ފޮޓޯގްރާފަރަށް ކާން ނުދިނުމުން ކައިވެނީގެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްލައިފި
ފޮޓޯގްރާފަރަށް ކާން ނުދިނުމުން ކައިވެނީގެ ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްލައިފި

މިދިޔަ ހަފުތާގައި ހަންގޭރީގައި ކައިވެނިކުރި ބައެއްގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރި މީހާ އަށް ކާނެ ވަގުތެއް ވެސް ނުދީ މަސައްކަތް ކުރުވައި، ފައިސާ ވެސް ނުދޭނެ ކަމަށް ބުނެ އިންޒާރު ދިނުމުން އައި ރުޅީގައި ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްލައިފި އެވެ.

މި ވާހަކަ އޭނާ ރެޑިޓްގައި ވެސް ހިއްސާކޮށް، އެކަމާ ބެހޭ ގޮތުން އާންމުންގެ ހިޔާލަކީ ވެސް ކޮބައިތޯ އަހާފައިވެ އެވެ. ނަން ހާމަނުކުރާ މީހާ ބުނީ އޭނާ އަކީ ހަގީގަތުގައި ޕްރޮފެޝަނަލް ފޮޓޯގްރާފެއް ނޫން ކަމަށާއި އޭނާ އަކީ ކުއްތާ ގްރޫމްކޮށް ހޮބީއަކަށް ފޮޓޯ ނަގައި އިންސްޓަގްރާމާއި ފޭސްބުކްގައި ޕޯސްޓްކުރާ މީހެއް ކަމަށެވެ.

އޭނާ ކައިވެނީގެ ފޮޓޯ ނަގައިދޭން އެއްބަސްވި ފިރިހެން މީހާ އަކީ އެކުވެރިއެކެވެ. އެކުވެރިޔާ ތަކުރާރުކޮށް އެދުމުން ފޮޓޯ ނަގައިދޭން އެއްބަސްވީ ކަމަށާއި އެކަން ކޮށްދޭން އެއްބަސްވީ 250 ޑޮލަރު ފީއެއް ކަމަށް ވެސް ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ކައިވެނީގެ ހަފުލާ އޮތް ދުވަހު ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 7:30 އާ ހަމައަށް އުޅެން ޖެހުނީ އެއްވެސް ބްރޭކެއް ނެތި ކައިވެނީގެ އެކިއެކި ފޮޓޯތައް ނެގުމުގައި އަވަދިނެތި އެކި ދިމަދިމާލުގަ އެވެ.

"އަހަރެން ދިޔަ ގޮތަށް އެ މީހުން ބުނި ގޮތަށް އެކި ތަންތަނުގައި ފޮޓޯ ނަގަން އުޅުނީ. އަނެއްކާ އެހާ ހޫނު ގަދަ. ކުޑަމިނުން ބޯލާނެ ފެންފޮދެއްހާ ވެސް ހިސާބު ލިބޭނެ ގޮތެއް ނެތް. ހަވީރު ފަހެއްގައި ހަފުލާގެ ރަސްމީ ރެސެޕްޝަން ފެށި ޕާޓީ އަށް ދިޔަ މެހުމާނުން ކާން ފެށުމުން އަހަރެން ވެސް އެދުނިން ވިއްސަކަށް ވަރަކަށް މިނިޓްގެ ބްރޭކެއް ނަގައި ކާން ބޭނުންވާ ކަމަށް." އޭނާ ބުންޏެވެ.

ނަަމަވެސް އެކުވެރިޔާގެ ފަރާތުން އެކަމަށް ހުއްދައެއް ނުލިބުނެވެ.

"ބަދަލުގައި އޭނަގެ ފަރާތުން ފެނުނީ ހީވެސް ބޮޑާކަން. އޭނާ ބުނީ ކަލޭ ގެނައީ ކާކަށް ނޫނޭ ފޮޓޯގްރާފަރެއްގެ ގޮތުގައޭ. އެހެންވީމަ އެކަން ކުރާށޭ. އަނެއްކާ ބްރޭކެއް ނަގާ ނަމަ ފީ ވެސް ނުދޭނެ ކަމަށް ބުނެ އިންޒާރު ދިން." އޭނާ ބުންޏެވެ.

އޭނާ ބުނީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނާއި ދުވަހުގެ އެހާ ގިނަ ވަގުތު މުޅިން ހޫނުގައި އުޅެން ޖެހުމުން ވަރަށް ބޮޑަށް ރުޅިގަދަވެފައި ހުރި ކަމަށެވެ.

"އެހެންވެ ކެމެރާގައި ހުރި ހުރިހާ ފޮޓޯތަކެއް ޑިލީޓްކޮށްލީ." އޭނާ ބުންޏެވެ.

މި ވާހަކަ އޭނާ ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު އޭނާ ކަންތައް ކުރީ ހަމަ ރަނގަޅަށް ކަމަށް ބުނެފައިވެ އެވެ. ބައެއް ބުނީ މީހުން އެކުވެރިޔާ އޭނާއާ ދޭތެރޭ ކަންތައްކުރީ ވަރަށް އިހާނެތިކޮށް ކަމަށާއި އެފަދަ މީސްމީހުންނާ ދޭތެރޭ ކަންތައް ކުރަން ވާނީ ހަމަ އެހެން ކަމަށެވެ.

އެކަމަކު އޭނާ ބުނީ ކައިވެނީގެ ފޮޓޯތަކަކީ ދެމަފިރިއެއްގެ މުޅި ހަނދާނަށް ރައްކާކުރަން ނަގާ އެއްޗަކަށްވާތީ ފޮޓޯތައް ޑިލީޓްކުރަން ޖެހުމުން ވަރަށް ދެރަވި ކަމަށެވެ.