30 ސެޕްޓެމްބަރ 2021 - 18:07

ދިވެހި ކޯޗުންނަށް ފުރިހަމަ އަށް އިތުބާރުނުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ފުޓްބޯޅައިގައި އެބައޮތް ކަމަށާއި އެކަމަކު ދިވެހިންނަށް ވެސް ގައުމީ ޓީމު މެނޭޖު ކުރެވޭނެކަން ސާބިތުކޮށް ދިނުމުގެ އަޒުމާއި ހިތްވަރު އޭނާ އާއި އޭނާގެ ކޯޗިން ޓީމުގައި އެބަހުރި ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

މާދަމާ ރާއްޖޭގައި ފަށާ، ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގެ ޕްރީ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ކްލަބު ލެވަލްގައި އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ ކޯޗު ބުނީ ސާފް ޗެމްޕިއަންޝިޕް ކަހަލަ ކުރު މުބާރާތެއްގައި ދިވެހި ކޯޗުންނަށް ފުރުސަތު ދިނުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މުބާރާތުގައި ވާދަކުރާ ފަސް ޓމުގެ ތެރެއިން އެ ގައުމަކަށް ނިސްބަތްވާ މެންބަރުންނާއެކު މުބާރާތުގައި ވާދަކުރާ ހަމައެކަނި ޓީމަކީ ރާއްޖެ އެވެ.

"ހުސް ދިވެހި ކޯޗިން ޓީމެއް އޮތީމަ އަޅުގަނޑުމެން އެންމެންގެ ވެސް އެބައޮތް ވިސްނުމެއް މިއީ އަޅުގަނޑުމެން ޕްރޫވް ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންނަށް މިގޮތަށް [ދިވެހި ކޯޗިން ޓީމަކާއެކު] ވެސް މިކަން ކުރެވިދާނެ ކަން،" ސުޒޭން ބުންޏެވެ.
"އަޅުގަނޑުމެން ޓީމުގައި މިތިބަ ދިވެހި ކޯޗުންގެ އިތުރުން ޓީމުން ބޭރުގައި ތިބި ދިވެހި ކޯޗުންނަށް ވެސް ރަނގަޅު ކަމަކަށް ވާނެ، މީގެއިން އަޅުގަނޑުމެންނަށް ކާމިޔާބާ ހަމައަށް ދެވިއްޖެއްޔާ. އެއީ ދިވެހި ކޯޗުންނަށް އިތުބާރު ކުރުމުގެ ބައި ކޮންމެވެސް ވަރަކަށް ރާއްޖޭގައި ކުޑަކޮށް އޮތީ. އެހެން އޮތް ދަނޑިވަޅެއްގައި އަޅުގަނޑުމެންނަށް މިކަން ކުރެއވިއްޖެއްޔާ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ."
ސުޒޭން ބުނީ، ރާއްޖޭގެ ކޯޗުކަން އޭނާ އަށް ހުށަހެޅުނު ހިސާބުން އެކަން ގަބޫލު ކުރީ، ހުރި ގިނަ ހާލަތްތަކަށް ބެލުމަށް ފަހު ދިވެހިންނަށް އެކަން ކުރެވިދާނެކަން ވިސްނުނު ހިސާބުން ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އޭނާ އެސިސްޓެންޓް ކޯޗަކަށް ހުރި އިރު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މަސައްކަތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިވެހި ރާއްޖޭގައި މިކުރެވިދާނެކަން އަޅުގަނޑަށް ގަބޫލު ކުރެވުނު ހިސާބުން އަޅުގަނޑު އެއްބަސްވީ. އޭގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުގެ ވާތް ފަރާތުން ފެންނަން މިހިރަ އަޅުގަނޑުމެންގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ،" އޭނާގެ ވާތް ފަރާތަށް އިޝާރާތްކޮށް ސުޒޭން ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
"އެއީ މި ޓީމުގައި އެ ލިޑާޝިޕް އަޅުގަނޑަށް ފެނިގެން ދިޔައީ ދުބާއީގައި އަޅުގަނޑުމެން ކުރި މަސައްކަތުގައި. އަޅުގަނޑުމެން ޖެންގައި ކޭމްޕްކޮށްގެން ވޯލްޑް ކަޕް ކޮލިފައިންގައި އޭރު ކުރި މަސައްކަތުގައި. ދެން އަކުރަމް ކެޕްޓަނަކަށް އައިސް މިވީ ދުވަސްތަކުގައި އެކުރި މަސައްކަތާ އެ ބޮންޑާއި ޓީމުގެ ޑިސިޕްލިން ފެނުނީމަ މިވަރުގެ ޓީމެއް ގެންގުޅުމުގައި ހުރި ފަސޭހަކަން އިހްސާސްވުމާ، އަޅުގަނޑުގެ ފުޓްބޯޅައިގެ ތަޖުރިބާ އަށް ބަލާއިރު މިއީ އަޅުގަނޑަށް ކުރެވިދާނެ ކަމެއްކަން ގަބޫލު ކުރެވިގެން.
"އަނެއްކާ އަޅުގަނޑުގެ އެސިސްޓެންޓް ކޯޗަކަށް އެ ހުރި [އިސްމާއީލް މަހްފޫޒު] ކޯޗަކީ ވަކި އަޅުނގަޑަށް ވުރެ ތަޖުރިބާ މަދު ކޯޗެއް ނޫން. އަޅުގަނޑުމެން ކްލަބު ފުޓްބޯޅައިގައި އެއްކޮށް މަސައްކަތް ކުރާތާ އެތައް ޒަމާނެއް. އަދި އިންޓަނޭޝަނަލް ތަޖުރިބާ އަށް ބަލާއިރު ވެސް މި ކުރެވުނު މަަސްކަތަށް ބަލާއިރު އަޅުގަނޑަށް މިކަން ކުރެވިދާނެކަން ގަބޫލު ކުރެވޭތީ އަޅުގަނޑު ހަވާލުވީ."
އޭނާ ބުނީ ދިވެހި ކޯޗިން ޓީމުގެ އިތުރަށް ދިވެހި ޖޯޒީގައި ވެސް ދިވެހި ވަންތަކަން ފެނިގެންދާނެ ކަމަށެވެ. ސުޒޭން ބުނީ ޓްރޭނިން ކޭމްޕްގައި ލަންކާއާ ދެކޮޅަށް ކުޅެން ކުރި މަސައްކަތް ކާމިޔާބު ނުވި ނަމަވެސް ރާއްޖޭގެ ތައްޔާރީތައް ދިޔައީ ރަނގަޅަށް ކަމަށެވެ. ނޭޕާލުން މިދިޔަ މަހު އިންޑިއާ އާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވުމަކީ ނޭޕާލަށް އޮތް އެޑްވާންޓޭޖަކަށް ވެދާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ޓްރޭނިންތައް ވެސް ބޭނުންވި ގޮތަށް ގެންދެވުނުކަން އޭނާ ފާހަގަ ކުރި އެވެ.
މާދަމާ ރޭ ނޭޕާލްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ބަންގްލަދޭޝް އާއި ސްރީ ލަންކާ އެވެ.