03 އޮކްޓޯބަރ 2021 - 10:40

ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ބޭނުންކުރުން ހުއްޓާލައިފި އެވެ.
ކޮވިޑް ފެތުރުމާ ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީ ބޭނުންކުރީ އެ ބަލީގައި އެންމެ ހައި ރިސްކު މީހުންގެ ގޮތުގައި ބަލާ އުމުރުން ދުވަސްވީ މީހުންނާއި އިތުރު އެހެން ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދިނުމަށެވެ. އޭގެ އިތުރުން އެހެން ހޮސްޕިޓަލުތަކާއި ފެސިލިޓީތަކުގައި ތިއްބާ ހާލު ދެރަވާ މީހުން ވެސް ޑީއެޗް-11 އަށް ބަދަލުކުރެ އެވެ.
ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން އަންނަ މީހަކު "މިހާރު" އަށް ބުނި ގޮތުގައި އޭނާ ދަރުވަމަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްދިނުމަށް އެދުމުން، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑްގެ ބަލި މީހުން އެޑްމިޓްކުރުން ހުއްޓާލާފައިވާ ކަމަށާއި އެހެންވެ މިހާރު އެކަން އެގޮތަށް ކޮށްދެވެން ނެތް ކަމަށް ވަނީ އަންގައިފަ އެވެ.
އެކަމާ ސުވާލުކުރުމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ސިރާޖު ވެސް ވިދާޅުވީ ކޮވިޑް ޖެހިފައިވާ މީހުންނަށް ޑީއެޗް-11 ގައި މިހާރު ފަރުވާ ނުދޭ ކަމަށެވެ. އެ ތަނަކީ ކާޑިއެކްގެ ސީސީޔޫ ގޮތުގައި ބޭނުން ކުރުމަށް ނިންމާފައިވާ ތަނެއް ކަމަށާއި އެ ހިދުމަތަށް އެތަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް ޖެހިފައިވާ މީހުންނަށް މިހާރު ފަރުވާ ދޭނީ ހަމަ ހުޅުމާލެ މެޑިކަލް ފެސިލިޓީން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ބާރަށް ކޮވިޑް ފެތުރުނު ދުވަސްވަރު 200 އާ ގާތްކުރާ އަދަދަކަށް މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަނީ 18 މީހަކަށެވެ. އަދި މާލެއަށް ވުރެ ބޮޑަށް ކޮވިޑް ފެތުރިފައި އޮތީ އެހެން ރަށްރަށުގަ އެވެ.