ހިޔާ ފްލެޓްގެ ކުލިކުޑަކޮށްދޭން މުއިއްޒު އަނެއްކާ ވެސް އެދިވަޑައިގެންފި
ހިޔާ ފްލެޓްގެ ކުލިކުޑަކޮށްދޭން މުއިއްޒު އަނެއްކާ ވެސް އެދިވަޑައިގެންފި

ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ޖެހޭ ކުލި 5،600ރ. އަށް ކުޑަކޮށްދޭން އެދި ރައީސް އޮފީހަށް ތިން ވަނަ ފަހަރަށް ސިޓީ ފޮނުވާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓްގެ ކުލިކުޑަކޮށްދޭން މުއިއްޒު އަނެއްކާ ވެސް އެދިވަޑައިގެންފި
ހިޔާ ފްލެޓްގެ ކުލިކުޑަކޮށްދޭން މުއިއްޒު އަނެއްކާ ވެސް އެދިވަޑައިގެންފި

މުއިއްޒު މިއަދު "މިހާރު" އަށް ވިދާޅުވީ ހިޔާ ފްލެޓް ލިބުނު އާއިލާތަަކަށް ލުއިގޮތްތަކެއް ހޯދައިދިނުމަކީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން އޭނާގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ކުލިކުޑަކޮށްދޭން ތަކުރާރުކޮށް އެދިވަޑައިގަތީ އެހެންވެ ކަމަށެވެ. މީގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެ ވާހަކަ ދައްކަވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދިވަޑައިގެން މިދިޔަ ހަފްތާގައި ފޮނުއްވި ސިޓީއަކީ، އޭނާ ވިދާޅުވި ގޮތުގައި އެފަދަ ތިން ވަނަ ސިޓީ އެވެ.

"އެއްވެސް ސިޓީއަކަށް ޖަވާބެއް ނުލިބޭ. އެކަމަކު އަޅުގަނޑު ދެކެނީ މާލޭގެ މޭޔަރުގެ ހައިސިއްޔަތުން އަޅުގަނޑުގެ ޒިންމާއެއް ކަަމަށް، ރައްޔިތުންނަށް ލުޔެއް ހޯދައިދޭން މަސައްކަތް ކުރުމަކީ. ތިން ވަނަ ސިޓީއެއް މި ފޮނުވީ އެހެންވެ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ފިނިޝިިން މަސައްކަތްތައް، ފްލެޓް ލިބުނު ފަރާތްތަކުން އަމިއްލައަށް ކުރަން އެޗްޑީސީންް ދޫކޮށްލާފައިވާތީ މުއިއްޒު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފިނިޝިން މަސައްކަތް ނުކުރެވުނީ ފައިސާ ނެތިގެން ކަަމަށް އެޗްޑީސީން ބުނާ ކަމަށާއި އެކަމަކު އެހެން ކަންތައްތަކަށް ހަރަދުކުރާނެ ފައިސާ އެކުންފުނީގައި އެބަހުރި ކަމަށެވެ.

"އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ތަނެއް ތިލަފުށްޓަކީ. އެތަނުގައި ބޮޑު ބިމެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ އުޅެނީ. ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް އެކަނި އެޗްޑީސީގައި ފައިސާ ނެތީ،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި 5،600 ރުފިިޔާއަށް ކުލި ކުޑަކުރުމާއި ފިނިޝިން މަސައްކަތްތައް ނިންމަން ނުވަ މަސްދުވަސް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެކެވެ. އެކަން ކުރެވޭނެ ގޮތުގެ ޓެކްނިކަލް ތަފްސީލުތައް ވެސް އޭނާ ވިދާޅުވިގޮތުގައި މީގެ ކުރިން ވާނީ ހިއްސާކުރައްވައިފަ އެވެ.

"ވިހި އަހަރު ދުވަހަށް ބަހާލީމާ، 5،600 ޖެހޭނީ. ފައިސާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދަމާލައިފިއްޔާ 4،000 އަށް ވެސް ހެދޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށި އިރު، އެމީހުންނަށް ބޭނުންވާ ޕަބްލިކް އިންފްރާސްޓްރަކްޗާ ނެތުމުގެ ކަންބޮޑުން ވެސް މުއިއްޒު ފާޅުކުރެއްވިި އެވެ. އެތަނުގައި މިސްކިތެއް އަދި ސްކޫލެއް ނެތީ އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އެކަމަށް ސަމާލުކަމެއް ނުދިނީމަ އެވެ. އެ ތަންތަން އަޅަން އެކަށީގެންވާ ވަގުތު ސަރުކާރަށް ލިބިއްޖެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި މަހަކު 8،500ރ. އެޗްޑީސީއަށް ދައްކަން ޖެހެ އެވެ. ފްލެޓްގެ ކުލި ކުޑަކޮށްދިނުމަށް އެދި ފްލެޓް ލިބުނު މީހުން އިއްޔެ މުޒާހަރާ ވެސް ކުރި އެވެ. އޭގެ ކުރިން 2،000 އެއްހާ މީހުންގެ ސޮޔާ އެކު ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެހެން ނަމަވެސް އެޗްޑީސީން ބުނަމުން އަންނަނީ ކުލި އެއަށް ވުރެ ކުޑަކުރެވެން ނެތް ކަމަށެވެ.

އެޗްޑީސީން އެންމެ ފަހުން ވެސް ބުނީ ފްލެޓް އެޅުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ކުއްޔަށް އެވަރު ނަގައިގެން ކަމަށެވެ.