ހަޔާތަށް ދިރުން ގެނުވާ ކަންކަން ދެމެހެއްޓުން
ހަޔާތަށް ދިރުން ގެނުވާ ކަންކަން ދެމެހެއްޓުން

ދިރިއުޅުމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި ގޮތުގައި އިންތިޒާމު ކުރެވޭނެ ވަރަށް މަތިވެރި އުސޫލުތަކެއް އިސްލާމްދީނުގައިވެ އެވެ. މި އުސޫލުތަކުގެ މައްޗަށް ބިނާވާ އަސާސްތަކެއްގެ މަތީ މުޖުތަމައު ދެމިއޮންނަ ނަމަ އިންސާނީ ދިރިއުޅުން ބާއްޖަވެރިވެ އުޚްރަވީ ހަޔާތް ކާމިޔާބު ކުރެވޭނެ އެވެ. މިދެންނެވި ފަދަ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ ހަޔާތަށް ދިރުން ގެނުވާ ކަންކަން ދެމެހެއްޓުމާއި ފަނާކުރަނިވި ކަންކަމުން ދުރުހެލިވުމެވެ.

ކީރިތި ނަބިއްޔާ ﷺ ގެ މުޅި ދައުވަތުގައި އެކުލެވިގެން ވަނީ އިންސާނުންގެ ދިރިއުޅުމުގެ ހަޔާތަށް އެއިން ދިރުން ލިބެނިވި ކަންކަމެވެ. އެހެންވެ އެ ކަލޭގެފާނަށް އިޖާބަ ދިނުމަށް މާތް ﷲ އަންގަވަ އެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުން ދޭ ކަމަކަށް، ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާ ހިނދު ﷲ އަށާއި ރަސޫލާ އަށް ތިޔަބައިމީހުން އިޖާބަ ދޭ ހުށި ކަމެވެ." (އަލްއަންފާލު 24). ވީމާ މި ދައުވަތަށް އިޖާބަ ދިން ކަމުގައި ބެލެވޭނީ ހަޔާތަށް ދިރުން ލިބޭ ކަންކަން ދަމަހައްޓައި ފަނާ ކުރަނިވި ކަންކަމުން ދުރުހެލި ވެގެންނެވެ. މިފަދަ ކަންކަން ވަނީ އިސްލާމް ދީނުގައި އިންތިޒާމު ކުރެވިފަ އެވެ. މިގޮތުން ދިރިއުޅުމަށް ބޭނުންވާނޭ އެކިއެކި ނިޒާމުތަކާ ގުޅޭ މުހިންމު އުސޫލުތަކާއި ބައެއް ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ވެސް ވަނީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުގައި ބަޔާން ކުރެވިފަ އެވެ.

މި ދެންނެވި ނިޒާމުތަކުގެ ތެރޭގައި ދިރިއުޅުމުގެ ކަންކަމާ މެދު ސިޔާސަތުތައް ރާވައި ހިންގުމުގެ ނިޒާމު ހިމެނެ އެވެ. މާލީ ކަންކަން ތަރައްގީކޮށް އިންތިޒާމު ކުރުމުގެ ނިޒާމު ހިމެނެ އެވެ. އިޖުތިމާއީ ކަންކަން ވަކި ހަމަތަކެއްގެ މަތީ ދެމެހެއްޓުމުގެ ނިޒާމު ހިމެނެ އެވެ. އަޚުލާގީ މިންގަނޑުތައް ހިފެހެއްޓުމާ އެކު ޝަރުއީ އެންމެހާ ކަންކަން އިންތިޒާމުކޮށް މީސްތަކުންގެ މެދުގައި އަދުލުވެރި ކަމާ އެކު ހުކުމް ކުރުމުގެ ނިޒާމު ހިމެނެ އެވެ. އަޅުކަމާއި ޢަޤީދާގެ ކަންކަން ވެސް ދެ ދުނިޔޭގެ ހަޔާތަށް އެންމެ ކަމުދާ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ނިޒާމު ހިމެނެ އެވެ. މި ނިޒާމުތަކުގައި ބާރުއަޅަނީ ހަޔާތަށް ދިރުން ގެނެސްދޭ ކަންކަން ކުރުމަށް އެކަންޏެއް ނޫނެވެ. އެއާ އެކު ދިރިއުޅުން ހަލާކުކޮށް ފަނާ ކުރަނިވި ކަންކަމުން ދުރުހެލި ވާން ވެސް ބާރު އަޅަ އެވެ. އެއް ބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިކަން ބޭއްވުމާއި ތަޅާފޮޅުމާއި ހައިޖާނު އުފެއްދުން ފަދަ ކަންކަން ވަރަށް މަތީ ދަރަޖަ އަކަށް ނަހީ ކުރެވިފައިވެ އެވެ.

ހަޔާތަށް ދިރުން ގެނައުމަށްޓަކައި، ދިރިއުޅުމަށް މަސައްކަތްކޮށް ދިރިއުޅުން ބާއްޖަވެރި ކުރުމަށް އިސްލާމް ދީން ބާރު އަޅަ އެވެ. އިސްލާމް ދީން ދެކޭ ގޮތުގައި އުޚުރަވީ ހަޔާތް ކާމިޔާބު ކުރެވޭނީ ދުނިޔަވީ ހަޔާތް ވެސް ކާމިޔާބު ކޮށްގެންނެވެ. ޢަބްދުﷲ އިބްނު އުމަރު ވިދާޅުވާ ގޮތުން ދުނިޔެއަށްޓަކައި މަސައްކަތް ކުރަން ޖެހޭނީ ތިބާ އަކީ އަބަދު ދިރި ހުންނާނެ މީހެއް ކަމަށް ބަލައިގެންނެވެ. އަދި އާޚިރަތަށްޓަކައި މަސައްކަތް ކުރަން ޖެހޭނީ ތިބާ އަކީ މާދަމާ ވެސް މަރުވެދާނެ މީހެއް ކަމަށް ބަލައިގެންނެވެ. ވީމާ އެއްވެސް މާޔޫސް ކަމެއް ނެތި އުއްމީދާ އެކު މަސައްކަތް ކުރަން ޖެހެއެވެ. ހުއްޓުމެއް ނެތި އަބަދުވެސް ދެމިގެންދާ ގޮތުގައެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ﷲ ގެ ހަޒްރަތުގައި އެންމެ ލޯބިވެތިވެގެންވަނީ މަދުން ވިއަސް ދެމިގެންދާ ގޮތުގައި ކުރާ ހެޔޮ އަމަލެވެ.

ހަޔާތަށް ދިރުން ގެނެވޭ ކަންކަން ކުރުމަށްޓަކައި އިލްމު އުނގެނުމަކީ އެންމެ ފުރަތަމަ ކަމެވެ. ކީރިތި ޤުރުއާނުން އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކުން ވެސް މިކަން އެނގެ އެވެ. ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާ ގޮތުގައި އިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. ދެވަނަ ކަމަކަށް އިންސާނާގެ ހަށިގަނޑާއި ބުއްދިއާއި ނަފްސު ރައްކާތެރިކޮށް ބަލަހައްޓަން ޖެހެ އެވެ. ފުރިހަމަ ސިއްހަތެއްގައި އިންސާނާ ދެމެހެއްޓުމަށް އިސްލާމް ދީން ގޮވާލާ އިރު އެކަމަށް ބާރު ލިބޭ ކަންކަމުގެ ގޮތުގައި ބައެއް އަޅުކަންތަކާއި ރިވެތި އަޚުލާގުތައް ހިމެނެ އެވެ. ވުޟޫ ކުރުމާއި ހިނައިގަތުމާއި ނަމާދު ކުރުމާއި ރޯދަ ހިފުން ފަދަ ކަންކަމުން ހަށިގަނޑާއި ނަފްސުގެ ސިއްހަތަށް ކުރިއެރުން ލިބެ އެވެ.

ތިންވަނައަށް، ކައުނުގައި ﷲ ލައްވަވާފައިވާ އެންމެހާ އިލާހީ ސުންނަތްތަކަށް ތަބާވާން ޖެހެ އެވެ. އެބަހީ ކޮންމެ ކަމަކަށް ވެސް ސަބަބުތަކެއް ލައްވާފައި ވާއިރު އެ ސަބަބު ތަކުގައި ހިފުމެވެ. ސަބަބު ތަކުގައި ހިފުމަށް ފަހު ﷲ އަށް ފުރިހަމަ ގޮތުގައި ވަކީލު ކުރަން ޖެހެ އެވެ. ކީރިތި ރަސޫލާ ﷺ މިކަމަށް މިސާލު ޖައްސަވާފައި ވަނީ ދޫނިސޫފާ ސޫފި އެސޮރުމެންގެ ދިރިއުޅުމަށް މަސައްކަތް ކުރާ ފަދައިން ވަރުބަލި ކަމެއް ނެތި ބުރަ މަސައްކަތް އިންސާނާ ވެސް ކުރުމަށެވެ. ﷲ ގެ އިލްހާމާ އެކު ކުޅަނދުރުތައް އެސޮރުމެންގެ ހަތާގައި މަސައްކަތް ކުރާ ފަދަ ހީވާގި ކަމާ އެކު ހަޔާތަށް ދިރުންދޭ ހަމަ ކޮންމެ ކަމެއްވެސް ކުރަން ޖެހެ އެވެ.

ހަޔާތަށް ދިރުންދޭ ކަންކަން ކުރުމާ އެކު ހަޔާތް ފަނާ ކުރަނިވި އެންމެހާ ކަންކަމުން މުސްލިމުން ދުރުހެލިވާން ވެސް ޖެހެ އެވެ. މިގޮތުން ފުރާނަތައް ދުއްވާލުމާއި ނަފްސު ތަކަށް ގެއްލުން ދިނުމަކީ ހަރާމް ކަމެކެވެ. ﷲ އަންގަވަނީ އަމިއްލަ ނަފްސު ގަތުލު ނުކުރުމަށެވެ. އެކަލާނގެ މީސްތަކުންނަށް އޯގާވަންތަ ވެރި ވެގެންވާ ކަމަށެވެ. (އައްނިސާއު 29). އަމިއްލަ އަށް މަރުވާ މީހުންނާ މެދު ޤުދްސިއްޔަ ހަދީސެއްގައި ވަނީ އަޅާ އޭނާގެ އަމިއްލަ ނަފްސައިގެން އަވަސްވެ ގަނެއްޖެ ކަމަށެވެ. އެހެންވެ އޭނާއަށް ސުވަރުގެ ޙަރާމް ކުރެވިގެންވާ ކަމަށެވެ. (ބުޚާރީ). ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސު ހައްގު ގޮތުގައި މެނުވީ ނުމެރުމަށް ﷲ އަންގަވަ އެވެ. (އަލްއަންޢާމް 151). އަދި ނަފްސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދަ އެއް އުފައްދައިގެން ނޫން ގޮތަކަށް ނަފުސެއް މަރައިފި މީހަކު އެންމެހާ މީސްތަކުން މެރި ފަދަ ކަމަށާއި އެ ނަފްސު ދިރުވައިފި ނަމަ (އެބަހީ ނުމަރައި ދޫކޮށްލައިފި ނަމަ) އެންމެހާ މީސްތަކުން ދިރުވި ފަދަ ކަމުގައި ބަޔާން ކުރެވިފައި ވެ އެވެ. (އަލްމާއިދާ 32).

ޖާހިލީ ޒަމާނުގައި އޮތް ނުބައި އާދައެއް ކަމުގައިވާ އަންހެން ދަރިން ދިރި ތިއްބާ ވަޅުލަމުން ގެންދިއުން މަނާ ކުރައްވާފައިވެ އެވެ. (އަލްއިސްރާއު 31). މުއުމިނެއްގެ ފުރާނަ ދުއްވާލައިފި މީހާއަށް އަބަދަށް ދެމިހުންނަނިވި ނަރަކައިގެ އަޒާބާއި ﷲ ގެ ކޯފާއާއި ލައުނަތް ލިބުމާއި ގަދަފަދަ ވެގެންވާ އަޒާބު ތައްޔާރު ކުރެވިގެންވާ ކަމަށް ކީރިތި ޤުރުއާނުގައި ބަޔާން ވެގެންވެ އެވެ. (އައްނިސާއު 93).

ފުރާނަ ރައްކާތެރި ކުރުމުގައި މުއުމިނުންނަށް މިފަދަ ހާއްސަ ކަމެއް ދިނަސް މުއުމިނުންގެ ޒިންމާގެ ދަށުގައި ތިބޭ މީހުންނާއި އަމާންދެވިފައިވާ މީހުންނާއި އަހުދެއްގެ މަތީގައިވާ މީހުންނަށް ވެސް ހަމަ މިފަދަ އިމްތިޔާޒު ލިބިގެންވެ އެވެ. ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ޒިންމީއެއްގެ ފުރާނަ ދުއްވާލައިފި މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަމަށެވެ. (އައްނަސާއީ).

މި އިޝާރާތް ކުރެވުނު ކަންކަމުން އެނގޭ ގޮތުގައި ގިސާސް ހިފުމާއި ނަފްސު ދިފާއު ކުރުމުގެ ތެރެއިން ފުރާނައެއް ދިއުމާއި އިސްލާމީ ޝަރީއަތުގެ މަގުސަދެއް ގެއްލިގެންދާ ހިނދު އެއިން ސަލާމަތް ވުމަށްޓަކައި މެނުވީ އެއްވެސް ފުރާނަ އަކަށް ގެއްލުން ދިނުމެއް ނެތެވެ. ހަގީގަތަށް ބަލާ ނަމަ މި ފަދަ ހާލަތްތަކުގައި ފުރާނަތައް ދުއްވާލުމަކީ ލިބޭ ދިރުމެކެވެ. (އަލްބަޤަރާ 179). ފުރާނަ ތަކުގެ ދިރުމަށް އިސްލާމް ދީން ބާރުއަޅާކަން އިތުރަށް ދޭހަވާ ކަމަކީ ބަދަލު ހިފުމާއި އުދުވާނީ ހަމަލާ ދިނުން އިސްލާމް ދީން މަނާ ކުރުމެވެ. އަދި ހަނގުރާމައިގެ ހާލަތްތަކުގައި މުސްކުޅިންނާއި އަންހެނުންނާއި ކުޑަކުދިން ގަތުލު ނުކުރުމަށް އަންގަވާފައި ވުމެވެ.

ވީމާ މީސްތަކުންގެ ފުރާނަތައް ސަލާމަތްކޮށް ނަފްސުތަކަށް ދިރުން ގެންނަން ޖެހެ އެވެ. އަދި މުޅި ދިރިއުޅުމުގެ ހަޔާތުގައި ކުރާ ހުރިހާ ކަމަކީ ވެސް ހަޔާތަށް ދިރުން ގެނެސްދޭ ކަންކަން ކަމުގައި ހަދަން ޖެހެ އެވެ. ހަޔާތް ފަނާ ކުރަނިވި އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހެ އެވެ.