ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން ދީ، ތިން މަސް ފަހުން ކުލި ނަގާނެ
ހިޔާގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން ދީ، ތިން މަސް ފަހުން ކުލި ނަގާނެ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން ފޯރުކޮށްދީފައިވާ ކަމަށާއި ތިން މަސް ފަހުން ކުލި ނަގަން ފަށާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ފްލެޓު ލިބުނު މީހުންނާއެކު އެޗްޑީސީން ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، އެ އެއްބަސްވުމުގައި ސޮއިކުރާއިރު އެ ޓަވަރަކަށް ފެނާއި ކަރަންޓު ނުލިބޭނަމަ ގްރޭސް ޕީރިއަޑްގެ ތިން މަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެން ލިބުނުކަން އެޗްޑީސީން އިއުލާނުކުރުމުންނެވެ.

އެ ހިދުމަތް މިހާރު ހިޔާގެ ހުރިހާ ޓަވަރަކަށް ވެސް ފޯރުކޮށްދީފައިވާ ކަމަށް ބުންޏެވެ.

އެހެންވެ، އިއްޔެގެ ނިޔަލަށް ފްލެޓުގައި ސޮއިކޮށްފައިވާ މީހުންގެ ގްރޭސް ޕީރިއަޑް މިއަދުން ފެށިގެން ހިނގާތީ، ތިން މަސް ފަހުން ކުލި ނަގަން ފަށާނެ ކަމަށް އިއުލާނުގައިވެ އެވެ.

ހިިޔާގެ 6،720 ފްލެޓު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ފިނިޝިން ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމާއެކު ބައެއް މީހުން ވަނީ ހިޔާ ފްލެޓަށް ބަދަލުވެފަ އެވެ.

ނަމަވެސް ބައެއް ހިދުމަތްތައް ނުލިބޭތީ އެ މީހުންގެ ޝަކުވާ އޮތީ ބޮޑުވެފަ އެވެ. އޭގެ ތެރޭގައި ދެވަނަ ފިޔަވެއްސަށް ބަހުގެ ހިދުމަތް ނުލިބުމާއި ކުނި ނެގޭނެ ގޮތެއް ނެތުން ހިމެނެ އެވެ. ގިނަ ބައެއްގެ ކަންބޮޑުވުންތައް އޮތުމުން އެމްޓީސީސީން މިއަދު ވަނީ ދެ ވަނަ ފިޔަވެއްސަށް ބަހުގެ ހިދުމަތް ދޭން ފަށައިފަ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓަށް މިހާރު ވެސް 60 އަށްވުރެ ގިނަ އާއިލާ ބަދަލުވެފައިވާ ކަމަށެވެ.