05 ޖޫން 2016 - 13:50

ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ސަލާމަަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ ތަނެއްގެ ބަދަލުގައި މިހާރު ސިފަ ވަނީ ހުދުމުހުތާރު ވެރިކަން ދަހަމަހައްޓަން ހާއްސަ ކޮށްފައިވާ ތަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ރޯދައަށް މަރުހަބާ ކިޔަން އެ ޕާޓީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މާހެފުން ހުއްޓާލުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ބުނީ އެ ރޭ ހިތާމަވެރި މާރާމާރީތަކެއް ހިނގައި ދެ ކުޑަކުދިން މަރުވިއިރު ވެސް 50 އަށްވުރެ ގިނަ ފުލުހުން ނެރެ ވަސީލަތްތައް ބޭނުންކޮށް އިސްކަމެއްދިނީ މާހެފުން ހުއްޓުވާލުމަށް ކަމަށެވެ.
ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ކުރިމަތީގައި މާހެފުން ބާއްވަން ފުރުސަތު ނުދިނީ ފުލުހުން ބުނިގޮތުގައި ހުއްދަ ނުހޯދާތީ އެވެ. ނަމަވެސް އެމްޑީޕީން ބުނީ މާހެފުން ބާއްވަން މިދިޔަ އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީ އަށް ހުއްދަ ހޯދަން ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގެ ކޮޕީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނަށް ވެސް ހިއްސާކޮށްފައިވާނެ ކަމަށް ބުންޏެވެ.
"އެތައް ބައެއްގެ އެހީތެރިކަމާއި ބުރަ މަސައްކަތާއެކު ކާބޯތަކެތި ތައްޔާރުކޮށް ރަމަޟާން މަހުގެ މާތްވެގެންވާ އަޅުކަމަށް ކުރިމަތިލުމުގެ އުފަލުގައި މި ޕާޓީގެ މެމްބަރުން އިންތިޒާމުކުރި މާހެފުން ރޫޅާލީ އަނިޔާވެރިކަމާ ހުދުމުހުތާރުކަމާއެކު އެއްވެސް އިހުތިރާމެއް ނެތި އެވެ. އެހެން ކަމުން މިކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
އެމްޑީޕީ އޮފީސް ކުރިމަތީގައި މޭޒުތައް އެތުރުމާ އެކު ފުލުހުން ވަނީ އެ މޭޒުތައް ދުވާރު މައްޗަށް އަރުވައިފަ އެވެ. އަދި މަގުމަތީގައި މާހެފުން ކުރިއަށް ގެންދިއުމުގެ ހުއްދަ ނުދީ ފުލުހުންގެ ސަފުތައް ވަނީ، މާހެފުމުގެ ބައިވެރިންނަށް މަގުމައްޗަށް ނުނިކުމެވޭ ގޮތަށް ދުވާރު ކައިރީ އެތުރިފަ އެވެ. އަދި އެ ސަރަހައްދުގައި ސައުންޑް ސިސްޓަމް ބޭނުންކުރަން ފެށުމާ އެކު އެ ސައުންޑް ސިސްޓަމް ވެސް ފުލުހުން ގެންދިޔަ އެވެ.