ޗެލްސީ މޮޅަކާ އެކު އެއްވަނައަށް، އާސެނަލް މެޗު އެއްވަރު
ޗެލްސީ މޮޅަކާ އެކު އެއްވަނައަށް، އާސެނަލް މެޗު އެއްވަރު

ލަންޑަން (އޮކްޓޯބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަންއާ ވާދަކޮށް ޗެލްސީ 3-1 އިން މޮޅުވިއިރު އާސެނަލް އާއި ބްރައިޓަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

ޗެލްސީ މޮޅަކާ އެކު އެއްވަނައަށް، އާސެނަލް މެޗު އެއްވަރު
ޗެލްސީ މޮޅަކާ އެކު އެއްވަނައަށް، އާސެނަލް މެޗު އެއްވަރު

މި މޮޅާއެކު 16 ޕޮއިންޓް ހޯދައިގެން ޗެލްސީ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެން އެޓީމަށް އެއްވަނައަށް އެރުމުގެ ފުރުސަތު އެބަ އޮތެވެ. ލިވަޕޫލުން މިހާތަނަށް ހަ މެޗުން 14 ޕޮއިންޓް ހޯދާފައިވާއިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ހަތަރު ވަނައިގައި އޮތް އެވަޓަން އަދި ފަސްވަނައިގައި އޮތް ބްރައިޓަން ވަނީ ހަތް މެޗުން 14 ޕޮއިންޓް ހޯދައިފަ އެވެ.

ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗު ފަށައިގެން ސައުތެމްޓަންގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ ޗެލްސީން މެޗުގައި ފުރަތަމަ ލީޑު ނެގީ ނުވަވަނަ މިނިޓުގަ އެވެ. ބެން ޗިލްވެލް ނެގި ކޯނަރަކުން ރުބެން ލޮފްޓަސް ޗީކް ޖައްސާލި ބޯޅަ ބޮލުން ގޯލުގެތެރެއަށް ވައްދާލައިގެން މި ގޯލު އެޓީމަށް ޖަހައިދިނީ ޒުވާން ޑިފެންޑަރު ޓްރެވޯ ޗަލޯބާ އެވެ.

މީގެ އިތުރުން ވެސް ޗެލްސީން މިހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސްކޯބޯޑަށް އިތުރު ބަދަލެއް ގެނެވޭގޮތެއް ނުވި އެވެ. ޗިލްވެލްގެ ބާރު ދެ ހަމަލާއެއް ސައުތެމްޓަންގެ ކީޕަރު މެކާތީ ދިފާއުކުރިއިރު، ރޮމެލޫ ލުކާކޫ ޖެހި ގޯލު ލަނޑަށް ނުވީ ރުޑިގާ އޭނާއަށް ޕާސް ދިން ވަގުތު އޮފްސައިޑުގައި ހުރުމުންނެވެ. އަދި ޓިމޯ ވާނާ ވެސް ވަނީ މިހާފުގައި ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ އޭގެ ކުރިން ކެޕްޓަން އަޒްޕިލިކުއެޓާ ސައުތެމްޓަން ކުޅުންތެރިޔާ ކައިލް ވޯކާ ޕީޓާސް އަތުން ބޯޅަ ހޯދިއިރު ފައުލް ކޮށްފައި ވާކަމަށެވެ.

ދެވަނަ ހާފުގެ 61 ވަނަ މިނިޓުގައި ސައުތެމްޓަން އިން އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުން ޖޭމްސް ވޯޑް-ޕްރައުސް ޖެހި ގޯލަކުންނެވެ. މި ޕެނަލްޓީއަކީ ޗިލްވެސް ސައުތެމްޓަންގެ ޓީނޯ ލިވްރަމެންޓޯ އަށް ފައުލް ކުރުމުން ދިން ޕެނަލްޓީއެކެވެ. އުމުރުން 18 އަހަރުގެ އިނގިރޭސި ފުލްބެކް ލިވްރަމެންޓޯ އަކީ 2009 ވަނަ އަހަރުން ފެށިގެން ޗެލްސީގެ އެކަޑަމީން ތަމްރީނު ހޯދަމުން އައި ކުޅުންތެރިއެކެވެ. މި އަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފާގައި އޭނާގެ ކޮންޓްރެކްޓް ޗެލްސީން އާކުރަން ވާހަކަ ދެއްކި ނަމަވެސް ފުރަތަމަ އެގާރައިގައި ކުޅެން ބޭނުންވާކަމަށް ބުނެ ލީގު ފެށެން ކުޑަތަންވެފައި ވަނިކޮށް އޭނާ ސައުތެމްޓަންއާ ގުޅުނީ އިޓަލީގެ އޭސީ މިލާނާއި ޖަރުމަނުގެ އާރުބީ ލައިޕްޒިގުން ވެސް ފާރަލަމުން ދަނިކޮނެވެ. ސައުތެމްޓަން ޖޯޒީގައި މިސީޒަނުގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

މި ހާފުގައި ސައުތެމްޓަން އިން ކުޅުން ރަނގަޅުކުރި ނަމަވެސް އެޓީމަށް މައްސަލަ ދިމާވީ ޕެނަލްޓީ ކާމިޔާބުކޮށްދިން ވާޑް-ޕްރައުސް މެޗުގެ 77 ވަނަ މިނިޓުގައި ޗެލްސީގެ ޖޯޖީނިއޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑަށް ފަހު އެވެ. ޗެލްސީން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ވާނާ އެވެ. މިއީ ވާނާ މިސީޒަނުގައި ޖެހި ފުރަތަމަ ލަނޑެވެ. ޗެލްސީގެ ތިންވަނަ ލަނޑު 89 ވަނަ މިނިޓުގަައި ކާމިޔާބު ކޮށްދިނީ ޗިލްވެލް އެވެ.

ރަށުން ބޭރުގައި އާސެނަލް އިން ބްރައިޓަންއާ ވާދަކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމުނުއިރު، އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑަލޭ ވަަނީ ބްރައިޓަން އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. މިއީ އޭނާ މިސީޒަނުގައި އާސެނަލް އަށް ބަދަލުވެ، ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިންވަނަ ކްލީންޝީޓެވެ.