02 އޮކްޓޯބަރ 2021 - 20:54

ރާއްޖޭގައި ފައިޒާ ވެކްސިންގެ ދަވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭ އިން މިރޭ ހުޅުވާލައިފި އެވެ.
ކޮވިޑުން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ޖަހަން ނިންމައި އެކަން އިއުލާންކުރީ ބުރާސްފަތި ދުވަހުގެ ރެ އެވެ.
މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ލަފާގެ މަތިން ބޫސްޓާ ޑޯޒް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ވަގުތު ފައިޒާ ވެކްސިނުން އެކަނި ބޫސްޓާ ޑޯޒް ދޭން ނިންމާފައިވާއިރު އެޗްޕީއޭ އިން ބުނި ގޮތުގައި އެ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަންޏެވެ.
އޭޑީކޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9 އިން މެންދުރު 2 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނީ މެންދުރު 1 އިން 3 އަށެވެ.
ކުރިން އެޗްޕީއޭ އިން ކުރި އިއުލާނުގައިވާ ގޮތުން ބޫސްޓާ ޑޯޒް ވިލިމާލޭ ހޮސްޕިޓަލުން ވެސް ޖަހައިދޭނެ އެވެ. އެކަމަކު އެ ހޮސްޕިޓަލުގައި ވެކްސިން ޖަހައިދޭނެ ގަޑިއެއް މިރޭ ކުރި އިއުލާނުގައި ނެތެވެ.
* 60 އަހަރު މަތީގެ މީހުން
* ދިފާއީ ނިޒާމު ބަލިކަށި މީހުން
* ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
* ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
* ދިގު މުއްދަތަކަށް ސްޓެރޮއިޑްސް ބޭނުންކުރާ މީހުން
* ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން
* ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން
* އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން
* އޮކްސިޖަން ތެރެޕީ ނަގާ މީހުން
* ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން
* ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން
* ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން
* ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ޖެހޭ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިން ޖަހައިފަ އެވެ. މިހާރު 339،400 އަށް ވުރެ ގިނަ މީހުން ތިބީ ވެކްސިން ފުރިހަމަކޮށްފަ އެވެ. ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދުތައް ވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު މުޅި ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު އާންމުކޮށް އުޅެނީ 100 ގަ އެވެ.