30 ސެޕްޓެމްބަރ 2021 - 20:00

ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލާފައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމުގައި ކުރި ޝަރުތުތަކާ ހިލާފް ވެފައިވާތީ އެ މައްސަލާގައި އޭނާއަށް ޖާމިނުވި، އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓުގައި ދެވަނަ ފަަހަރަށް އެދުމުން ވެސް ފިޔަވަޅު ނާޅަން އެ ކޯޓުން ނިންމައިފި އެވެ.
ބޭސްފަރުވާއަށް އަލީ ވަހީދު އަށް މިދިޔަ ފެބްރުއަރީ މަހު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ކޯޓުން ދިނީ އޭނާ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަމެއްގެ ގޮތުން ތަޖުރިބާކާރު ފުޓުބޯޅަ ކުޅުންތެރިޔާ އަޑުބަރޭ ކޯޓުގައި ޖާމިނުވުމުންނެވެ. މުއްދަތު ހަމަވިއިރު ވެސް، އަލީ ވަހީދު އެނބުރި ވަޑައިނުގަތުމުން އަޑުބަރޭ އަށް ފިޔަވަޅު އަޅައިދޭން ދައުލަތުން އެދުނަސް، ކްރިމިނަލް ކޯޓުން ނިންމީ އޭނާ އަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން ހައި ކޯޓަށް ދިޔުމުން، ދައުލަތުން އެދުނީ ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން ކަމަށް ވާތީ އެފަދަ އަމުރެއް އެ ކޯޓުން ނެރެއެއްނުދިނެވެ. އެ މައްސަލައިގައި މި މަހުގެ 12 ވަނަ ދުވަހު ކުރި ހުކުމުގައި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި އެންމެ ބޮޑަށް ފާހަގަ ކުރި އެއް ކަމަކީ އަސްހަދަށް ފިޔަވަޅު ނާޅާ ކަމެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "މިހާރު" އަށް ވިދާޅުވީ، ހައި ކޯޓުން އެ ހުކުމް ކުރި ދުވަހާ ޖެހިގެން އައި ދުވަހު އަސްހަދަށް ފިޔަވަޅު އަޅަން ޕީޖީގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ. ދައުލަތުން އެދުނީ ކުރިން ވެސް އެދުނު ގޮތަށް އެއް އަހަރު ދުވަހުގެ ޖަލު އަދަބެއް އަންނަ ގޮތަށް އަސްހަދަށް ފިޔަވަޅު އަޅައިދިނުމަށެވެ.
އެހެން ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، ކުރިން ވެސް އެ މައްސަލައިގައި ގޮތެއް ނިންމާފައިވާ ކަމަށް ބުނެ ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ އަސްހަދަށް ފިޔަވަޅު ނޭޅުމަށެވެ.
ޕާސްޕޯޓުގެ މައްސަލައިގައި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ފާހަގަ ކުރެއްވި އެއް ކަމަކީ، އަސްހަދަށް ފިޔަވަޅު ނާޅަން ނިންމި ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ނުކުރާ ކަމެެވެ.
ޝަފީއު ވިދާޅުވި ގޮތުގައި، އެ ނިންމުން އިސްތިއުނާފު ނުކުރަނީ ކްރިމިނަލް ކޯޓުން ދިން ލިޔުން އޮތީ އިސްތިއުނާފު ކުރެވޭނެ ގޮތަށް ކަމަށް ޕީޖީ އޮފީހުން ނުދެކޭތީ ކަމަށެވެ.
އޭގެ އިތުރުން އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި އަސްހަދަށް ފިޔަވަޅު ނާޅަން ގާޒީ ހަސަން ސައީދު އެންމެ ފުރަތަމަ ނިންމެވި ކަމަށް ލިޔުން ދީފައިވާއިރު، މައްސަލައިގެ މަހުޟަރު ބަޔާންތަކުން އެގޮތަށް ނިންމެވިކަން އެނގެން ނެތް ކަމަށެވެ.
ކޯޓުން ދިން ލިޔުމުގައި އޮތީ އަސްހަދަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ. އެކަމަކު، އަސްހަދުގެ ކޯޓުގެ ހުރުމަތް ކަނޑައިފި ނަމަ ފިޔަވަޅު އެޅިދާނެ ކަމަށް އެ އެ ލިޔުމުގައި އޮންނަ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ޖާމިނުވި އިގުރާރާ ހިލާފުވުން ބަލަނީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން މީހަކު ޖާމިނު ކޮށްފައި ދޫކުރާ ހާލަތުގައި ކޯޓުން ކުރާ ޝަރުތުތަކާ ހިލާފްވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ އެވެ. އެގޮތުން އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.
ރާއްޖޭގައި ބާއްވަން ތައްޔާރުވަމުންދާ ސަރަހަައްދީ ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ވެސް އަސްހަދު ހިމެނެ އެވެ. އެ މުބާރާތް ފަށަން ހަމަޖެހިފައި ވަނީ މާދަމާ އެވެ.