11 އޮކްޓޯބަރ 2021 - 11:34

އައިޝަތު ލީނާޒުގެ އުއްމީދެއް އޮތެވެ؛ ކޮންމެ ދާއިރާއަކުން މަތީ ތައުލީމު ހާސިލްކުރިއަސް އޭނާގެ އުފަން ރަށް، ށ. ފޯކައިދުއަށް ހިދުމަތް ކުރުމެވެ. އެންމެ މުހިއްމު ދަނޑިވަޅުވަޅުގައި 25 އަހަރުގެ ޒުވާނާ އެ އުއްމީދު ހާސިލްކޮށްފި އެވެ.

ރަށުގައި ގްރޭޑު 10އާ ހަމައަށް ކިޔެވުމަށް ފަހު ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުން އޭ ލެވެލް ނިންމީ، ބައްޕަ އާއި އާއިލާގެ އެންމެން ދިން ހިތްވަރާއެކު ރާއްޖެއިން އެއްވަނަ އަދި އެކައުންޓިން އިން ދުނިޔެއިން އެއް ވަނަ ހޯދައިގެންނެވެ. އިނާމަކަށް ލިބުނު ރައީސްގެ ސްކޮލަޝިޕްގައި ލީނާޒު ބޭނުންވީ އެމްބީބީއެސް ހަދާށެވެ.

އެކަމަކު ގްރޭޑު އަށަކާ ހަމައަށް ދިޔައިރު ވެސް ރަށުގައި ސައިންސް ސްޓްރީމުން އޯ ލެވެލް ހަދާފައި ނުވާތީ ރިސްކެއް ނުނަގަން އޭނާ ނިންމީ ބިޒްނަސް ސްޓްރީމް ނަގާށެވެ. އެކަމާ ހެދި އެމްބީބީއެސް ހެދުމުގެ ފުރުސަތެއް ނުލިބުނެވެ. އެހެންވެ، އޭނާ ނިންމީ އޮސްޓްރޭލިއާގެ ކްއީންސްލޭންޑު ޔުނިވާސިޓީން ހެލްތު ސައިންސް ކިޔަވައި ޕަބްލިކް ހެލްތަށް ހާއްސަވާށެވެ.

ތިން އަހަރުގެ ޑިގްރީއަށް ފަހު ލީނާޒް އެނބުރި ރާއްޖެ އައީ އޮގަސްޓް، 2019 ގަ އެވެ. އޭރު ހެލްތު މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާތަކުން ވެސް ވަޒީފާތަކަށް ހުޅުވާލާފައި އޮތެވެ. އެކަމަކު މާލޭގައި މަޑުކުރަން ބޭނުން ނުވެ ލީނާޒް ރަށަށް ދިޔައީ އެވެ.

އާބާދީގައި 1،875 މީހުން ހިމެނޭ ރަށުގެ ސިއްހީ މަރުކަޒުގެ ޕަބްލިކް ހެލްތު ޔުނިޓުގެ ހުރިހާ ވަޒީފާއެއް އޭރު ހުރީ ފުލްވެފަ އެވެ. ހުސް ވަޒީފާއެއް ނެތި ހުއްޓައި ފެނުނީ އިއުލާނެކެވެ. އޭނާ ކިޔެވި ދާއިރާއާ މުޅިން ތަފާތު ކަމަކަށެވެ؛ ރިސެޕްޝަނިސްޓަކަށެވެ.

ކަމެއް ނުކޮށް ރަށުގައި ހުރުމުގެ ބަދަލުގައި ލީނާޒު ނިންމީ ރަށަށް ހިދުމަތް ކުރަން ލިބުނު އެ ފުރުސަތުގެ ބޭނުން ހިފާށެވެ.
މޮޅަށް ކިޔަވައި ފަހުރުވެރި ނަތީޖާތަކެއް ހޯދައިގެން ރިސެޕްޝަނިސްޓަކަށް އުޅޭތީ އެކަމާ ބައެއް ފަހަރު ބައެއް މީހުން ދެރަވެގެން ވެސް ލީނާޒުއާ ވާހަކަދައްކަ އެވެ. މާލެއަށް ދިރިއުޅުން ބަދަލުކޮށްގެން ރަނގަޅު ވަޒީފާތައް ލިބޭނެކަމުގެ ހިތްވަރުދެ އެވެ.
އެކަމަކު އެ ހުރިހާ ވާހަކަތަކަކަށް އޭނާ ދެނީ އެއް ޖަވާބެވެ.
"އަބަދު ވެސް ބުނަން ކޮންމެ އެއްޗެއް ކިޔެވިއަސް ހުންނާނީ ރަށުގައޭ. ރަށަށޭ ހިދުމަތް ކުރަން ބޭނުންވަނީ. އަޅުގަނޑު އެންމެ އުޅެން ބޭނުން ނުވާ ތަނަކީ މާލެ. ކިތަންމެ ބޮޑު މުސާރައެއް ލިބޭ، ކިތައްމެ ރަނގަޅު ވަޒީފާއެއް ލިބުނަސް ހަމަ ލިބޭ މުސާރަ އެއްކޮށް ކުއްޔަށް. އެކަހަލަ ހަރަދުކޮށްގެން ކުޑަކުޑަ ގޮޅިއެއްގައި ބަންދުވެގެން އުޅެންޖެހޭނީ،" ހުސްވަގުތުގައި ގަސް ހައްދައި، އޮޅު ޖަނަވާރު ގެންގުޅެ، ރަށްފުށުގެ ދިރިއުޅުމަށް ލޯބިކުރާ ލީނާޒު ބުންޏެވެ.
ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށީ އެ ވަޒީފާއަށް ނުކުންނަން ފެށިތާ ދެ ތިން މަސް ފަހުންނެވެ. ރާއްޖެއަށް ވެސް ނުރައްކާ ކުރިމަތިވި އެ ދަނޑިވަޅުވީ އޭނާ ކިޔެވި އެއްޗެއްގެ ބޭނުން ހިފައި އާއްމުންނަށް ހިދުމަތް ކުރަން ލިބުނު ފުރުސަތަކަށެވެ. ކޮވިޑާ އެކު ލީނާޒުގެ މަސައްކަތަކަށް ވެގެން ދިޔައީ ރަށުގެ އިދާރާތަކުގެ ވެރިންނާއި އާއްމުންނަށް އެ ބައްޔާ ގުޅޭ މައުލޫމާތު އޮޅުންފިލުވައިދީ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމެވެ.
އެހެންވެ، އޭނާ ގަބޫލުކުރަނީ ރަސްމީކޮށް ޕަބްލިކް ހެލްތު އޮފިސަރެއްގެ ވަޒީފާ ލިބިފައި ނެތްކަމުގައި ވިޔަސް ކިޔެވި އެއްޗެއްގެ ބޭނުން ހިފޭ ކަމެވެ. ރަށަށް ލީނާޒު އެންމެ ބޭނުންވި ދަނޑިވަޅުގައި ހިދުމަތް ކުރެވޭތީ އޭނާއަށް ލިބޭ އުފާ ވަކިން ބޮޑެވެ.
"އޮފިޝަލް ރިކޯޑުގައި ރިސެޕްޝަނިސްޓަކަށް އިނަސް މިހާރު ވެސް ޕަބްލިކް ހެލްތު ޔުނިޓުގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން. ޖޮބް ޓައިޓްލް އަދި ނެތީ،" ލީނާޒު ބުންޏެވެ.
އޭނާއަކީ ފޯކައިދޫގައި ކޮވިޑު ޓާސްކްފޯސްގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގެ ފޯކަލް ޕޮއިންޓެވެ.
އެ ރަށުން މިދިޔަ ޖުލައި 12 ގައި ކޮވިޑުގެ ފުރަތަމަ ކޭސް ފެނިގެން ބަނޑަށް އަށް މަހުގައި ގޭގައި ހުރެގެން ވެސް ލީނާޒު ކޮންޓެކްޓު ޓްރޭސިން ހެދި އެވެ. އަދި ކަރަންޓީނަށް ފޯކައިދުއަށް ދާ މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބުމާ ހަމައަށް ކޮންމެ ދުވަހަކު އެ މީހުންނަށް ގުޅައި ހާލު އޮޅުން ފިލުވި އެވެ.
"...އަޅުގަނޑު ގަބޫލުކުރަން ޕަބްލިކް ހެލްތު ކިޔެވިއެއް ކަމަކު ޕަބްލިކް ހެލްތުގެ ވަޒީފާއެއް އަދި ނުއެއް ލިބޭ،" ޔުނިވާސިޓީގައި ހަތަރު ސެމިސްޓާއެއްގައި ޑިސްޓިންކްޝަން އެވޯޑު ހޯދި ލީނާޒު ބުންޏެވެ.
"ބައެއް ފަހަރު ދެރަވޭ، ބައެއް ކުދިން ބުނަން ވެސް ބުނާނެ ބޭރުން ކިޔަވައިގެން އައިސް ރަށުގައި ތި ހުންނަނީ ކީއްކުރަންހޭ. މާލެއަށް އައިސް، މާލޭގައި އެބަހުރޭ ހެލްތު މިނިސްޓްރީން ވަޒީފާއަށް އިއުލާނުކޮށްފައި، އަޅުގަނޑު ޝަރުތުހަމަވާނެ. އެކަމަކު ރަށުގައި އުޅެން ބޭނުންވަނީ. ދިރިއުޅުމުގައި މި އޮންނަނީ ހަމައެކަނި މުސާރައެއް ނޫންތާ،"
އޭނާ ބުނީ ރަށުގައި މިހާރު ދިރިއުޅެމުން އަންނަނީ ވަރަށް ހަމަޖެހިގެން ކަމަށެވެ.
"ރަށުގައި މި އުޅެނީ ވަރަށް އުފާވެރިކޮށް. ހަމައެކަނި އިންނަ ތަންކޮޅަކީ އަޅުގަނޑު ކިޔެވި ދާއިރާއިން އަދި ވަޒީފާއެއް ހަމަޖެހިފައި ނެތުން. އަޅުގަނޑު މި އުއްމީދުކުރަނީ ކުރިމަގުގައި އެކަން ވެސް ހާސިލްވާނެެ ކަމަށް. އުއްމީދު ގެއްލުވައެއް ނުލަން. ސްކޫލުން ހެލްތު އޮފިސާއެއް ނުވަތަ ޕަބްލިކް ހެލްތު ޔުނިޓުގެ ވަޒީފާއަކަށް މި އިންތިޒާރުކުރަނީ،"
ޕަބްލިކް ހެލްތު ކިޔަވަން 2016 ވަނަ އަހަރު ދިޔައިރު ރާއްޖޭގައި އެ ދާއިރާ އޮތް ހާލަތެއް ލީނާޒަށް މާ ރަނގަޅަކަށް ނޭނގެ އެވެ. ނަމަވެސް ޕަބްލިކް ހެލްތުގައި ދުނިޔޭގައި އެންމެ ރަނގަޅު ގައުމުގެ ތެރޭގައި ހިމެނޭ އޮސްޓްރޭލިއާއިން ކިޔަވައިގެން އައިއިރު ރާއްޖޭގެ ކަންކަން އޮތީ އޭނާ އުއްމީދުކުރި ގޮތަކަށް ނޫނެވެ.
އެ ގައުމުގައި އާއްމު ބަލިތަކުން މީހުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއްދީ ހޭލުންތެރިކުރުވުމުގެ އެކި ޕްރޮގްރާމްތައް ހިންގަ އެވެ. އެކަމަކު ރާއްޖެއިން ފެންނަ މަންޒަރަކީ، ލީނާޒު ބުނިގޮތުގައި، ބަލިތަކުން އާއްމުން ސަލާމަތްކުރުމުގެ ބަދަލުގައި އެކަންކަން ދިމާވުމުން ފަރުވާއަށް ބޮޑެތި ހަރަދުތައް ކުރުމެވެ.
މަދިރި ކޮންޓްރޯލް ކުރަން ވެސް މަސައްކަތް ކުރަނީ އެއާ ހެދި ޖެހޭ ބަލިތައް ފެތުރެން ފެށުމުން ކަމަށާއި ރާއްޖޭގައި މިހާރު އެންމެ އާއްމުވަމުންދާ ހަކުރު ބަލި ފަދަ ބަލިތައް ކޮންޓްރޯލް ކުރަން ދުޅަހެޔޮ ސިއްހަތަކަށް ރަނގަޅު ޕްރޮގްރާމެއް ނުހިންގާ ކަމުގެ ކަންބޮޑުވުންތައް އޭނާ ފާޅުކުރި އެވެ.
"ޕްރައިމަރީ ހެލްތު ކެއާ ދޫކޮށްލާފައި ޓާޝަރީ ފަރުވާއަށް މި އިސްކަންދެނީ. މިކަން އޮންނަން ޖެހޭނީ އެއާ އިދިކޮޅަށް،" ލީނާޒު ބުންޏެވެ.
އެ ދާއިރާއަށް އަޅާނުލާކަން ދޭހަވާ އަނެއް މިސާލަކީ ޕަބްލިކް ހެލްތުގެ އޮނިގަނޑެއް ވެސް ނެތުމެވެ. އޭގެ ސަބަބުން ލީނާޒަށް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވުމުގެ މަގު ވަނީ ބަންދުވެފަ އެވެ.
"އެލައިޑް ހެލްތު ކައުންސިލްގެ ބޯޑު އޮފް ހެލްތު ސައިންސަސްގައި ކޮމިއުނިޓީ ހެލްތުގެ ދަށުން ރަޖިސްޓާޑު ޕްރޮފެޝަންސް ތެރޭގައި މި ހިމެނެނީ ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތު ކެއާ ވޯކާސް އަދި ފެމިލީ ހެލްތު ކެއާ ވޯކާސް. ޕަބްލިކް ހެލްތު ވޯކާސް ޕްރޮފެޝަނެއް ގޮތުގައި ރަޖިސްޓްރީކުރެވޭކަށް އަދި ނެތް. އެކަމަކު އެ ހުރިހާ ބައިތަކެއް މި އަންނަނީ ޕަބްލިކް ހެލްތުގެ ދަށުން،" އޭނާ ބުންޏެވެ.
ޕަބްލިކް ހެލްތުގެ ދާއިރާއިން އަންނަ އަހަރު މާސްޓާސް އަށް ކިޔަވަން ނިންމައިގެން ހުރި ލީނާޒު ބުނީ ރިސެޕްޝަނިސްޓެއްގެ ގޮތުގައި އުމުރު ދުވަހު ހުންނަން ބޭނުން ނުވާ ކަމަށެވެ. ކިޔެވި ދާއިރާ އިން ރަނގަޅު ވަޒީފާއެއް ހަމަޖެހުމުން ބަދަލުވާން ހުރީ އުއްމީދުކޮށްގެންނެވެ. ދިރިއުޅުމަށް އަންނަ ބަދަލުތަކުން އުފަން ރަށުގައި އަބަދު ނޫޅެވުނަސް، އޭނާގެ ހިދުމަތް ހާއްސަކުރާނީ ފޯކައިދުއަށެވެ.