަނޭޝަނަލް ދެ މެޗު ކޮމިޝަނަރުން ކަމަށްވާ، އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ) އާއި އަހްމަދު ޝާހިރު އަށް އޭއެފްސީން ދީފި އެވެ.
އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މި މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގައި ކޮމިޝަނަރުކަން ކުރުމަށް ޝާހިރު އާއި އައްޑޯ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި އޮމާން އަށް ދާން މިހަފުތާގައި ފުރާނެ އެވެ.
މި މަހު 12 ގައި އޮމާން އާއި ވިއެޓްނާމް، މަސްކަޓްގައި ކުޅޭ މެޗުގައި އައްޑޯ މެޗު ކޮމިޝަނަރުކަން ކުރާނެ އެވެ. ހަމަ އެ ދުވަހު ޔޫއޭއީ އާއި އިރާގު ކުޅޭ މެޗުގައި ޝާހިރު މެޗު ކޮމިޝަނަރުކަން ކުރާނެ އެވެ.
ކޮވިޑް-19 ގެ ހާލަތު ކަމުގައި ވިއަސް ފީފާ އާއި އޭއެފްސީން އަމާޒު ހިފާފައި ވަނީ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް އިތުރަށް ފަސް ނުކުރުމަށެވެ. ލޮޖިސްޓިކް އިންތިޒާމުތައް ފަސޭހަ ކުރުމުގެ ގޮތުން މުޅި ކޮލިފިކޭޝަނަށް އޭއެފްސީން، މެޗު އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ މަދު އަދަދެއްގެ އޮފިޝަލުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ބުރުގައި އައްޑޯ އާއި ޝާހިރު ވަނީ މީގެ ކުރިން ވެސް ކޮމިޝަނަރުކަން ކޮށްފަ އެވެ. އެގޮތުން އައްޑޯ ވަނީ ޗައިނާ އާއި ޖަޕާން ކުޅުނު މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ. ޝާހިރު ވަނީ ވިއެޓްނާމް އާއި އޮސްޓްރޭލިއާ ކުޅުނު މެޗުގައި ކޮމިޝަނަރުކަން ކޮށްފަ އެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެ ވަނަ ދުރުގެ ފަހުގެ މެޗުތައް ކޮވިޑް-19 އާ ގުޅިގެން ކުރިއަށް ގެންގޮސްފައި ވަނީ ސެންޓްރަލައިޒްކޮށެެވެ. އައްޑޯ އާއި ޝާހިރު ވެސް ވަނީ ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދިޔަ މެޗުތަކުގައި ކޮމިޝަނަރުކަން ކުރުމަށް ޔޫއޭއީ އަށް ގޮސްފަ އެވެ.
އައްޑޯ އާއި ޝާހިރު ވަނީ މީގެ ކުރިން އޭޝިއާގެ ބޮޑެތި މުބާރާތްތަކުގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. ޝާހިރު ވަނީ 2015 ގައި އޮސްޓްރޭލިއާގައި ބޭއްވި އޭޝިއަން ކަޕް ފައިނަލުގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އޭޝިއާގެ ކްލަބު ފުޓްބޯޅައިގައި ޕްރީމިއަމް މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގުގެގެ ފައިނަލުގައި އައްޑޯ ވަނީ 2019 ގައި މެޗު ކޮމިޝަނަރުކަން ކޮށްފަ އެވެ. އަދި އެ އަހަރުގެ ސެމީ ފައިނަލުގައި ޝާހިރު މެޗު ކޮމިޝަނަރުކަން ކުރި އެވެ.