02 އޮކްޓޯބަރ 2021 - 21:31

ފާއިތުވި ތިން މަހު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވާން ފަށާފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން އާންމުކުރާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން 144،598 ސާމްޕަލެއް ކޮވިޑަށްް ޓެސްޓްކުރިއިރު ބައްޔަށް ޕޮޒިޓިވްވީ 3،697 މީހެކެވެ. އެއީ 2.56 ޕަސެންޓެވެ.
މިއީ ޖުލައި މަހާއި އޮގަސްޓް މަހު ބަލި ޖެހުނު މީހުންގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ.
ޖުލައި މަހުގެ ތެރޭގައި 177،863 ސާމްޕަލެއް ޓެސްޓްކުރިއިރު ޕޮޒިޓިވްވީ 3،634 މީހެކެވެ. މިއީ ޕޮޒިޓިވިޓީ ރޭޓަށް ބަލާނަމަ، 2.04 ޕަސެންޓެވެ. އަދި އޮގަސްޓް މަހު ވެސް، 167،681 ސާމްޕަލެއް ޓެސްޓްކުރި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކަމަކު އޭގެ ތެރެއިން ވެސް ޕޮޒިޓިވްވި އަދަދު 3،524 ގައި އުޅޭއިރު މިއީ ޕޮޒިޓިވިޓީ ރޭޓަށް ބަލާ ނަމަ، 2.10 ޕަސެންޓެވެ.
ކޮވިޑްްގެ ހަތަރު ވަނަ ރާޅަށް ފަހު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަޑުމަޑުން އިތުރުވަމުން އަންނައިރު މިގޮތަށް އިތުރުވަމުން މިދަނީ ވެކްސިނުން ލިބޭ ރައްކާތެރިކަން ދަށްވާތީ ކަމަށް ބެލެވެ އެވެ. އެޗްޕީއޭ އިން ބުނާ ގޮތުގައި ވެކްސިނުން ލިބޭ ރައްކާތެރިކަން، ވެކްސިން ޖަހައި ގިނަ ދުވަސްވާ ވަރަކަށް ދަށްވާނެ އެވެ.
ރާއްޖެއިން 339،400 އަށް ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްގެން ތިބިއިރު މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ލަފާގެ މަތިން ބައެއް މީހުންނަށް ބޫސްޓާ ޑޯޒެއް ދިނުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.
ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހާނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ ހަ މަސް ވެފައިވާ ނަމަ އެވެ.
މި ވަގުތު ބޫސްޓާ ޑޯޒް ދޭން ނިންމާފައި ވަނީ ފައިޒާ ވެކްސިން ޖަހާފައިވާ މީހުންނަށް އެކަންޏެވެ.