ސިޔާސީ ނުފޫޒު
ސިޔާސީ ނުފޫޒު

ބުދަ ދުވަހާ ގުޅޭ

"މާދަން ކޯޓަށް ފޯމުލާނަން." ނަޖާތު ބުނިކަމަށް ވެއެވެ.

ނަޖާތަކީ މުއްސަނދި މީހެކެވެ. އޭނަގެ މިލްކިއްޔާތުގައި ހުރި ވަރު ގުނަން ފަށަން ޖެހޭނީ ލައްކައިންނެވެ. މުންސިރާ އިނދެގެން ހުއްޓައި ނަޖާތު މަރުވެއްޖެ ނަމަ، މުންސިރު ވެސް މަހުޖަނަކަށް ވާނެއެވެ. ވަރިވެގެން ނަޖާތު ދިޔަނުދޭން މުންސިރު ބޭނުންވެދާނެ ސަބަބަކީ އެއީއެވެ. އެކުގައި އުޅެން ބޭނުން ނޫނަސް، ވަކިވެގެން ނަޖާތު ދިޔަދޭކަށް މުންސިރު ނޭދޭނެއެވެ. ތަހުގީގު ޓީމަށް އެ ކަން ފާހަގަވިއެވެ.

ނަޖާތުގެ ޓީވީ ޕުރޮގްރާމު ވަގުތުން ދައްކަމުން ގެންދިޔަ އިރު، މުންސިރު އިނީ އެކުވެރި ނަރުހަކާ އެކު ހޮސްޕިޓަލުގެ ސްޓާފްރޫމްގައެވެ. އެ ވަގުތު އެ ތާކު ތިންވަނަ މީހަކު ނެތެވެ.

"މީހަކު މަރާލަން ބޭނުމިއްޔާ އެންމެ ފަސޭހަ ގޮތަކީ ކޮބައިކަން އެނގޭތަ؟ ސަކްސިނީލެއް ޖަހާ!" ޓީވީއަށް ބަލަން އިނދެފައި މުންސިރު ބުނެލިކަމަށް ވެއެވެ. "ޕޯސްޓުމޯޓަމް ހެދިޔަސް ލާހިކެއް ނޫން އެ ހޯދާކަށް."

ފުލުހުންގެ ތަހުގީގަށް ކުރިއެރުން ލިބެން ފެށިއެވެ. މުންސިރު ސަކްސިނީލް ކިއީ ސަކްސިނިލްކޯލީންއަށެވެ. އެއީ ހަށިގަނޑުގެ ހަރަކާތް ހުއްޓުވައިލަން ބޭނުންކުރާ ބޭހެކެވެ. އާންމުކޮށް އެ ބޭނުންކުރަނީ، އޮޕަރޭޝަނެއް ކުރުމަށް ޓަކައި ހޭނައްތައިފައި އޮންނަ ބަލިމީހާއަށެވެ. އޭނާގެ ހަށިގަނޑުގެ ހަރަކާތް ހުއްޓުވައިލުމަށް ޓަކައެވެ. އާންމު ގޮތެއްގައި ދޭނީ އެ ބޭހުގެ ވަރަށް ކުޑަ މިންވަރެކެވެ. އެއީ އޭގެ އަސަރު އަވަހަށް ކުރާ އަދި އަސަރު އަވަހަށް ފިލާ ބޭހެއް ވެސް މެއެވެ. އިންޖެކުޝަން ޖަހާތާ މިނެޓެއް ފަހުން ވެސް ބޭހުގެ ދެބައި ކުޅަ އެއްބައި ހަށިގަނޑުން ފެންނާކަށް ނުހުންނާނެއެވެ. މާ ގިނައިން ބޭނުން ކޮށްފި ނަމަ، މީހާ މަރުވާނެއެވެ. މުންސިރަކީ ޑަކުޓަރެކެވެ. އޭނައަށް އެ ކަން އެނގޭނެއެވެ. ހަމަ އެހެންމެ، އޭނައަށް އެ ބޭސް ލިބޭނެއެވެ. މީހަކަށް ނޭނގި ނެގޭނެއެވެ.

ތަހުގީގަށް އެހީތެރިވި ޑަކުޓަރުންގެ ނަޒަރުގައި، މުންސިރު ބޭނުންކޮށްފައިވަނީ ސަކްސިނީލް ކަމުގައިވާ ނަމަ، އެ ކަން ސާބިތެއް ނުކުރެވޭނެއެވެ. އޭގެ އަސަރެއް ދެނެއް ނުފެންނާނެއެވެ. އޭގެ މާނައަކީ، އެއްވެސް ހާސްކަމެއް ނެތި މުންސިރަށް ކުށުން ސަލާމަތްވެވޭނެއެވެ. އެހެން ހެތްކެއް ނުހޯދިއްޖެ ނަމައެވެ.

މީހަކު މަރައިލައިފައި ހުރިހައި ހެތްކެއް ފުހެލުމަކީ ފަސޭހަކަމެއް ނޫނެވެ. ކުށްވެރިން އެހާ ގާބިލެއް ނުވާނެއެވެ. ކޮންމެވެސް ޅައެއްޗެއް އަޅާނެއެވެ. އެ އުންމީދުގައި ފުލުހުން އެތައްމިތަނުގައި އަތްފުނާއަޅަން ފެށިއެވެ. ވަރުބަލިކަމެއް، ފޫހިކަމެއް ނެތިއެވެ. ބޭނުންވި އެންމެ މުހިންމު ހެކި އަތުޖެހުނީ، ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެއީ، ލިބިދާނެކަމަށް ފުލުހުން އުންމީދު ވެސް ކޮށްފައި ނުވާ ކަހަލަ ގޮތަކަށް ލިބުނު ހެތްކެކެވެ.

ނަޖާތުގެ ހާލު ސީރިޔަސްވެގެން މުންސިރަށް ގުޅުނު ހޮސްޕިޓަލަކީ، ނަޖާތަށް ވަރަށް ސަޕޯޓުކުރާ ނަރުހުންތަކެއް ތިބި ހޮސްޕިޓަލެކެވެ. ހާއްސަކޮށް އައިސީޔޫގައި އެ ވަގުތު ތިބީ، ރައީސަކަށް ނަޖާތު ހޮވޭނެކަމުގެ ހުވަފެން ދެކެމުންދިޔަ ދެ ނަރުހުންނެވެ. ނަޖާތާ އެއް ކިލާހެއްގައި ވެސް އެ މީހުން އުޅުނެވެ. އެ ތަނަށް ނަޖާތު ގެނައުމުން އެ މީހުންނަށް ލިބުނީ ހައިރާންކަމެކެވެ. އެހާ ސިއްހަތު ރަނގަޅު މީހަކަށް ހާޓްއެޓޭކެއް ޖެހުނީތީއެވެ. އެ މީހުންނަށް އެ ކަން ގަބޫލުކުރަން ވެސް ދަތިވިއެވެ.

އެ ނަރުހުން ޝައްކުކުރި ގޮތުގައި ނަޖާތުއަށް ވަނީ ވިހައެއް ދީފައެވެ. ހާޓްއެޓޭކެއް ޖެހޭ މީހެއްގެ ފަރާތުން ފެންނަންޖެހޭ އެއްވެސް އަލާމާތެއް ނަޖާތު ކިބަޔަކުން އެ މީހުންނަކަށް ވެސް ނުފެނެއެވެ. އެންމެ ފުރަތަމަ ވެސް އެ މީހުން ކުރި ކަމަކީ، ތަހުލީލުކުރަން ނެގި ނަޖާތުގެ ކުޑަކަމުދާ އެއްޗިއްސާއި ލޭގެ ސުންކުން ބައެއް، ފަހަށް ރައްކާކުރުމެވެ. އެ ސުންކު ރައްކާކުރީ އެ ކަމަށް ހާއްސަ އައިސްއަލަމާރިއެއްގައެވެ. އެއަށް ލާ ސުންކު ބަހައްޓަނީ ގަނޑުކޮށްފައެވެ. ނަޖާތަށް ސަކްސިނީލް ދީފައި ހުރި ނަމަ، އެ ސުންކު ފަހުން ތަހުލީލުކުރާ ބަޔަކަށް ވެސް އެ ކަން ސާބިތުކުރެވޭނެއެވެ. ގަނޑުކޮށްފައި ހުރީމައެވެ. ތަޖުރިބާކާރުން ދުށް ގޮތުގައި، ލެޔާ ހިލާފަށް ފަހަރުވާގައި ސަކްސިނިލްކޯލީންގެ އަސަރު ވަރަށް ގިނަ ވަގުތު ހަރުލައިފައި ހުންނާނެއެވެ. ސަބަބަކީ ސަކްސިނިލްކޯލީން ހަލާކުކޮށްލާ މާއްދާ ފަހަރުވާގައި ނުހުންނާތީއެވެ.

ފޮރެންސިކު ޓީމުން އާ ހިތްވަރަކާ އެކު ތަހުލީލު ފެށިއެވެ. މުޅި ރާއްޖޭގައި އެ ފަދަ ޓެސްޓެއް ހެދޭ ހަމަ އެކަނި ތަން ހުރީ ހުޅުމާލޭގައެވެ. އެއީ، ލިކްއިޑް ކްރަމަޓޯގްރަފީ މާސް ސްޕެކްޓޯމެޓްރީ ނަމަކަށް ކިޔާ ޒަމާނީ ތަހުލީލެކެވެ. އެ ތަހުލީލުގައި ހަމަ އެކަނި ބަލާނީ، ސުންކުގައި ސަކްސިނިލްކޯލީންގެ އަސަރު ހުރިތޯ އެކަންޏެވެ. ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ވެސް، ކަމުގެ ތަޖުރިބާކާރަކަށް މެނުވީ އެޔެއް ނުފެންނާނެއެވެ.

ނަސީބު އެހީތެރިވީ ފުލުހުންނަށެވެ. ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބެވެ. ސަކްސިނިލްކޯލީނަށް ނަތީޖާ ފައްސިވިއެވެ. ނަރުހުންގެ ދުރުވިސްނުމުގެ ސަބަބުން ނަޖާތުގެ ސުންކު ނަގައި ގަނޑުނުކުރެވުނު ނަމަ، އޭގެ އެއްވެސް ބޭނުމެއް ނުހިފުނީހެވެ. ރިޕޯޓު ލިބުމާއެކު ފުރަތަމަ ރަނގަބީލުވާން ފެށީ ތާމިރުގެ ފޯނެވެ. މުންސިރަކީ، ވެރިކަންކުރާ ޕާޓީގެ ނުފޫޒު ގަދަ މެންބަރެކެވެ. ނަތީޖާ ވަރަށް ރަނގަޅަށް އަދާހަމަކޮށްދިނުމަށް ފަހު ދެން ހުށައެޅުނީ އެންމެ މުހިންމު ސުވާލެވެ.

"މިހާރު މުންސިރު ހައްޔަރުކުރެވިދާނެ،" ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. "ސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ވެސް ލިބިއްޖެ! ކިހިނެއްތޯ ހަދަންވީ؟"

ކޯޓު އަމުރަކާ އެކު މުންސިރު ހައްޔަރުކުރީ ހޮސްޕިޓަލުގެ ޑިއުޓީގައި ހުއްޓައެވެ. އެންމެންގެ ކުރިމަތީގައެވެ. މުންސިރުގެ އަލަމާރި ބަލައި ފާސްކުރި އިރު، ސަކްސިނިލްކޯލީން ބޭނުންކުރާނެ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިޔެފައިވާ ކަރުދާސްތަކެއް ފުލުހުންނަށް ފެނުނެވެ. އެ ބޭސް ބޭނުންކުރަންވީ މިންވަރާއި، އެ މިންވަރުން ކުރާނެ އަސަރާއި، ހަށިގަނޑުން ބޭހުގެ އަސަރު ފެންނާނެ މުއްދަތު ވެސް އޭގައި ހުއްޓެވެ. އެ ހިސާބުން ފުލުހުންގެ މަސައްކަތް ހުއްޓައިލީކީ ނޫނެވެ. ނަޖާތުގެ ކުރީގެ ފިރިމީހާ ކަމުގައިވާ ރަހީފްގެ މަރުގެ ހަގީގަތް ވެސް ފުލުހުން ބަލަން ބޭނުންވިއެވެ.

ނަޖާތު މަރުވީއެއް ނޫނެވެ. މަރައިލީއެވެ. އެއް ނޫހުގެ ފަލަ ސުރުހީގައި އޮތީ އެހެންނެވެ. ހޮސްޕިޓަލުން ސަކްސިނިލްކޯލީން ނުވަތަ އެހެން ވެސް ބޭހެއް ނެގިކަމަކަށް މުންސިރު އެއްބަހެއް ނުވެއެވެ. އެކަމަކު، މުންސިރު ބޭނުންވެއްޖެ ހިނދެއްގައި ނެގޭ ގޮތަށް އެ ބޭސް ހުރުމާއި، އެކުވެރިން ގާތުގައި މުންސިރު ދައްކައިފައިވާ ވާހަކަތަކުގެ ސަބަބުން، މުންސިރު އެ ކަން ކޮށްފާނެކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުނެވެ.

ފުލުހުން ނިންމި ގޮތުގައި، ނަޖާތު ބަލިވި ދުވަހު، މުންސިރު ކުރިން ބުނެފައިވާ ފަދައިން މުންސިރު ހޭލީ ނަޖާތަށް ވުރެ މާ ކުރިންނެވެ. އެކަމަކު އޭނަ ކުރީ ގޭތެރޭގެ މަސައްކަތެއް ނުވަތަ ކޮފީއެއް ހެދުމުގެ މަސައްކަތެއް ނޫނެވެ. އޭނަ ކުރިކަމަކީ ބޭސް އަޅައި ސިލިންޖު ތައްޔާރުކުރުމެވެ. އެއަށް ފަހު، ނަޖާތު ނިދައިފައި އޮއްވައި އިންޖެކުޝަން ޖެހީއެވެ. ދެން އެންބިއުލާންސަށް ގުޅީއެވެ. ކަން ދިމާކުރި ގޮތުން، އެންބިލާންސުގައި ތިބި ޑަކުޓަރުން ނަޖާތުގެ ފުރާނަ އެ ވަގުތަށް ސަލާމަތްކުރިއެވެ. ހޮސްޕިޓަލަށް ގެންދެވުމާ އެކު، ދުރުވިސްނޭ ދެ ނަރުހަކު ސުންކު ނަގައި ރައްކާކުރީއެވެ. އެ މުހިންމު ފިޔަވަޅު ނޭޅުނު ނަމަ، ނަތީޖާ ދެއްްކީހީ ވަަރަށް ތަފާތު ގޮތަކަށެވެ.

މުންސިރަށް ހުކުން އިއްވަން އޮތް ދުވަހުގެ ކުރީ ދުވަހު، ޖަލުގައި ވެސް މުންސިރު އަމިއްލައަށް މަރުވާން އުޅުނެވެ. އެއީ މުންސިރު އެ ފަދަ ކަމެއް ކުރި ދެވަނަ ފަހަރެވެ. ފަހު ފަހަރުގެ ބޭނުމަކީ ކުށުން ބަރީއަވެ، މީހުންގެ ހަމުދަރުދީ ހޯދުމެވެ. އެހެނަސް، އެ ފަދަ ކުށްވެރިންނަށް ގާނޫނު ރަހުމެއް ނުކުރެއެވެ. މުންސިރަށް އިއްވީ އުމުރަށް ޖަލަށް ލުމުގެ ހުކުމެވެ.

ނަޖާތުގެ ކުރީގެ ފިރިމީހާ ވެސް މަރައިލީ މުންސިރު ނޫންބާއެވެ؟ އެ ކަމުގައި ވެސް މުންސިރު ބޭނުންކުރީ ސަކްސިނިލްކޯލީން ބާއެވެ؟ ތަހުގީގު ޓީމުން އެ ސުވާލުތައް އުފެއްދިއެވެ. އެހެންނަމަވެސް، ދެ ސަބަބަކަށް ޓަކައި އެ ތަހުގީގު ހުއްޓައިލީއެވެ. ފުރަތަމަ ސަބަބަކީ، ރަހީފުގެ ހަށިގަނޑު ވަޅުލިތާ ގިނަ ދުވަސްވެފައި ވާތީ، އޭނާގެ ހަށިގަނޑުން ސަކްސިނިލްކޯލީން ނުފެނިދާނެތީއެވެ. އެއަށް ވުރެ ވެސް މުހިންމު ސަބަބަކީ ދެވަނަ ސަބަބެވެ. މުންސިރަށް އަދަބުލިބިއްޖެއެވެ. އޭނަ ހުރީ އުމުރަށް ޖަލަށްލައިފައެވެ. އެއީ ރާއްޖޭގައި ދޭ އެންމެ ބޮޑު އަދަބެވެ.

ހޮސްޕިޓަލުގެ ކުޅަދާނަ ދެ ނަރުހުންނަށް ފުލުހުންނާއި ޑަކުޓަރުން ވެސް ތައުރީފުކުރިއެވެ. އަޅަންވީ އެންމެ ރަނގަޅު ފިޔަވަޅު، ވަގުތުން އެޅީތީއެވެ. ރައްކާކުރަންވާ އެންމެ ރަނގަޅަށް ސުންކު ރައްކާކުރީމައެވެ. އިންސާފުގެ ކުރިމައްޗަށް ކުށްވެރިޔާ ގެނެސްދިން ވަސީލަތަކީ އެއީއެވެ. ދެން އުފެދޭ ސުވާލަކީ، ނަޖާތު މަރާލަން މުންސިރު ބޭނުންވީ ކީއްވެގެން ހެއްޔެވެ؟

ތަހުގީގަށް ފާހަގަކުރެވުނީ އެންމެ ތިން ސަބަބެވެ. ނަޖާތު ދެކެ މުންސިރު ފޫހިވުމާއި، ފައިސާގެ ދަހިވެތިކަމާއި، އެހެން އަންހެނެއް ދެކެ މުންސިރު ލޯބިވުމެވެ. އެއީ މީހަކު މަރައިލާ ވަރުގެ ސަބަބުތަކެއް ހެއްޔެވެ؟ އެކަކު ވެސް އެ ސުވާލެއް ނުއުފައްދައެވެ. ސަބަބަކީ، މީހުން މެރުން ރާއްޖޭގައި އާންމުވެފައިވުމެވެ. ކުދިކުދި ކަންތަކާ މީހުން މަރައިލަން ވެސް ދިވެހިން މިހާރު ޖެހިލުމެއް ނުވެއެވެ. މަދު ފައިސާކޮޅެއް ދީގެން މީހެއްގެ ފުރާނަދުއްވައިލުމަކީ މިހާރު އެއްވެސް ކަމެއް ނޫނެވެ.

މީހެއް ދެކެ ރުޅިއަޔަސް މަރައިލަންވީއެވެ. ފައިސާކޮޅެއް ނުދިނަސް މަރައިލަންވީއެވެ. ހީކުރި މީހާ ނޫން މީހަކު މަރައިލެވުނަސް، އެއީ ވެސް އެއް ބަޔަކަށް މައްސަލައެއް ނޫނެވެ. ފުރާނައިގެ އެއްވެސް އަގެއް ނެތެވެ. އިންސާނީ ހައްގުތަކަކީ ވެސް ވަކި ބަޔަކަށް އެކަނި އޮންނަ އެއްޗަކަށް ވެއްޖެއެވެ. ހަރުކަށި އަދަބެއް ނެތެވެ. ގިނަ ފަހަރަށް ކުށް ސާބިތުވަނީ ހެތްކަށް ބަލައިގެނެއް ނޫނެވެ. މީހާގެ މޫނަށް ބަލައިގެންނެވެ.

އިއްޔެ މުޅި ދުނިޔެ ތައުރީފުކުރި ހިތްހެޔޮ ދިވެހިން މިއަދު ވީ ތަނެއް ވެސް ނޭނގެއެވެ. ނަޖާތުގެ ވޭދަނަ ފަލަ ސުރުހީއަށް އެރީ އޭނައަކީ ނުފޫޒު ގަދަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވީތީއެވެ. އެކަމަކު ދެން މާ ގިނަ ދުވަހެއް ނުވެ އެ ހާދިސާ ވެސް ދިވެހީން ހަނދާންނެތިދާނެއެވެ. ރިޔާސީ އިންތިހާބު ނިމި، ކާމިޔާބު ލިބޭ މީހަކަށް ކާމިޔާބުލިބުމުން، ނަޖާތުގެ ވާހަކަ ދައްކާނެ މީހަކު ވެސް ދެނެއް ނުހުންނާނެއެވެ. އެއީ ދިވެހީންގެ އާދައެވެ. މާޒީ އެ ކަމަށް ހެކިވެއެވެ.

ނިމުނީ