02 އޮކްޓޯބަރ 2021 - 09:49

ނޭޕާލްގެ ފުޓްބޯޅައިން ރާއްޖޭގެ މަގާމު ހޯދަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުން ހާސިލުކުރަން ބޭނުންވި ޕްލެޓްފޯމްގައި އެކަން ހާސިލު ކުރީ އެވެ. ރާއްޖެ ބަލި ކުރެވުމުން މުޅި ނޭޕާލްގައި އުފާފާޅު ކުރުން ކުރިއަށްދަނީ އެވެ. ރޭ ރާއްޖެ އަތުން މޮޅުވުމަކީ ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމުން ރާއްޖެ ބަލި ކުރި ފުރަތަމަ ފަހަރެވެ. މި ބައްޔަކީ މުބާރާތުގެ ފޯމެޓް އޮތް ގޮތުން ރާއްޖެ އަށް ހިތި ބައްޔެކެވެ.

ނޭޕާލުން އެންމެ ފުރަތަމަ ރާއްޖެއަށް ލަގާއެއް ދިނީ، ބަންގްލަދޭޝްގައި 2016 ޖެނުއަރީގައި ބޭއްވި ބަންގުބަންދު ގޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ނޭޕާލުން މެޗު ކާމިޔާބު ކުރީ، 4-1 އިންނެވެ. އޭގެ ފަހުން އެ އަހަރު ފެބްރުއަރީ މަހު އިންޑިއާގެ ގުވަހަޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގައި ވެސް ރާއްޖެ އަށް ނޭޕާލުން ދެރަ ދިނެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ރާއްޖެވީ ބައްޔެވެ. އެކަމަކު އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ރާއްޖެއިން ނޭޕާލް ބަލިކޮށް ފައިނަލަށް ދިޔަ އެވެ.

އޭރު އޮތް ނޭޕާލްގެ ޓީމާއި ތިން އަހަރު ފަހުން އޮތް ނޭޕާލް ޓީމު ތަފާތެވެ. ގިނަ ޒުވާން ކުޅުންތެރިން ޓީމުގައި ވަނީ ހިމަނައިފަ އެވެ. މުބާރާތަށް ތައްޔާރުވާން ކުރި ދަތުރުގައި ފްރެންޑްލީ މެޗުތަކެއް ކުޅުނެވެ. އޮމާން އަދި އިންޑިއާ އެކު ތިން މެޗެވެ. އެ ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅު ނުވިއަސް ގިނަ ކަންކަން ނޭޕާލްގެ ޓީމުން ދަސްކުރި އެވެ.

"އަހަރެމެން އޮމާން އަތުން 7-2 ބަލިވީމަ ނޭޕާލްގެ ސަޕޯޓަރުންނާއި ނޫސްވެރިން އަހަރެމެންނާ ދިމާކޮށްލި. އެންމެން ތިބީ ހިތްހަމަނުޖެހިފައި. އަހަރެން ވެސް ހުރީ ހިތްހަމަނުޖެހިފައި. އެކަމަކު ކަލޭމެން (ނޫސްވެރިން) ކުށްވެރިކުރާނަންތަ ވަރުގަދަ ޓީމު،" ނޭޕާލްގެ ނޫސްވެރިން ވެސް ހާޒިރުވެ ތިބި ޕޯސްޓް މެޗު ޕްރެސްގައި ނޭޕާލްގެ ކޯޗް އަބްދުﷲ އަލް މުތައިރީ ބުންޏެވެ.

"ވަރުގަދަ ޓީމުތައް އަތުން ބަލިވާން ޖެހިލުން ނުވާންވީ. އެ މެޗުތަކުގެ ސަބަބުން އަހަރެމެންނަށް މާ މުހިންމު ކަންކަން ދަސްވާނެ. ނިކަން ބަލާ އޯޕަނިން މެޗުގައި ހޯސްޓް ނޭޝަން އަތުން މި ޓީމު މޮޅު ވެގެން އެ ފޭބީ. ގިނަ ދުވަސްތަކެއް ވަންދެން މި ޓީމު އެކުގައި ބާއްވައިގެން ރޭންކިންގެ ކުރީގައި އުޅޭ ގައުމުތަކާ ދެކޮޅަށް ގިނަ މެޗުތައް ކުޅޭނަމަ މި ޓީމު ކުރިއަށް އޮތްތާންގައި މިއަށްވުރެ ވަރުގަދަ ވާނެ."

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ރާއްޖެ އާއި ނޭޕާލުން ވެސް އެންމެ ފަހުގެ ޓްރޭނިންތައް ކުރިއަށް ގެންދިޔައީ ގަތަރުގަ އެވެ. ދެ ޓީމު ބޭސް ވެގެން ތިބީ ވެސް އެއް ހޮޓަލެއްގަ އެވެ. ގަތަރުގައި ތިބެގެން ނޭޕާލުން އިންޓަނޭޝަނަލް ފްރެންޑްލީ މެޗެއް އޮމާންއާ ދެކޮޅެ ރާވައި މެޗު ކުޅުނު އިރު ރާއްޖެއަށް އެ ފުރުސަތެއް ނުހޯދުނެވެ. ރާއްޖެ އަށް ލިބުނީ ގަތަރުގެ ދެ ވަނަ ޑިވިޝަން ލީގުގެ ޓީމެއްގެ އިތުރުން އާމީ ޓީމާއެކު ދެ ޓްރޭނިން މެޗެވެ.

ގަތަރުގެ ޓްރޭނިން ކޭމްޕަށް ނޭޕާލް ފުރުމުގެ ކުރިން އިންޑިއާ އާ އެކު ކަތަމަންޑޫގައި ދެ މެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި ނޭޕާލްއިން އިންޑިއާ އާ 1-1 އިން އެއްވަރު ކުރި އެވެ.

ރާއްޖެއިން ވެސް ލަންކާއާ އެކު ގަތަރުގައި މެޗެއް ކުޅެން ރޭވި އެވެ. އެކަމަކު ލަންކާ ދަތުރު ބަދަލު ކުރީ ސައުދީ އަރަބިއާ އަށެވެ. އެހާ ހިސާބުން ރާއްޖެއިން ފްރެންޑްލީ މެޗެއް ކުޅޭކަށް މަސައްކަތެއް ނުކުރެ އެވެ. ގަތަރުގައި ތިބެގެން ނޭޕާލުން ތަނަވަސް ކުރި ފުރުސަތު ރާއްޖެއަށް ފަހި ނުކުރެވެންވީ ކީއްވެހެއްޔެވެ؟

ރާއްޖެ އާއި ލަންކާ ފިޔަވައި އަނެއް ތިން ގައުމުން ވެސް ވަނީ މުބާރާތަށް ތައްޔާރު ވުމަށް އިންޓަނޭޝަނަލް ފްރެންޑްލީ މެޗުތަކެއް ކުޅެފަ އެވެ. ރާއްޖެ އާ އެކު ކުޅެން ބަންގްލަދޭޝްއިން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެފްއޭއެމުން ބުނަނީ ބަންގްލަދޭޝް ބޭނުންވީ އެ ގައުމުގައި މެޗު ކުޅޭށެވެ. ބަންގްލަދޭޝްގައި ކޮވިޑް ހާލަތު އޮތް ގޮތުން އެ ގައުމަށް ދަތުރު ކުރުން ރައްކާތެރި ނުވާތީ އެ ގައުމަށް ނުދާން އެފްއޭއެމުން ނިންމީ އެވެ. ރާއްޖޭގައި މެޗު ކުޅެން ބަންގަލަދޭޝް އަށް ދިން ދައުވަތު އެ ގައުމުގެ އެފްއޭއެއިން ގަބޫލު ނުކުރީ އެވެ. އެކަމަކު ބަންގްލަދޭޝްއިން ކިރިގިސްތާން އަށް ދަތުރުކޮށް ފަލަސްތީނާ އެކު ތިން ގައުމު ވަނީ ކުރު މުބާރާތެއްގައި ކުޅެފަ އެވެ. ކިރިގިސްތާން އަށް ދަތުރުކޮށް ބަންގްލަދޭޝްއިން ދެ މެޗު ކުޅުނެވެ. ރާއްޖެ އަންނަން ބަންގްލަދޭޝް އަށް ވިސްނައި ނުދެވުމުން ރާއްޖެއިން ލޮބީ ކުރާ އުސޫލުތައް ބަދަލު ކުރަން ޖެހެ އެވެ.
ދެން އޮތީ ޓީމުގެ ފުރަތަމަ 11 އެވެ. ނޭޕާލާ ދެކޮޅަށް 2018 ގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ޓީމުގެ ގިނަ ކުޅުންތެރިން ސްކޮޑުގައި ތިއްބެވެ. އެ މެޗުގައި މިޑްފީލްޑްގައި މޮޅަށް ކުޅުނު ހުސައިން ނިހާން (ނިހާޓް) އަށް ފުރަތަމަ 11 އިން ފުރުސަތު ދޭނެ ކަމަށް ކުރިން ބެލެވުނެވެ. ނަމަވެސް ކޯޗު އަލީ ސުޒޭން މިޑްފީލްޑުން ފުރުސަތު ދިނީ އަސްހަދު އަލީ (އަޑޭ) އަށެވެ.
ސިޔާސީ ގޮތުން ގިނަ ފާޑު ކިޔުންތަކެއް އަޑޭ އަށް އަމާޒު ވުމަކީ އެހެން މައްސަލައެކެވެ. މައްސަލައަކަށް ވަނީ ޓެކްނިކަލް ނަޒަރުންނެވެ. އަޑޭ ގައުމީ ޓީމަށް އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ މާޗް 2018 ގައި ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގަ އެވެ. އޭގެ ފަހުން ކެޕްޓަން ބޭންޑް އޭނާ އަތުން ނެގުމުން ގައުމީ ޓީމުން ރިޓަޔާ ކުރީ އެވެ.
ތިން އަހަރު ފަހުން ރިޓަޔާމެންޓް އުވާލައި އޭނާ ގައުމީ ޓީމަށް އެނބުރި އައެވެ. އަދި ކްލަބު ފުޓްބޯޅައިގައި މިދިޔަ ސީޒަންގައި ފަސް މެޗު ވެސް އަޑޭ ކުޅެފައެއް ނެވެ އެވެ. މި ހުރިހާ ސަބަބުތަކެއް މިގޮތަށް ހުރި އިރު ވެސް ކުއްލިއަކަށް ބޮޑު މުބާރާތެއްގެ ފުރުތަމަ މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ނިންމުމެއްތޯ ސުވާލު އުފެދެ އެވެ.
ކޯޗު ސުޒޭން ވެސް ވަނީ މެދުތެރެއިން އެކަށީގެންވާ ބޯޅަތަކެއް ފޯރުކޮށް ނުދެވޭ ކަމަށް އެއްބަސްވެފަ އެވެ. އަދި ފަހުން ގެނައި ބަދަލުތަކުން އެކަން ހައްލުވިކަން ވެސް ސެޒޭން ފާހަގަކުރި އެވެ.